ސެންޓްރަލް ޒޯން މުބާރާތުގެ ތެރެއިން ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް.-- ފޮޓޯ: އަދަދު
ސްރީ ލަންކާގައި ކުރިއަށްދިޔަ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ މި ވަގުތުގެ ހާލަތު ދެނެގަނެވިއްޖެ ކަމަށާއި ވަރުގަދަ މެޗުތައް ކުޅޭ ވަރަކަށް ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފި އެވެ.
މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ފިރިހެން ދެ ޕެއާ އާއި އަންހެން ދެ ޕެއާ އެވެ. ފިރިހެން ދެ ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ. އަންހެން ދެ ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އާއި އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ އެވެ. މިއީ ޑެންޒޯ އާއި ކޯކޭގެ ޕެއާ ފިޔަވައި، ޕެއާއެއްގެ ގޮތުގައި ދެން ތިބި ތިން ޕެއާގެ ވެސް ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ.
ސެންޓްރަލް ޒޯން މުބާރާތުގައި މި ފަހަރު ރުދައިނާ އާއި ނާޒިމާގެ ޕެއާ ވަނީ ސެމީގައި ކުޅެފަ އެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި އެވެ.
މުބާރާތަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ކޯޗު ވިނީޝިއުސް ބުނީ މިއީ ރާއްޖެ ގޮސް މި މެޗުތައް މިދިޔަ ގޮތް އެނަލައިޒްކޮށް ގޯސްކޮށްދިޔަ ކަންތައްތައް ރަނގަޅުކުރަން ޖެހޭ ވަގުތު ކަމަށެވެ. މުބާރާތުގެ މެޗުތަކުން ޓީމުގެ ފެންވަރު ފެނިފައިވާ ކަމަށާއި އޭނާ ޓީމާ ހަވާލުވެ، ޓީމުުން ކުރި ޕްރެކްޓިސްތަކުގައި ހޯދި ކުރިއެރުންތައް ފެނިފައިވާ ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"އަހަރެން މިތަނަށް އައުމުގެ ކުރިން އަހަރެން ގާތުގައި ބުނި ސްރީ ލަންކާ އާއި އީރާން އަހަރެމެންނަށް ވުރެ މާ މޮޅު ކަމަށް. އަހަރެންގެ ވިސްނުމުގައި އަދި ރަނގަޅަށް ދިގު މުއްދަތަކަށް ޓްރެއިން ކޮށްފިއްޔާ އަހަރެމެންނަށް އެ މީހުންނާ އެއް ލެވަލަކަށް ދެވޭނެކަން ފެނިއްޖެ،" ވިނީޝިއުސް ބުންޏެވެ.
"އަހަރަމެން ރަނގަޅު ކުރަންޏާ އެބަޖެހޭ ވީހާވެސް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން،"
ކުރެވުނު މަސައްކަތާ މެދު ގައުމީ ބީޗް ވޮލީބޯޅަ ކޯޗު އިތުބާރާ އެކު
ސްރީލަންކާގައި މިއަދު ފަށާ ފުރަތަމަ ސެންޓްރަލް އޭޝިއަން ވޮލީބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނު މުއްދަތުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަަމަ ޖެހޭ ކަމަށް ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ ވަނީ ބުނެފައި.
ކުރެވުނު މަސައްކަތާ މެދު ގައުމީ ބީޗް ވޮލީބޯޅަ ކޯޗު އިތުބާރާ އެކު
ސްރީލަންކާގައި މިއަދު ފަށާ ފުރަތަމަ ސެންޓްރަލް އޭޝިއަން ވޮލީބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނު މުއްދަތުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަަމަ ޖެހޭ ކަމަށް ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ ވަނީ ބުނެފައި.
ބީޗްވޮލީބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އީރާނާއި ލަންކާ އަކީ މުޅި އަހަރު ދުވަހު ޓްރެއިނިން ގެންދާ ބައެކެވެ. ތަފާތު އެކި މާހައުލުތަކުގައި ވަރުގަދަ މެޗުތަކެއް ކުޅެފައިވާ ޕެއާތަކަކާ ދެކޮޅަށް ރާއްޖޭން މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"ގާތްގަނޑަަކަށް ހަތަރު ހަފްތާގެ ޓްރެއިނިން އާ އެކު މި ތިބީ މުބާރާތުގައި. އަދި އަހަންނަށް އެބައޮތް އިތުރު ހަތަރު ހަފްތާ ޓްރެއިނިން ގެންދަން ލިބިފައި އެއީ އަންނަ މަހު އޮތް ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން އަށް،" އަންނަ މަހު ލަންކާގައި ކުޅޭ ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން އަށް އިޝާރާތްކޮށް ވިނީޝިއުސް ބުންޏެވެ.
ވިނީޝިއުސް ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމާ އެކު ކޮންޓްރެކްޓްގައި ހުރީ ދެ އަހަރު ދުވަހަށެވެ.
ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ބްރެޒިލް ޓީމުގައި ހިމެނުނު ވިނީޝިއުސް ބުނީ ރާއްޖޭން ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީބޯޅަ އަށް ކޮލިފައިވާން މަސައްކަތް ކުރަން ޕްލޭނެއް އެބައޮތް ކަމަށެވެ.
