ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ނާޒިމާ އާއި ރުދައިނާގެ ޕެއާ ސެމީ އަށް

18 ފެބުރުވަރީ 2022 - 16:16 0

މެޗުން މޮޅުވުމުން ނާޒިމާ (ކ) އާއި ރުދައިނާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު


ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ނާޒިމާ އާއި ރުދައިނާގެ ޕެއާ ސެމީ އަށް

18 ފެބުރުވަރީ 2022 - 16:16 0

ސްރީ ލަންކާގައި މިއަދު ފެށި އޭވީސީގެ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުން ރާއްޖޭގެ އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕްގައި އޮތީ ރުދައިނާ އާއި ނާޒިމާގެ ޕެއާގެ އިތުރުން އުޒްބެކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ އަދި ސްރީ ލަންކާގެ އެއް ވަަނަ ޕެއާ އަދި ސްރީ ލަންކާގެ ދެ ވަނަ ޕެއާ ކަމަށްވާ ޗަތުރިކާ އާއި ހަޝިނީގެ ޕެއާ އެެވެ.

މިއަދު ހެނދުނު ކުޅުނު މެޗުން މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ އަތުން ލަންކާގެ ޗަތުރިކާ އާއި ހަޝިނީގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. މިއަދު މެންދުރު ފަހު ރާއްޖޭގެ ރުދައިނާ އާއި ނާޒިމާގެ ޕެއާ ވަނީ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ 2-1 ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-15، 11-21 އަދި 15-09 އިންނެވެ. ޗަތުރިކާ އާއި ހަޝިނީގެ ޕެއާ އަދި ރުދައިނާ އާއި ނާޒިމާގެ ޕެއާ ވަނީ ސެމީން ޖާގަ ޔަގީންކޮށްފަ އެވެ. މާދަމާ މި ދެ ޕެއާ ހެނދުނު ކުޅޭ މެޗަކީ މި ގްރޫޕްގެ އެއް ވަނަ ޔަގީންވާނެ މެޗެވެ.

އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ނާޒިމާ ސާވިސް ކުރަނީ.-- ފޮޓޯ: އަދަދު


ފުރަތަމަ ސެޓުގައި ނާޒިމާ އާއި ރުދެއިނާގެ ޕެއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އުޒްބެކިސްތާނަށް މެޗުގެ ތެރެއަށް ވަދެވޭނެ ޖާގައެއް ނުލިބުނެވެ. ގިނަ ޕޮއިންޓްތަކެއް ފުލުފުލުގައި އެއްކޮށް، ނާޒިމާ އާއި ރުދައިނާގެ ޕެއާ ފުރަތަމަ ސެޓު ގެންދިޔައީ އެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ޕްރެޝަރުގައި ކުޅެން ޖެހި، ގިނަ ގޯސްތާކެއް ނާޒިމާ އާއި ރުދައިނާގެ ޕެއާ އަށް ހެދި އުޒްބެކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ ކޮންފިޑެންސް ރަނގަޅުކޮށް ދެ ވަނަ ސެޓު 11-21 އިން ގެންދިޔައީ އެވެ. އުޒްބެކިސްތާންގެ ޕެއާ އިން ގިނަ ޕޮއިންޓް ހޯދީ ރާއްޖޭގެ ރިސީވްގައި ގިނަ ގޯސްތަކެއް ހެދިގެންނެވެ.

ދެ ވަނަ ސެޓުގައި ހެދުނު ގޯސްތަކުން ފިލާވަޅުނަގައި ނަތީޖާ ނެރެން ކުޅުނު ސެޓުގައި ނާޒިމާ އާއި ރުދައިނާ ވަނީ އާ ހިތްވަރަކާ އެކު ކުޅެ ސެޓު ގެންގޮސް، މެޗުން މޮޅުވެފަ އެވެ. މި ސެޓު ގެންދިޔައީ 15-09 އިންނެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު ސެންޓްރަލް ޒޯން އިންޑޯ މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ކުޅުނު ނާޒިމާ އާއި ރުދައިނާ ޕެއާއެއްގެ ގޮތުގައި ކުޅޭ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ. ނާޒިމާ މުޅިން އަލަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ މުބާރާތެއްގައި ކުޅޭއިރު، ރުދައިނާ މީގެ ކުރިން ވަނީ 2019 ވަަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ކުޅެފަ އެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ދެން ވާދަކުރާ އަންހެން ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އެވެ. އެ ޕެއާ ވަނީ މިއަދު ހެނދުނު ލަންކާގެ އެއް ވަނަ ޕެއާ ޝެހާނީ އާއި ޖަޔަވަރްދަނާ އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ. މާޖިދާ އާއި އަޒުމާ އަށް ސެމީގެ ޖާގަ ލިބެން އޮތީ މާދަމާ ހެނދުނު ލަންކާގެ ދީޕިކާ އާއި ދިނޭޝާ އަތުން މޮޅުވެގެންނެވެ.