23 ފެބުރުވަރީ 2022 - 13:58 0
ހުސެއިން މުހައްމަދު (ވ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސަައްތާރު ސަލާމްކުރަނީ.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
23 ފެބުރުވަރީ 2022 - 13:58 0
މިއަހަރު ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަރަކަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ވޮލީބޯޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.
އޭޝިއަން ގޭމްސް މިއަހަރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10-25 އަށް ޗައިނާގެ ހާންޒޫގަ އެވެ. މި ގޭމްސްގައި އެކި ކުޅިވަރުތަކުން ރާއްޖޭގެ 100 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.
މި އަހަރު ހުރި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެންމެ ބޮޑު އިސްކަމެއްދޭ ގޭމްސްކަމަށްވާ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ހުސެއިން ހަމަޖެއްސިއިރު އޭނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ.
އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރުންނާއި ހުސެއިން (ވ.2) ފޮޓޯ އަކަށް ހުއްޓިގެން: (ކ.ވ) އަހުމަދު އިސްމާއިލް، މުހައްމަދު އަބްދުލްސައްތާރު، ހުސެއިން އަދި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން.-- ފޮޓޯ؛ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އެ ގޮތުން ހުރުމުގެ އިންތިޒާމްތަކާއި، ދަތުރުކުރުމުގެ ކަންކަން ބެލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ހުސެއިން އެވެ. އޭނާ ވަނީ މީގެ ކުރިން 2010 ވަނަ އިންޑިއާގެ ނިއުދިއްލީގައި އޮތް 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ޗެފް ޑި މިޝަންގެ ޒިންމާ ވެސް އަދާކޮށްފަ އެވެ.
ރާއްޖޭގައި ތިބި މަދު އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ ރެފްރީންގެ ތެރޭގައި ހިމެނޭ ހުސައިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދެ ދައުރު އަދާކުރައްވައިފަ އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ހުސައިން އަކީ ދުނިޔޭގެ އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެ އެވެ.
ހުސައިން އަކީ އެމްއޯސީގެ އެޑިއުކޭޝަން އެންޑް ކަލްޗާ ކޮމިޓީގެ މެމްބަރެކެވެ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ހުސައިން ވަނީ ދާދިފަހުން ސްރީލަންކާގައި ނިމުނު ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އިސް ޑެލިގޭޓްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީގެ އެންމެ އިސް ރެފްރީއެއްގެ ޒިންމާ އަދާކުރީ ހުސެއިން އެވެ.
Comment