Advertisement

އަލުން ފުޓްބޯޅަ ކުޅެން އުޅެފިނަމަ ނޭވާ ހުއްޓޭނެ: އަގުއޭރޯ

16 ފެބުރުވަރީ 2022 - 14:39 0


އަލުން ފުޓްބޯޅަ ކުޅެން އުޅެފިނަމަ ނޭވާ ހުއްޓޭނެ: އަގުއޭރޯ

16 ފެބުރުވަރީ 2022 - 14:39 0

ބީނޯޒް އެރީޒް، އާޖެންޓީނާ (ފެބްރުއަރީ 16) - ހިތުގެ މައްސަލައެއް ފާހަގަވެގެން ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަލުން ފުޓްބޯޅަ ކުޅެން އުޅެފިނަމަ އޭނާގެ ނޭވާ ހުއްޓޭނެ ކަމަށް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މީގެ ދެ މަސް ކުރިން، ޑިސެމްބަރު މަހު 15 ވަނަ ދުވަހު އެވެ. އަގުއޭރޯ ރިޓަޔާކުރަން ލަފާދިނީ ހިތުގެ މައްސަލަތަކުގެ ސަބަބުން އޭނާގެ ކަންކަން ބެލެހެއްޓި ޑޮކްޓަރުންގެ ޓީމުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ވަނީ އެ ހާދިސާ ދިމާވިތާ އަށް މަސް ފަހުން ފުޓްބޯޅަ މެޗެއްގެ އެއް ގަޑިއިރު ކުޅެފަ އެވެ. އެރިކްސަން ވަނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިފަ އެވެ. އެ ލައްވައިގެން މި ވަގުތު ހަ މަހުގެ ކޮންޓްރެކްޓެއްގައި އެރިކްސަން ކުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށެވެ.

އެރިކްސަނަށް ކުޅެވޭ ގޮތަށް އަގުއޭރޯ އަށް ވެސް އަލުން ދަނޑަށް އެނބުރި އާދެވިދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއރު، އެ ވާހަކަ ތަކަށް އަގުއޭރީޯ ވަނީ އޭނާގެ ސޯޝަލް މީޑިއާގެ ލައިވް ސްޓްރީމެއްގައި ޖަވާބުދީފަ އެވެ.

"އަހަރެން މި ވަގުތު ފުޓްބޯޅަ ކުޅެންވެގެން ދުވަން ފަށައިފިނަމަ އަހަރެންގެ ނޭވާ ހުއްޓޭނެ. ބައެއް ފަަހަރު އަހަރެން ހިތަށްއަރައި އަހަންނަށް ދެން ދުވަހަކު ވެސް ބާރަށް ދުވެވިދާނެތޯ. މިހާރު ހީވަނީ އަހަރެންގެ ހިތް ރަނގަޅަށް މަސައްކަތް ވެސް ނުކުރާހެން،" އަގުއޭރޯ ބުންޏެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން މެންޗެސްޓާ ސިޓީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ޓީމުގެ ޖޯޒީގައި ކުޅެވުނީ ފަސް މެޗެެވެ. އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަަތަމަ ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެއީ ރަސްމީ ފުޓްބޯޅަ މެޗެއްގައި އަގުއޭރޯގެ އެންމެ ފަހުގެ ފެނިލުމެވެ.