Advertisement

އެއާޕޯޓުތަކަށް ތިން މިލިއަން ޑޮލަރު އިންވެސްޓުކުރުމުން ރަށެއް

16 ފެބުރުވަރީ 2022 - 13:28 0

އަމަން ހަލީމް

އަމަން ހަލީމް

ފ. މަގޫދޫ: އެއާޕޯޓު އަޅާ ރަށްތަކުގެ ތެރެއިން އެއާޕޯޓެއް ނެތް އަތޮޅަކަށް ނިސްބަތްވަނީ މަގޫދޫ އެކަނި. -- ފޮޓޯ: އަގޯޑާ


އެއާޕޯޓުތަކަށް ތިން މިލިއަން ޑޮލަރު އިންވެސްޓުކުރުމުން ރަށެއް

16 ފެބުރުވަރީ 2022 - 13:28 0

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން ޕްރައިވެޓް އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން މަދުވެގެން ތިން މިލިއަން ޑޮލަރު އިންވެސްޓު ކުރުމުން ރިސޯޓު ހަދަން ރަށެއް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނެރުއްވައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އިގުތިސޯދީ ނުވަތަ އިޖުތިމާއީ މަންފާއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ރަށްތައް ދޫކުރާނަމަ އެ މަޝްރޫއަކަށް އެންމެ މަދުވެގެން އިންވެސްޓު ކުރަން ޖެހޭ އަދަދު ބަޔާންކުރާ ރައީސްގެ ގަރާރެއް ގެޒެޓުކުރަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރަކީ ޕްލޭނިން މިނިސްޓްރީން ކޮރޮސް ސަބްސިޑީއަށް ރަށްތައް ދީގެން އަޅާ އެއާޕޯޓު މަޝްރޫއުތަކާ ގުޅިގެން އިއްޔެ ކުރި އިއުލާނަށް ބާރު ދިނުމުގެ ގޮތުން ގެޒެޓުކުރި ގަރާރެކެވެ. ޕްލޭނިން މިނިސްޓްރީގެ އިއުލާނަކީ، ކުރިން މި އެއާޕޯޓު މަޝްރޫއުތަކަށް ހުޅުވާލި ދައުވަތަށް ބަދަލު ގެނައުމަށް ފަހު ކުރި އިއުލާނެކެވެ.

އެއާޕޯޓު މަޝްރޫއުތައް އިއުލާނުކޮށް ނިމުނު އަހަރުގެ ޑިސެމްބަރު 21 ގައި ކުރި އިއުލާނުގައި ވަނީ ރަށެއް ލިބޭނީ މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރާ އިންވެސްޓަރުންނަށް ކަމަށެވެ. ފަހުން ކުރި އިއުލާނުގައި އެ އަދަދު ވަނީ ތިން މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ. އެކަމަކު މި އަދަދު ކުޑަކުރީ ކީއްވެެގެން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި އެއާޕޯޓުތަކަށް އިންވެސްޓު ކުރާ ފައިސާއަކީ އިންވެސްޓަރަށް ލިބޭ ރަށުގެ އެކުއިޒިޝަން ކޮސްޓުންނާއި ކުލިން އުނިކުރެވޭ ފައިސާ އެވެ. މިސާލަކަށް ވަކިވަކި އިންވެސްޓަރުން ވެގެން އެއް މަޝްރޫއަކަށް އިންވެސްޓު ކުރާ ނަމަ، އެއިން ކޮންމެ އިންވެސްޓަރެއްގެ ތިން މިލިއަން ޑޮލަރަށް ރިސޯޓެއް ތަރައްގީކުރަން ރަށެއް ކުއްޔަށް ދޫކުރެވޭނެ އެވެ.

ފިނޭންސް ކުރުމުގެ އިތުރުން އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ އިންވެސްޓަރުންނަށް އެ ފުރުސަތު ވެސް އެބައޮތެވެ. އަދި މިގޮތަށް އެއާޕޯޓު ތަރައްގީކުރަން އިންވެސްޓު ކުރާ ފައިސާ އަކީ ވެސް އެކުއިޒިޝަން ކޮސްޓާއި ރިސޯޓު ކުލިން އުނިކުރެވޭ ފައިސާ އެވެ.

މިއީ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރަން މި ސަރުކާރުން އަލަށް ތައާރަފުކުރި މޮޑެލްއެކެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތައް

  • ހދ. މަކުނުދޫ – 23،300،000 ޑޮލަރު
  • ށ. ބިލެއްފަހި – 23،600،000 ޑޮލަރު
  • ބ. ތުޅާދޫ – 21،900،000 ޑޮލަރު
  • ތ. ވިލުފުށި – 33،300،000 ޑޮލަރު
  • ފ. މަގޫދޫ – 8،200،000 ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ވަކި ރަށެއް ކަނޑަނޭޅޭ) – 23،600،000 ޑޮލަރު

އެއާޕޯޓު ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި އާއި ބ. ތުޅާދޫގެ އިތުރުން ތ. ވިލުފުއްޓާއި ފ. މަގޫދޫ އާއި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގަ އެވެ. މި ރަށްތަކުގެ ތެރެއިން ރ. އަތޮޅުގައި އެއާޕޯޓު ތަރައްގީކުރާނެ ވަކި ރަށެއް އަދި ކަނޑަނާޅާ އެވެ.

ޕްލޭނިން މިނިސްޓްރީން ލަފާކުރަނީ މި ހުރިހާ ރަށެއްގައި އެއާޕޯޓު އަޅަން 133.9 މިލިއަން ޑޮލަރު (2.06 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ. އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އަގު ޖަހާފައިވަނީ ތ. ވިލުފުށީގަ އެވެ. އެއީ 33.3 މިލިއަން ޑޮލަރު (513.4 މިލިއަން ރުފިޔާ) އެވެ. އެންމެ ހެޔޮ އަގު ޖަހާފައިވަނީ ފ. މަގޫދޫ އަށެވެ. އެއީ 8.2 މިލިއަން ޑޮލަރު (126.4 މިލިއަން ރުފިޔާ) އެވެ.

ބިމުގެ ޖާގަ ހުރި ގޮތުން މި ހުރިހާ ރަށެއްގައި އެއާޕޯޓު އަޅަން ޖެހެނީ ބިން ހިއްކައިގެންނެވެ. އެއާޕޯޓު މަޝްރޫއުތަކުގެ އަގު ނިސްބަތުން ބޮޑީ ވެސް އެ ސަބަބާ ހުރެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ރަށްރަށުގައި އެއާޕޯޓުތައް އެޅުމުގެ މަޝްރޫއަކީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ދަމަހައްޓަމުން އަންނަ 20 މިނެޓުން ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮތުމުގެ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ.