ސްރީ ލަންކާގައި މާދަމާ ފަށާ އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް ދާދި ފަހުން ހަމަޖެއްސި ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިންގެ އިރުޝާދުގެ ދަށުން އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނެ އެވެ.
މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ ފިރިހެން ދެ ޕެއާ އާއި އަންހެން ދެ ޕެއާ އެވެ. ފިރިހެން ދެ ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ.
އަންހެން ދެ ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އާއި އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަށް އިއްޔެ މެންދުރު ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމުން ސްރީލަންކާގެ ނިގަމްބޯ އަށް އައިސް އިއްޔެ، ހަވީރު ވަނީ ފުރަތަމަ ޕްރެކްޓިސް ސެޝަން ބާއްވައިފަ އެވެ. އަދި މުބާރާތުގެ ކުރިން މިއަދު ހެނދުނު އެންމެ ފަހުގެ ޓްރެއިނިންތައް ކުރިއަށްގެންދިޔަ އެވެ.
ޓީމުގެ ކޯޗު ވިނީޝިއުސްގެ އެހީތެރިއެއްގެ ގޮތުގައި އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ.
މި ފަހަރުގެ އޭވީސީ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ހޯސްޓް ސްރީ ލަންކާ އާއި ދެން ބައިވެރިވެފައިވަނީ އީރާން، ޕާކިސްތާން، އުޒްބެކިސްތާން އަދި ނޭޕާލް ކަމަށް ލަންކާގެ ވޮލީބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.
ގިނަ ޓީމުތައް ފެންނަނީ ބަދަލުތަކަކާ އެކުގަ އެވެ. އޭވީސީ ބީޗް މުބާރާތުގައި އެންމެ ވަރުގަދަ ނަންތަކަކީ އީރާން އާއި ސްރީ ލަންކާ އެވެ.
ޕްރެކްޓިހުގެ ތެރެއިން ކޯޗު ވިނީޝިއުސް ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު
ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ހަމަޖެހިގެންދިޔަ، މަތީ ފެންވަރުގެ ބީޗްވޮލީބޯޅަ ކޯޗު ވިނީޝިއުސް ގައުމީ ޓީމުތަކާ އެކު ޓްރެއިނިން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
މުބާރާތަަކަށް ތައްޔާރުވާން ބަލާއިރު، އެއް މަހުގެ ޕްރެކްޓިހަކީ އެންމެ ފުރިހަމަ މުއްދަތަށް ނުވާނެ އެވެ. އަމުދުން ޓީމުގެ އެއް ޕެއާގައި ހިމެނޭ ކުޑަކާއްޓެ އާއި އެޑަމް ވަނީ ބަންގްލަދޭޝާ ދެކޮޅަށް އިންޑޯގައި ކުޅުނު ތިން މެޗުގައި ކުޅެފަ އެވެ. އެ މުއްދަތަށް އެ ދެ ކުޅުންތެރިން ހުރީ އިންޑޯ ގައުމީ ޓީމަށް ރިލީސްދީފަ އެވެ.
ގަވާއިދުން ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްކޮށް ވިނީޝިއުސްއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވެސް ވަނީ "އަދަދު" ގެ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގައި ވާހަކަ ދައްކަމުން ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ބީޗް ވޮލީގެ ކަންކަން ކުރިއަށްދަނީ އެފްއައިވީބީގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ މަޝްވަރާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.
ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އައި ފަހުން ޓީމުގެ ބީޗްވޮލީ އާއި އިންޑޯ ވޮލީ ޓީމުގެ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް ސީނިއާ ވޮލީ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ބްރެޒިލް ޓީމުގައި ހިމެނޭ ވިނީޝިއުސްއާ އެކު މަސައްކަތް ކޮށްލައި، ކުރިއެރުންތަކެއް ހޯދައި، ދިގު މުއްދަތަށް ވިސްނައިގެން ކާމިޔާބީ ހާސިލްކުރަން ވީއޭއެމްގެ ޕްލޭނެއް އެބައޮތެވެ.
މި އަހަރަކީ ބީޗްވޮލީބޯޅައިގެ ގިނަ ފުރުސަތުތަކެއް ރާއްޖެ އަށް ފަހިވެފައި އޮތް އަހަރެކެވެ. އެހެންކަމުން، މާދަމާ ފަށާ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތުގެ އެހީގައި ވިނީޝިއުސް އަށް ޓީމުގެ ކުޅުންތެރިންގެ ވަޒަންކޮށްލަން ފުރުސަތު ލިބޭނެ އެވެ. މުބާރާތުގައި ރާއްޖޭން ކުޅޭނެ ޓީމުތަކެއް ކަނޑައެޅިގެންދާނީ މިއަދު ބާއްވާ ޓެކްނިކަލް ބައްދަލުވުމަށް ފަހު އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment