ބްރެޒިލްގެ ކޯޗު ވިނީޝިއުސް: އިއްޔެގެ ޕްރެކްޓިހުގެ ތެރެއިން ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އަދަދު
ސްރީ ލަންކާގައި މިއަދު ފަށާ އޭވީސީގެ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ވަގުތާ އަޅާބަލާއިރު، ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ޓީމުގެ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފި އެވެ.
ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ހަމަޖެހިގެންދިޔަ، މަތީ ފެންވަރުގެ ބީޗްވޮލީބޯޅަ ކޯޗު ވިނީޝިއުސް، ގައުމީ ޓީމުތަކާ އެކު ޓްރެއިނިން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. މަހެއްހާ ދުވަހުގެ ޓްރެއިނިން އަށް ފަހު ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތަށް ވިނީޝިއުސްއާ އެކު ވަނީ އަންހެން އަދި ފިރިހެން ގައުމީ ޓީމު މުބާރާތަށް އަތުވެފަ އެވެ.
މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ ފިރިހެން ދެ ޕެއާ އާއި އަންހެން ދެ ޕެއާ އެވެ. ފިރިހެން ދެ ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ. އަންހެން ދެ ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އާއި އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ އެވެ.
އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ދެ ޓީމެއް
ސްރީ ލަންކާގައި މާދަމާ ފަށަން ނިންމާފައިވާ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމެއް ބައިވެެރިވާނެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން ގައުމީ ބީޗް ޓީމަށް ގެނައި ބްރެޒިލްގެ ކޯޗު ވިނީޝިއުސްގެ އިރުޝާދުގެ ދަށުން ކުރިމަތިލާނެ ފުރަތަމަ މުބާރާތް
އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ދެ ޓީމެއް
ސްރީ ލަންކާގައި މާދަމާ ފަށަން ނިންމާފައިވާ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމެއް ބައިވެެރިވާނެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން ގައުމީ ބީޗް ޓީމަށް ގެނައި ބްރެޒިލްގެ ކޯޗު ވިނީޝިއުސްގެ އިރުޝާދުގެ ދަށުން ކުރިމަތިލާނެ ފުރަތަމަ މުބާރާތް
އިއްޔެ މުބާރާތުގެ ކުރިން ބޭއްވި ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވިނީޝިއުސް ބުނީ ރާއްޖޭގެ ބީޗްވޮލީ ޓީމާ ހަވާލުވެ، މި ހޭދަވީ ވަގުތުގައި ވެސް ވަރަށް ގިނަ ގަޑިއިރުތަކުގައި ޕްރެކްޓިސްތައް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ފާއިތުވި މަހެއްހާ ދުވަސްތެރޭ ދުވާލަކު ދެ ފަހަރު ޓްރެއިނިން ގެންދިޔަ ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"އަހަރެންގެ ވިސްނުމުގައި މިހިސާބަށް އައިސް މި ތިބީ މި ވަގުތަށް ކުރެވޭނެ ހުރިހާ ކަމެއް ކޮށްގެން. ވީޑިއޯ ބަލައިގެން އަހަރެމެންނަށް ރަނގަޅު ކުރެވޭނެ ކަންކަން ވެސް ބެލިން. ބީޗް ކޯޓުގައި ވީ އެންމެ ގިނައެއް ކޮށް ވަގުުތު ހޭދަކުރިން،" ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ބްރެޒިލް ޓީމުގައި ހިމެނުނު ވިނީޝިއުސް ބުންޏެވެ.
"މި ކުޅުންތެރިން ކުރިއެރުންތަކެއް ހޯދައިފި. އެކަމަކު ހަނދާނުގައި ބަހައްޓަންޖެހޭ އަދި ވަރަށް އަވަސް އަހަރެމެން ކާމިޔާބީތަކެއްގެ ވާހަކަ ދައްކަން. އަހަރެންގެ ވިސްނުމުގައި ޔަގީނުން ވެސް މީގެ އެއް މަސް ކުރިން އަހަރެމެން ޕްރެކްޓިސް ފެށިއިރަށް ވުރެ މިހާރުގެ ހާލަތު ރަނގަޅު ވާނެ،"
ވިނީޝިއުސް އައި ފަހުން ޓީމުގެ ބީޗްވޮލީ އާއި އިންޑޯ ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް ސީނިއާ ވޮލީ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކޯޗު ވިނީޝިއުސް (ކ) އާއި އެސިސްޓަންޓް ކޯޗު ރިޝްވާން އިއްޔެގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އަދަދު
ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް ބުނީ ފާއިތުވި މަހެއްހާ ދުވަހު ޕްލޭނެއްގެ ދަށުން ގެންދިޔަ ޓްރެއިނިންތަކުގެ ފައިދާ ފެންނަ ކަމަށެވެ. ހާއްސަކޮށް ހަފްތާ އަކު ހަތަރެއް ނޫނީ ފަސް ދުވަހު ޖިމަށް ގޮސް ކުރި މަސައްކަތުން ޓީމުގެ ފިޓްނަސް ކަންކަން ވެސް ރަނގަޅު ކުރެވުނު ކަމަޑް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"ދެން އަހަރެން ވަރަށް ބޮޑަށް ބަލާ ކަމެއް އެއީ ރަނގަޅަށް ކެއުން (ނިއުޓްރިޝަން). އެތުލީޓަކަށް ބޭނުންވާ ގޮތަށް ރަނގަޅަށް ކާން އަހަރެން ލަފާދެން. އެއީ ވެސް ފިޓްނަސް ރަނގަޅުކުރަން ކުރަން ޖެހޭ ކަމެއް،" ވިނީޝިއުސް ބުންޏެވެ.
މި ފަހަރުގެ މުބާރާތަކީ ވިނީޝިއުސްގެ ޓްރެއިނިން އިން ގައުމީ ޓީމަށް ހާސިލްވީ ކިހާ މިންވަރެއްތޯ ދެނެގަންނަން ރަނގަޅު ފުރުސަތެކެވެ. ވިނީޝިއުސް ބުނީ މިއަދު ފަށާ ސެންޓްރަލް ޒޯން ބީޗް މުބާރާތާ މެދު އުންމީދުތަކެއް އެބައޮތް ކަމަށެވެ.
"އެބަޖެހޭ ފައިޓްކުރަން. ކޮންމެ ބޯޅައަކަށް. ކޮންމެ ޕޮއިންޓަަކަށް. މި ވަގުތު ނަތީޖާވާނެ ގޮތެއް ނުބުނެވޭނެ. އަހަރެން ބޭނުމީ ލިބެން އޮތް އެންމެ ރަނގަޅު ނަތީޖާ ހޯދަން. އެ ހުރިހާ ކަމަކަށް ބަލާއިރު ވެސް އަހަރެން އެދެނީ ޓްރެއިނިންގައި މި ކުރި ކަންކަން ރަނގަޅަށް މެޗުތަކުގައި ވެސް ކުރަން. އޭރުން ރަނގަޅަށް ކުރިއަށްދެވޭނީ. އޭރުން އަހަންނަށް ވެސް ހިތްހަމަޖެހުމެއް ލިބޭނެ،" ވިނީޝިއުސް ބުންޏެވެ.
ކުރިން އޮތީ ނޭޕާލް ވެސް މި ފަހަރުގެ މުބާރާތުގައި ބައިވެރިވާ ގޮތަށެވެ. އެކަމަކު، އިއްޔެ ބޭއްވި ޓެކްނިކަލް މީޓީންގައި އިއުލާނުކުރީ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ކަމަށެވެ. އެ ގޮތުން ފަސް ގައުމުން، ފިރިހެން ބައިގައި 10 ޕެއާ އަދި އަންހެން ބައިގައި ހަ ޕެއާ ވާދަކުރާގޮތަށް ޝެޑިއުލް ވަނީ ހަދައިފަ އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ އެއް ވަަނަ އާއި ދެ ވަނަ ސެމީ އަށް ދާ ގޮތަށެެވެ.
ބީޗްވޮލީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބުނީ އެއް މަސް ދުވަހުގެ ޓްރެއިނިން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ދިމާވި ހަމައެކަނި ކަމަކީ ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން މި މަހު ކުރީކޮޅުގައި މާލޭގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް އިންޑޯ ޓީމަށް ދާން ޖެހުމުން އެ ގެއްލުނު ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިސް ކަމަށެވެ. އިންޑޯ ޓީމަށް ދިޔައީ ކުޑަކާއްޓެ އާއި އެޑަމް އެވެ.
"މަސް ދުވަހުގެ ޓްރެއިނިން ވަރަށް ރަނގަޅަށް ދިޔައީ. ދެން ބްރޭކެއް އައި. އެއީ އިންޑޯ މެޗުތަކަށް ނުކުންނަން ޖެހުނީމަ ގާތްގަނޑަަކަށް ހަފްތާއެއްގެ ބްރޭކެއް. އޭގެ ފަހުން މި ކޮޅަށް އަންނަން މި ލިބުނީ ދެ ދުވަސް ޕްރެކްޓިސް. މި ކޮޅުގައި ވެސް މި ލިބުނީ އަނެއްހެން ދެ ދުވަހުގެ ޕްރެކްޓިސް،" ކުޑަކާއްޓެ ބުންޏެވެ.
ކުޑަކާއްޓެ އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އަދަދު
މި ފަހަރުގެ މުބާރާތަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެންނަނީ އީރާން އާއި ލަންކާގެ ޕެއާތައް ކަމަށް ކުޑަކާއްޓެ ވަނީ ބުނެފަ އެވެ.
"ވާދަކުރާ ޓީމުތައް މި އުޅެނީ ވަރަށް ވަރުގަދަކޮށް، ސްރީލަންކާ އާއި އިރާންއާ ތަފާތު ކަމަށް ފެންނަނީ. ޓީމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ދެކެނީ،" ކުޑަކާއްޓެ ބުންޏެވެ.
މިއަދުގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ތިން މެޗު ކުޅޭނެ އެވެ. އެއީ 9 ޖަހާއިރު ލަންކާގެ ނަލިން އާއި މަލިންތަގެ ޕެއާއާ ކުޅޭ މެޗާއި 4 ޖަހާއިރު، ޕާކިސްތާންގެ މުބައްޝިރާއި އަބޫ ޒާރްގެ ޕެއާއާ ކުޅޭ މެޗުގެ އިތުރުން މިރޭ ހަތެއް ޖަހާއިރު، ލަންކާގެ އަންޖަނާ އާއި ސަންދުންގެ ޕެއާއާ ކުޅޭ މެޗެވެ.
ރާއްޖޭގެ އެއް ވަަނަ ޕެއާގެ ގޮތުގައި ރޭންކްކޮށްފައިވާ ޑެންޒޯ އާއި ކޯކޭގެ ޕެއާ މިއަދު ދެ މެޗެއް ކުޅޭނެ އެވެ. އެއީ 10:30 ގައި އީރާންގެ އަލީ އާއި މަހުދީގެ ޕެއާއާ ކުޅޭ މެޗާއި 5 ޖަހާއިރު، ޕާކިސްތާންގެ ޒަހީރު އާއި ހައިދަރުގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
އަންހެން ޑިވިޝަނަށް ބަލާއިރު، ރާއްޖޭގެ ކޮންމެ ޕެއާ އަކަށް މިއަދު އޮންނާނީ އެންމެ މެޗެކެވެ. މާޖިދާ އާއި އަޒުމާގެ ޕެއާ 9 ޖަހާއިރު ކުޅޭނީ ލަންކާގެ ޝެހާނީ އާއި ޖަޔަވަރުދަނާގެ ޕެއާއާ އެެވެ. އަދި ރާއްޖޭގެ ރުދައިނާ އާއި ނާޒިމާގެ ޕެއާ މިއަދު 3 ޖަހާއިރު، ކުޅޭ މެޗުގައި ނުކުންނާނީ އުޒްބެކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާއާ ދެކޮޅަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment