17 ފެބުރުވަރީ 2022 - 06:55 0
އިސްމާއީލް އަޒްމީން
ވީއޭއެމްގެ ރައީސް ރަނޭ (ކ) އާއި އެފްއައިވީބީގެ ރައީސް ގްރާސާ ވީއޭއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2022 - 06:55 0
ރާއްޖޭގައި ބީޗްވޮލީބޯޅަ ޑިވެލޮޕްމަންޓް ސެންޓަރެން ގާއިމްކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީއާ އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.
ވީއޭއެމްގެ ރައީސް ރަނޭ ވަނީ މިދިޔަ މަހު އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާއާ އެކު އެފްއައިވީބީގެ މައި އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. އެފްއައިވީބީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ގްރާސާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ފަހުގެ ހާލަތު އޮޅުންފިލުވައި ބީޗްވޮލީބޯޅަ ކުރިއެރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ކަންކަން ދެނެގަނެފަ އެވެ.
"އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ދެ ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވީ އެފްއައިވީބީ އާއި ދިވެހިރާއްޖޭގެ ވޮލީއާ މިހާރު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ވޮލީ ކުރިއެރުވުމުގެ ގިނަ މަސައްކަތްތަކެއް އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާ އެކު ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރަނޭ ވިދާޅުވީ އެފްއައިވީބީއާ އެކު އެންމެ ފަހުން ކުރެވުނު މަޝްވަރާތަކުގައި ރާއްޖޭގައި ބީޗްވޮލީބޯޅަ ޑިވެލޮޕްމަންޓް ސެންޓަރެން ގާއިމްކުރުމުގެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. މި ސެންޓަރާ އެކު ރާއްޖޭގެ ބީޗްވޮލީބޯޅައިގެ ކުރިއެރުމަށް މުހިންމު މަގުތަކެއް ފަހިވާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.
"އެންމެ މުހިންމު ކަމަކަށް ދަތުރުގައި ދެކެވުނީ ރާއްޖޭގައި ބީޗްވޮލީބޯޅަ ސެންޓަރެއް ގާއިމްކުރާ ވާހަކަ. އަދި ބީޗްވޮލީ ޕްރޮގްރާމްތައް ހަރުދަނާ ކުރަން ދެން ކުރަން ހުރީ ކޮންކަމެއްތޯ. މީގެ އިތުރުން އިންޑޯ ވޮލީބޯޅަ އެހެން ހަރުފަތަކަށް ގެންދަން ކުރެވޭނެ މަސައްކަތްތަކުގެ ވާހަކަ. ތަފްސީލް ހާމަކުރައްވަމުން އެބޭފުޅުންގެ ލަފާގެ މަތިން ކަންކަން ކުރިއަށް މިދަނީ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ލިބެމުން އަންނަ ކުރިއެރުމާ ދޭތެރޭ. އަޅުގަނޑާ އެފްއައިވީބީއާ އޮންނަނީ ވަރަށް ގާތް ގުޅުމެއް،" ރަނޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ކަންތައްތަކުގެ އިތުރުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ކްރޮސްރޯޑުގައި ދާއިމީ ހަ ބީޗް ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ކަމަށެވެ.
"އެންމެ ބޮޑަށް މިހާރު ކުރަން ރޭވިފައި އޮތް އެއް މަސައްކަތަކީ ކްރޮސްރޯޑުގައި ދާއިމީ ހަ ބީޗް ވޮލީބޯޅަ ކޯޓު އެޅުން. ކްރޮސްރޯޑް ކައިރިން ތަރައްގީ ކުރާ ޕިކްނިކް އައިލެންޑާއި ޖެހިގެން އަޅާ ހަ ކޯޗުގެ މަސައްކަތް، އޭގެ ޑިޒައިން މަސައްކަތާއި އެހެނިހެން ކަންކަން މިހާރު ކުރިއަށްދަނީ." ރަނޭ ވިދާޅުވި އެވެ.
ރަނޭ ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެފްއައިވީބީ އާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި ޔޫތް މިނިސްޓްރީއާ އެކުގައި ވީއޭއެމް އިން ބަހައްޓަމުން އަންނަ ގުޅުން ކަމަށެވެ. މި ހަތަރު ފަރާތުގެ ގުޅުމަކީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑަށް ކަންކަން މަގުފަހިވާ ސަބަބުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ބީޗްވޮލީބޯޅަ ޓީމްގެ ކޯޗަކަށް ހުރީ އެފްއައިވީބީގެ އެހީތެރިކަމާ އެކު ހަމަޖެއްސާފައިވާ ބްރެޒިލް ވިނީޝިއުސް މާޓިންސް އެވެ. ރަނޭ ވިދާޅުވީ ރާއްޖޭގެ ބީޗްވޮލީބޯޅަ ކުރިއެރުމަށް އެފްއައިވީބީގެ ޓެކްނިކަލް އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.
"އެބޭފުޅުން (އެފްއައިވީބީ) އަޅުގަނޑުމެންނަށް އިިތުބާރުކޮށްފި. ފުރަތަމަ ދަތުރުގައި ބީޗްވޮލީބޯޅަ ކޯޗަކާއި ބީޗް ވޮލީބޯޅަ އިކުއިމްޕަންޓްވެސް ފޯރުކޮށްދީފި. އަޅުގަނޑުމެންގެ ބީޗްވޮލީގެ ޓެކްނިކަލް ޑިޕާޓްމެންޓެއް މިހާރު އެފްއައިވީބީގެ ޑީޕާޓްމެންޓަކީ. އެބޭފުޅުން އަންގާ ގޮތަށް މިހާރު އަޅުގަނޑުމެންގެ ބީޗްވޮލީބޯޅަ ކަންކަން މި ދަނީ،" ރަނޭ ވިދާޅުވި އެވެ.
ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން އެފްއައިވީބީން އޮތީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މިއީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާގެ ފަރާތުން ވޮލީބޯލް އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެެރެއިން ހިންގޭނެ ޕްރޮޖެކްޓް އެކެވެ.
ގައުމީ ބީޗް ވޮލީބޯޅަ އަންހެން އަދި ފިރިހެން ޓީމު މި ވަގުތު އަންނަނީ ސްރީ ލަންކާގައި މާދަމާ ފަށާ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment