17 ފެބުރުވަރީ 2022 - 09:27 0
ފާތިމަތު ސާޔާ އަހުމަދު
އެއިޑްސް ބަލިން ފަސޭހަވި އަންހެން މީހާއަކީ މިހާތަނަށް އެ ބަލިން ފަސޭހަވި ތިން ވަނަ މީހާ. -- ފޮޓޯ: ސައިންސް ފޮޓޯ ލައިބްރަރީ
17 ފެބުރުވަރީ 2022 - 09:27 0
އެޗްއައިވީ ޖެހިފައި ހުރި އެމެރިކާގެ އަންހެނަކު ބަލިން ފަސޭހަވެއްޖެ އެވެ. އޭނާއަކީ ބަލިން ފަސޭހަވި ފުރަތަމަ އަންހެން މީހާ އެވެ. މީގެ ކުރިން ދެ ފިރިހެނުން ވެސް ވަނީ ބަލިން ފަސޭހަވެފަ އެވެ.
އަންހެން މީހާއަށް ލިޔުކީމިއާ ޖެހި ފަރުވާ ކުރަމުން ދަނިކޮށް، އެއިޑްސް ބަލި ޖައްސާ ވައިރަހާ ދެކޮޅަށް "ނެޗުރަލް ރެޒިޒްޓަންސް" ހުރި މީހެއްގެ ފަރާތުން ވަނީ ސްޓެމް ސެލް ޓްރާންސްޕްލާންޓެއް ހަދާފަ އެވެ.
އެއިޑްސް ބަލިން އަންހެން މީހާ ސަލާމަތްވިތާ މިހާރު 14 މަސް ވެއްޖެ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނީ އެ އަންހެން މީހާގެ ފަރުވާއަށް ބޭނުން ކުރި ޓްރާންސްޕްލާންޓް ޕްރޮސީޖާއަކީ އެޗްއައިވީއާ އެކު އުޅެމުންދާ ގިނަ މީހުންނަށް ނުރައްކާތެރި ޕްރޮސީޖާއެއް ކަމަށެވެ.
އެ އަންހެން މީހާގެ ކޭސް އާއްމުކޮށް ހުށަހެޅީ އެމެރިކާގެ ޑެންވާގައި ކުރިއަށް ދިޔަ މެޑިކަލް ކޮންފެރެންސެއްގަ އެވެ. މިއީ އެފަދަ ޓްރާންސްޕްލާންޓް ޕްރޮސީޖާއަކުން މީހަކު އެޗްއައިވީން ރަނގަޅުވި ފުރަތަމަ ފަހަރެވެ.
އޭނާއަށް ޖެހިފައި ހުރި ކެންސަރުގެ ފަރުވާއަށް "އަމްބިލިކަލް ކޯޑު"ގެ ލޭ އެހެން މީހެއްގެ ގައިން ޓްރާންސްޕްލާންޓް ކުރި އެވެ. އޭގެ ފަހުން އެޗްއައިވީއަށް ފަރުވާ ކުރާކަށް ނުޖެހެ އެވެ.
އެމެރިކާގައި އެޗްއައިވީއާ އެކު އުޅޭ ބަޔެއް އެހެން މީހުންނަށް ވެސް ކެންސަރާއި ސީރިއަސް ބަލިތައް ޖެހުމުން އެ ފަރުވާ ދީފައިވެ އެވެ.
ޓްރާންސްޕްލާންޓް ކުރާ ސެލްތަކަކީ އެޗްއައިވީ ވައިރަހުން އިންފެކްޓް ނުވާނެ ފަދަ ވަކި ކަހަލަ ޖެނެޓިކް މިޔުޓޭޝަނެއް އައިސްފައިވާ ސެލްތަކެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ސެލްތައް ލިބުމާ އެކު، އެޗްއައިވީއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހަށިގަނޑުގެ ދިފާއީ ނިޒާމަށް ލިބެ އެވެ.
މީގެ ކުރިން އެޗްއައިވީން ފަސޭހަވި ދެ މީހުންގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކުރީ ބޯން މެރޯއިން ލިބޭ ބޮޑެތި މީހުންގެ ސްޓެމް ސެލްތަކެވެ.
Comment