Advertisement

ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް މޮޅަކާ އެކު ރަނގަޅު ފެށުމެއް

18 ފެބުރުވަރީ 2022 - 07:14 0

ނިގަމްބޯ، ސްރީ ލަންކާ

އައްޒާމް އަލިފުޅު

އ

Advertisement

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު


ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް މޮޅަކާ އެކު ރަނގަޅު ފެށުމެއް

18 ފެބުރުވަރީ 2022 - 07:14 0

ނިގަމްބޯ، ސްރީ ލަންކާ

Advertisement

ސްރީ ލަންކާގައި މިއަދު ހެނދުނު ފެށި އޭވީސީގެ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

އެޑަމް އާއި ކުޑަކާއްޓެ މޮޅުވީ ލަންކާގެ ދެ ވަނަ ޕެއާ ކަމަށްވާ ނަލިން އާއި މަލިންތަ ޔާޕާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

Advertisement

މިއަދު ހެނދުނު ދެން ދިވެހި ދެ ޕެއާއެއް ވަނީ މެޗު ކުޅެފަ އެވެ. ރާއްޖޭގެ ފިރިހެން އަނެއް ޕެއާ ކަމަށްވާ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ ބަލިވީ އީރާންގެ ދެ ވަނަ ޕެއާ ކަމަށްވާ މަހުދީ އާއި އަލީގެ ޕެއާ އަތުންނެވެ. އަންހެން ޑިވިޝަނުގައި ހެނދުނު ރާއްޖޭގެ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ ވަނީ ލަންކާގެ އެއް ވަނަ ޕެއާ ޝެހާނީ އާއި ޖަޔަވަރްދަނާ އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އާއި ލަންކާގެ ދެ ވަނަ ޕެއާ ކަމަށްވާ ނަލިން އާއި މަލިންތަ ޔާޕާގެ ޕެއާ.-- ފޮޓޯ: އަދަދު


Advertisement

ލަންކާގެ ދެ ވަނަ ޕެއާ ކައިރީގައި ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ވަނީ މުޅި މެޗަށް ބަލާއިރު ވެސް ރަނގަޅު ކުޅުމެއް ކުޅެފަ އެވެ. ދެ ސެޓުގެ ބޮޑުބައިގައި ވެސް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ލީޑުގައި އޮތްއިރު، އެ ޕެއާ އިން ފުރަތަމަ ސެޓު ގެންދިޔައީ 21-18 އިންނެވެ. މި ސެޓުގައި އެޑަމް އާއިި ކުޑަކާއްޓެ ވަނީ ލީޑު ދެމެހެއްޓުމުގައި ޕްރެޝަރު ވަގުތުގައި ވެސް މޮޅަށް ކުޅެފަ އެވެ. ލަންކާގެ ޕެއާގެ ގޭމް އެއްވެސް ވަރަކަށް ކުޅެވޭ ގޮތެއް ނުވި އެވެ.

އެކަމަކު، ދެ ވަނަ ސެޓުގައި ލަންކާ އިން ވަނީ ރަނގަޅު ފައިޓެއް ދީ ރާއްޖެ އަށް ކުޑަކޮށް ޕްރެޝަރު ދީފަ އެވެ. މުހިންމު ވަގުތުގައި ވެސް ތަފާތު ދައްކައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ދެ ވަނަ ސެޓު 21-19 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ޝެޑިއުލްގައި އޮތްގޮތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މިއަދު އަދި އިތުރު ދެ މެޗެއް ކުޅޭނެ އެވެ. އެއީ 4 ޖަހާއިރު، ޕާކިސްތާންގެ މުބައްޝިރާއި އަބޫ ޒާރްގެ ޕެއާއާ ކުޅޭ މެޗުގެ އިތުރުން މިރޭ ހަތެއް ޖަހާއިރު، ލަންކާގެ އަންޖަނާ އާއި ސަންދުންގެ ޕެއާއާ ކުޅޭ މެޗެވެ. ކުޑަކާއްޓެ އާއި އެޑަމް ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު 5 ޖަހާއިރު ކުޅޭނީ އީރާންގެ އެއް ވަނަ ޕެއާ ޝޭކަރާއި އަރޯގެ ޕެއާއާ އެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ މާޖިދާ އާއި އަޒުމާގެ ޕެއާ:.-- ފޮޓޯ: އަދަދު


ލަންކާގެ އެއް ވަނަ ޕެއާ ކަމަށްވާ ޝެހާނީ އާއި ޖަޔަވަރުދަނާ ވަނީ މާޖިދާ އާއި އަޒުމާގެ ޕެއާ ކައިރިން ދެ ސެޓު ވެސް ގެންގޮސްފަ އެވެ.

ފުރަަތަމަ ސެޓުގައި މާޖިދާ އާއި އަޒުމާ އިން ފަރަގު ކުޑަކޮށް ނިންމާލީ 18-21 އިންނެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ރަނގަޅު ފޯމެއްގައި ކުޅެލައި، ލަންކާ ޕެއާ އިން ވަނީ 21-05 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ސެމީ ފައިނަލުގެ ޖާގައެއް ހޯދަން މާދަމާ ހެނދުނު ލަންކާގެ ތިން ވަނަ ޕެއާ ދީޕިކާ އާއި ދިނޭޝާގެ ޕެއާ އަތުން މާޖިދާ އާއި އަޒުމާ މޮޅުވާން ޖެހޭނެ އެވެ.

އީރާންގެ ދެ ވަނަ ޕެއާ މަހުދީ އާއި އަލީގެ ޕެއާ އަކީ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ރަނަރަޕް ހޯދާފައިވާ ޕެއާ އެކެވެ. އެ ޕެއާ ކައިރީގައި ރާއްޖޭގެ އުންމީދީ ޕެއާ، ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ މޮޅަށް ކުޅެފަ އެވެ.

ފުރަތަމަ ސެޓުގައި ޑެންޒޯ އާއި ކޯކޭ އަށް އެއްވެސް ފުރުސަތެއް ނުދީ ރަނގަޅު ލީޑެއްގައި އޮވެ، މަހުދީ އާއި އަލީގެ ޕެއާ އިން ސެޓު ނިންމާލީ 09-21 އިންނެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން ޕެއާ، ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން އާ ހިތްވަރެއްގައި ކުޅެ، ސެޓު ގެންދިޔައީ، އީރާންގެ އަލީ އާއި މަހުދީގެ ޕެއާ އަށް މާ ބޮޑު ފުރުސަތެއް ނުދީ 21-16 އިންނެވެ.

އީރާންގެ މަހުދީ ފޮނުވާލާ ބޯޅައެެއް ބްލޮކްކުރަން ރާއްޖޭގެ ކޯކޭ މަސައްކަތްކުރަނީ.-- ފޮޓޯ: އަދަދު


ތިން ވަނަ ސެޓު ފެށިއިރު ވެސް އީރާންގެ ޕެއާގެ މަހުދީ ހުރީ ވަރުބަލިވެފަ އެވެ. އޭގެ ފައިދާނަގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ މި ސެޓުގެ ކުރީކޮޅުގައި ރަނގަޅު ލީޑެއްގައި އޮތެވެ. އެކަމަކު، މަހުދީ އާއި އަލީގެ ޕެއާ މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ކާމިޔާބު ހޯދީ ޑެންޒޯ އާއި ކޯކޭގެ ޕެއާ ހެދި ގޯސްތަކުގެ ފައިދާނަގައިގެންނެވެ. ތިން ވަނަ ސެޓު 10-15 އިން ގެންގޮސް މަހުދީ އާއި އަލީގެ ޕެއާ މެޗުން މޮޅުވީ އެވެ.

ޑެންޒޯ އާއި ކޯކޭގެ ޕެއާ އަށް މިއަދު އަދި އެއް މެޗު އެބައޮތެވެ. އެއީ 5 ޖަހާއިރު، ޕާކިސްތާންގެ ޒަހީރު އާއި ހައިދަރުގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރާއްޖޭގެ އަންހެން ދެ ވަނަ ޕެއާ، އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ، މިއަދު 3 ޖަހާއިރު، ކުޅޭ މެޗުގައި ނުކުންނާނީ އުޒްބެކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާއާ ދެކޮޅަށެވެ.