Advertisement

ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ޑެންޒޯ އާއި ކޯކޭގެ ޕެއާ އަށް ފުރަތަމަ މޮޅު

18 ފެބުރުވަރީ 2022 - 17:17 0

Advertisement


ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ޑެންޒޯ އާއި ކޯކޭގެ ޕެއާ އަށް ފުރަތަމަ މޮޅު

18 ފެބުރުވަރީ 2022 - 17:17 0

Advertisement

ސްރީ ލަންކާގައި މިއަދު ފެށި އޭވީސީގެ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޕެއާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ މޮޅުވެއްޖެ އެވެ.

މިއަދު ހެނދުނު ތިން ސެޓަށް ގޮސްގެން ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ އީރާންގެ ދެ ވަނަ ޕެއާ، މަހުދީ އާއި އަލީ އަތުން ބަލިވެފަ އެވެ. އެ މެޗަކީ ޑެންޒޯ އާއި ކޯކޭ އަށް ލިބިފައި އޮތް ފުރުސަތެއް ދޫވެގެން ގެއްލުނު މެޗެކެވެ. ފުރަތަަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ހަވީރު ކުޅުނު މެޗުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ ޕާކިސްތާންގެ ދެ ވަނަ ޕެއާ ޒަހީރާއި ހައިދަރުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-14، 21-16 އިންނެވެ.

Advertisement

މުޅި މެޗަށް ބަލައިރު، ވެސް ޒަހީރާއި ހައިދަރުގެ ޕެއާ އަށް ޑެންޒޯ އާއި ކޯކޭގެ ޕެއާ ކައިރީގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ ވިސްނުންތެރިކަމާ އެކު ދެ ސެޓުގައި ވެސް ކުޅެ، މާދަމާގެ ދެ މެޗުގެ ކުރިން މި ވަނީ ކޮންފިޑެންސް ރަނގަޅުކޮށްފަ އެވެ.

ސެމީގެ ޖާގައެއް ހޯދަން ބޭނުންނަމަ ޑެންޒޯ އާއި ކޯކޭގެ ޕެއާ މާދަމާ ހެނދުނު ލަންކާގެ އެއް ވަނަ ޕެއާ ޓިރޯން އާއި އަޝެންގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗާއި ހަވީރު އުޒްބެކިސްތާންގެ އަކްތަމޯފާއި މުރޮޑިލައޭފްގެ ޕެއާއާ ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭނެ އެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް ވާދަވެރި މެޗުތަކަކަށް ފަހު ނާކާމިޔާބީ

Advertisement

މިއަދު ހެނދުނު ރާއްޖޭގެ ތަޖުރިބާކާރު ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ލަންކާގެ ތިން ވަނަ ޕެއާ ކަމަށްވާ ނަލިން އާއި މަލިންތަ ޔާޕާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.

އެކަމަކު، މެންދުރު ފަހު ވަނީ ޕާކިސްތާންގެ އެއް ވަނަ ޕެއާ މުބައްޝިރާއި އަބޫ ޒާރްގެ ޕެއާ އަތުންނާއި ލަންކާގެ ދެ ވަނަ ޕެއާ އަންޖަނާ އާއި ސަންދުންގެ ޕެއާ އަތުން ވެސް ބަލިވެފަ އެވެ. ދެ މެޗުން ވެސް ބަލިވީ ތިން ސެޓު ކުޅެގެންނެވެ.

ހަވީރު ކުޅުނު މެޗުގައި މުބައްޝިރާއި އަބޫ ޒާރްގެ ޕެއާ އަތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބަލިވީ ހާއްސަކޮށް ފުރަތަމަ ސެޓުގައި ނިންމަން ފުރުސަތު ލިބި އޭގެ ބޭނުންނުހިފި ފަހު ކޮޅުގައި ގޯސްތަކެއް ހެދިގެންނެވެ. ފުރަތަމަ ސެޓު ފޯރިގަދަ ކުޅުމަކަށް ފަހު މުބައްޝަރާއި އަބޫ ޒާރްގެ ޕެއާ ގެންދިޔައީ 20-22 އިންނެވެ. ދެ ވަނަ ސެޓުގައި ކުޑަކާއްޓެ އާއި އެޑަމް ކުޅުން ރަނގަޅުކޮށް، ސެޓު 21-16 އިން ގެންދިޔަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ވެސް މައިގަނޑު ގޮތެއްގައި ދިމާވީ ފުރަަތަމަ ސެޓުގައިވީ ގޮތަށެވެ. ހީނުކުރާ ވަގުތެއްގައި ހެދޭ ގޯހެއްގެ ސަބަބުން ސެޓު ގެއްލެނީ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓު މުބައްޝަރާއި އަބޫ ޒާރްގެ ޕެއާ ގެންދިޔައީ 12-15 އިންނެވެ.

ލަންކާގެ ދެ ވަނަ ޕެއާ އަންޖަނާ އާއި ސަންދުންގެ ޕެއާ ކައިރިގައި ފުރަތަމަ ސެޓުގައި މިރޭ ކުޑަކާއްޓެ އާއި އެޑަމާ ފެނުނީ ވަރުގަދަ ރޫހެއްގައި ކުޅެލިތަނެވެ. މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން 21-19 އިން ސެޓު ގެންދިޔަ އެވެ. ފުރަތަމަ ސެޓާ ހިލާފަށް ދެ ވަނަ ސެޓާއި ނަތީޖާ ނެރެން ކުޅުނު ސެޓުގައި މުހިންމު ވަގުުތަކުގައި ރާއްޖެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ލަންކާ އިން ނެގި އެވެ. ދެ ވަނަ ސެޓު 19-21 އިން ގެންގޮސް އެއްވަރުކޮށް، ނަތީޖާ ނެރެން ކުޅުނު ސެޓު ލަންކާ އިން ގެންދިޔައީ 12-15 އިންނެވެ. މި މެޗަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ތިން މެޗު ކުޅުނު ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އީރާންގެ އެއް ވަނަ ޕެއާ، ޝޭކަރް އާއި އަރޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މާދަމާ ހަވީރު ފަހެއް ޖަހާއިރު ކުޅޭ އެ މެޗުން ނަތީޖާއެއް ނެރެގެން ނޫން ގޮތަކަށް އެޑަމާ އާއި ކުޑަކާއްޓެގެ ޕެއާ އަށް ސެމީގެ ޖާގަ ނުލިބޭނެ އެވެ.