Advertisement

އަސްހަދު ރާއްޖެ އައިސް ހުކުމް ތަންފީޒުކުރަން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް

19 ފެބުރުވަރީ 2022 - 22:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ. އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ އިއްވާފައި ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް -- ފޮޓޯ: ރައީސް އޮފީސް


އަސްހަދު ރާއްޖެ އައިސް ހުކުމް ތަންފީޒުކުރަން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް

19 ފެބުރުވަރީ 2022 - 22:12 0

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލައިގައި ކޯޓުގެ އެންގުމާ ހިލާފުވެ, ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ރާއްޖެ އައިސް ކަރެކްޝަންސްއާ ހަވާލުވެއްޖެ އެވެ.

އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވިއިރު ހުރީ އިނގިރޭސިވިލާތުގަ އެވެ. އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ ހުކުމް އިއްވީ ފެބްރުއަރީ 2، ގަ އެވެ. މިރޭގެ ވަގުތެއްގައި އޭނާ ރާއްޖެ އައިސް ކަރެކްޝަންސްއާ އެއާޕޯޓުން އަމިއްލައަށް ހަވާލުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވަނީ ހާމަކުރައްވާފަ އެވެ.

އޭނާ ވަނީ ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ހުއްދަ ދިންއިރު ހަތަރު މަސް ދުވަހަށް ޖާމިނުވެފައި އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމަށް ހާޒިރުވާން އަސްހަދަށް ޗިޓު ލިބުނު ނަމަވެސް ހާޒިރުވެފައެއް ނުވެ އެވެ.

އެހެންވެ ގާޒީ ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމަވައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ޖާމިނު އެއްބަސްވުމާ ވެސް އޭނާ ހިލާފްވާ ކަމަށް ކަނޑައެޅި ނަމަވެސް އެ ކުށަށް އަދަބު ދެއްވާފައެއް ނުވެ އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް މުއައްސަސާތަކުގެ މައްޗަށް ވެސް ނެރުއްވި އެވެ.

މި ހުކުމް ކުރީ އަސްހަދުގެ ޢައިރު ހާޒިރުގަ އެވެ. އޭރު އޭނާ ހުންނެވި އަލީ ވަހީދު ވެސް ދިރިއުޅުއްވާ އިނގިރޭސިވިލާތުގަ އެވެ. އެއާއެކު، ކަރެކްޝަނުން ވަނީ ހުކުމް ތަންފީޒުކުރަން އޭނާ ރާއްޖެ ގެނެސްދޭން ފުލުސް އޮފީހުގައި އެދުނެވެ. އޭނާ ރާއްޖެ ގެނެވޭނީ ފުލުހުން ފުރިހަމަކުރަން ޖެހޭ ކަންކަން ނިމުމުން ކަމަށް ކަރެކްޝަނުން އޭރު ބުންޏެވެ.

އަލީ ވަހީދުގެ މައްޗަށް ވެސް އޮތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވެ ދެ މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާގެ ހުކުމް ތަންޒީފުކުރަން ރާއްޖެ ގެނެސްދޭން ކަރެކްޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. ނަމަވެސް، އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

ޖަލު ހުކުމް އިއްވުމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަސްހަދު ވަކިކުރައްވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ޖުލައި 10، 2020 އިން ފެށިގެން ހިފަހެއްޓުމަށް ނިންމާފައި އޮތް އަމަރު ބާތިލްކުރީ ހަތަރު މަސް ދުވަހަށް އަސްހަދު ޖާމިނުވާ ގޮތަށް ފެބްރުއަރީ 9، 2021 ގަ އެވެ.

އެ މައްސަލައިގެ އަޑު އެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ.

ނޮވެމްބަރު 28، 2021 ގައި އޮތް އަޑުއެހުމުގައި އަސްހަދު ވަނީ ޖާމިނު އެއްބަސްވުމާއި އެއްގޮތަށް ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން އަލީ ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި އަސްހަދު އޮތީ ފާހަގަކުރައްވާފަ އެވެ.

އެހެން ނަމަވެސް، އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީ އެ މުއްދަތުގެ ތެރޭގައި އަލީ ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެކަން ވެސް އެ ދުވަހު އަސްހަދަށް އޮތީ އަންގާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ ޖާމިނުވުމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަސްހަދު ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.