އެ ގޮތުން ލަންކާގައި އަންނަ މަހު ކުޅޭ ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގެ ކުރިން ގަތަރު ކަހަލަ ގައުމެއްގައި ކޭމްޕެއް ކުރިއަށް ގެންގޮސް، ކޮލިފައިން ފެށެން ވަގުތު އޮއްވައި ލަންކާ އަށް ދިއުން މުހިންމު ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"އަހަރެމެން ޖެހޭނެ ކޮމަންވެލްތު ގޭމްސް ކޮލިފައިންގެ އެއް ހަފްތާ ވަރު ކުރިން އެންމެ ލަސްވެގެން ލަންކާ އަށް އައިސް މިތަނުގެ ވަޔާއި ވެލިގަނޑަށް މި ހުރިހާ ކަމަކަށް ހޭނި ޕްރެކްޓިސް ކޮށްލަން. މި ތަނުގެ ވައި ވަރަށް ގަދަ، އެކަމަކު، އެއީ ދައްކަން ބޭނުން ވާހަކައެއް ނޫން. ބީޗް ވޮލީބޯޅައިގެ ލައިފަކީ އެ ކަހަލަ ކަމެއް،" ވިނީޝިއުސް ބުންޏެވެ.
ރާއްޖޭގެ ބީޗްވޮލީބޯޅަ ކުޅުންތެރިން ބޮޑަށް ފޯކަސް ކުރަންވީ ބީޗްވޮލީބޯޅަ އަށް ކަމަށް ފާހަގަކޮށް، ވިނީޝިއުސް ބުނީ އިންޑޯ ވޮލީ އަށް ބީޗް ވޮލީ ކުޅުންތެރިން ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެ ގޮތުން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ބީޗްވޮލީގެ ޕްރެކްޓިހުގެ ތެރެއިން ކުޑަކާއްޓެ އާއި އެޑަމް، އިންޑޯ ޓީމަށް ދޫކުރަން ޖެހުމުން އޭގެ އަސަރު ޓްރެއިިނިން އިން ފެނުނު ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
ކުޑަކާއްޓެ ބުނީ ތައްޔާރީތަކުގެ ތެރެއިން އިންޑޯ ޓީމަށް ދާން ޖެހުމުން މުބާރާތުގެ ކުރިން ބީޗް ވޮލީގައި އަލުން ޕްރެކްޓިސް ކޮށްލަން ލިބުނީ ތިން ދުވަސް ކަމަށެވެ. މުބާރާތުގައި ކުޅެން އައިސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދުވަހު ވަރުގަދަ ތިން މެޗު ކުޅެން ޖެހުން ކަމަށް ކުޑަކާއްޓެ ވަނީ ބުނެފަ އެވެ.
"ފުރަތަމަ ދުވަހު ތިން މެޗު ކުޅެން ޖެހުނީމަ އުނދަގޫވީ. ދުވަހަކު ވެސް ބީޗް ވޮލީ އިންޓަނޭޝަނަލް ތިން މެޗެއް އެއް ދުވަހެއްގައި ނުއެއް ކުޅެން. އެއީ ދިމާވި އެންމެ ބޮޑު އުނދަގުލަކީ. ދެން އެކަމު، ކުރިއަށް އޮތްތާގައި ގިނަ ދުވަހު ޓްރެއިނިން ހަދައިފިއްޔާ މި އަށް ވުރެ ރަނގަޅު ކާމިޔާބީ އެއް ލިބޭނެ،" ކުޑަކާއްޓެ ބުންޏެވެ.
މިއީ ކުޑަކާއްޓެ އާއި އެޑަމް ޕެއާއެއްގެ ގޮތަށް ބީޗްވޮލީބޯޅަ އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެޑަމް އާއި ކުޑަކާއްޓެ ވެސް ވަނީ ފުރަތަމަ މުބާރާތް ކަމަށްވާތީ ޕެއާއެއްގެ ގޮތަށް އެހާ ކޮންފިޑެންސާ އެކު ކުޅެލަން ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެފަ އެވެ. ދެ ކުޅުންތެރިން ވެސް ގަބޫލުކުރަނީ މެޗުތައް ކުޅޭ ވަރަކަށް އެކަންކަން ހައްލުވެގެން ދާނެ ކަމަށެވެ.
"އަސްލު އެހާ ދެ މީހުން އެކީގައި ނުކުޅެވޭތީ އެހާ ރަނގަޅަށް ޕާފޯމް ނުކުރެވޭ. އެކަމަކު، ފުރަަަތަމަ މުބާރާތް މިހާ ވަރަށް ކުޅެވުނީމަ ހިތްހަމަޖެހޭ. ރަނގަޅު މުބާރާތްތަކެއް، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެންޏާ ޓީމު ކުރިއަރާނެ،" އެޑަމް ބުންޏެވެ.
ގައުމީ ކޯޗު ވިނީޝިއުސް އަންނަނީ މުބާރާތް ނިމުމުން ލަންކާގައި މަޑުކުރާ މި މުއްދަތުގައި ޓީމުގެ ޓްރެއިނިންތައް ލަންކާގައި ކުރިއަށް ގެންދަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment