Advertisement

ގައުމީ ވޮލީ ޓީމުގެ ވިސްނުން ބަދަލުވެ، ދަނީ ބޭނުންވާ މިސްރާބަށް

15 ފެބުރުވަރީ 2022 - 09:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ނާފިއު (ކ) އާއި ކެޕްޓަން ކުޑަކާއްޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ވޮލީ ޓީމުގެ ވިސްނުން ބަދަލުވެ، ދަނީ ބޭނުންވާ މިސްރާބަށް

15 ފެބުރުވަރީ 2022 - 09:28 0

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ވިސްނުން ބަދަލުވަމުން އަންނަ ކަމަށާއި ޓީމު ކުރިއެރުވުމުގެ ކަންކަމުގައި މިސްރާބު ހުރީ ރަނގަޅު ދިމަލާކަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ރަނޭޝް މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ދެ ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ.

ރަނޭޝް ވިދާޅުވީ މިދިޔަ އަހަރު އޭޕްރީލް މަހުގައި ވީއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެން ވިސްނުމަކަށްވީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ވަރުގަދަ ކުރުން ކަމަށެވެ. އެ ގޮތުން ވީއޭއެމްގައި ޓެކްނިކަލް ޓީމެއް އެކުލަވާލާފައި ކުރެވުނު މަޝްވަރާގައި ފެނުނީ ކަންތައްތަކެއް ބަދަލުކުރަން ޖެހޭކަން ކަމަށެވެ. ފާހަގަކުރެވުނު ކަމަކީ ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕް ޖަހައިގެން މެޗުތަކެއް ކުޅުމުގެ ބަދަލުގައި އަމިއްލަ ގައުމުގައި އެކުވެރިކަމުގެ މެޗެއް، ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފައިދާ ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވުނެވެ.

"ޓެކްނިކަލް ޓީމުން ވިސްނިއިރު މި ފެނުނީ އަޅުގަނޑުމެންނާ ވާދަކުރަން ތިބި ގައުމުތަކުން ރާއްޖެ ގެނެސްގެން މާލޭގައި މެޗުތަކެއް ކުޅެން. އެ މީހުން (ސަރަހައްދީ އެހެން ގައުމުތަކު)ގެ ކުޅުން ދަސްކުރަން ޖެހޭ. އެ ގޮތަށް ފެށުނު ސިލްސިލާއެއް މިއީ،" މިދިޔަ ޑިސެމްބަރު މަހާއި މި މަސް ތެރޭ ގައުމީ ފިރިހެން ޓީމުން ކުޅުނު އެކުވެރިކަމުގެ ނުވަ މެޗަށް އިޝާރާތްކޮށް ރަނޭޝް ވިދާޅުވި އެވެ.

ގައުމީ ޓީމުން ޑިސެމްބަރު މަހު މެޗުތައް ކުޅުނީ ސްރީ ލަންކާއާ ދެކޮޅަށް ތިން މެޗާއި އިންޑިއާގެ ކްލަބް ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ތިން މެޗެވެ. އަދި މި މަހު ވަނީ ބަންގްލަދޭޝާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމާ އެކީ ހަމަޖެހިގެންދާ މި މެޗުތަކުން ވަރަށް ބޮޑެތި ކަންކަން ހާސިލްކުރެވި، އިންޓަނޭޝަނަލް ވޮލީގެ ޕްރެޝަރަށް ހޭނެން ކުޅުންތެރިންނަށް ފަސޭހަވެ އެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ސްކޮޑުގައި ގައުމީ ލެވަލްގެ ބޮޑު މުބާރާތްތަކުގައި ނުކުޅޭ ފަސް ވަރަކަށް ކުޅުންތެރިން ހިމެނެ އެވެ. އެ ކުޅުންތެރިން ވަނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ތިން މެޗުގެ އެކި ވަގުތުތަކުގައި ކުޅެން އަރައިފަ އެވެ. ގައުމީ ލެވަލްގައި މުބާރާތްތަކެއް ނުކުޅެ، ސީނިއާ ގައުމީ ޓީމަށް ކުޅުމަކީ އެންމެ ރަނގަޅު ގޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

"އަޅުގަނޑު ވެސް ކުޅުންތެރިއަކަށް ހުރިއިރު ހިތައް އަރާ އެއްޗެއް ތިއީ. އެކަމަކު، އެއީ މިއަދު އަޅުގަނޑުމެންގެ ކުޅިވަރުގެ ހާލަތު ހަގީގަތް. އަޅުގަނޑުމެން ޖެހޭނެ އެ އަށް ފޭސްކުރަން. އެ އަށް ޓެކަލް ކުރީމަ، މި ސަކްސެސްފުލް އެއްޗަކަށް މި ހެދެނީ. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް ބައިތަކެއް އެބަހުއްޓޭ ފުރިހަމަ ނުވެ،" ރަނޭޝް ވިދާޅުވި އެވެ.

ވީއޭއެމްގެ މިހާރުގެ ލީޑަޝިޕް އިން ގައުމީ ޓީމަށް ކުޅުންތެރިން ހޯދަން ފެށި ޕްރޮގްރާމަކީ ނެޝަނަލް ވޮލީބޯލް އެކްސަލަކެންސް ޕްރޮގްރާމް އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އިސްކޮޅުން ދިގު ހުނަރުހުރި ކުދިން ފާހަގަކޮށް މުސްތަގުބަލަށް ގައުމީ ޓީމެއްގެ ބިންގާ އަޅައި، ކުޅުންތެރިން ފަރިތަކުރަން އެ ޕްލެޓްފޯމް ރަނގަޅެވެ. އެ ޕްލެޓްފޯމްގައި ތިބެގެން ފަރިތަކޮށްގެން ގައުމީ ޓީމާ ހަމައަށް ދެވޭނެ ކަމަށާއި އެ އަށް ކުޅުންތެރިން ނެގޭނީ ކުރިއަށް ރޭވިފައި އޮތް އަތޮޅު މުބާރާތުން ކަމަށް ރަނޭޝް ވަނީ ވިދާޅުވެފަ އެވެ.

"އަތޮޅު މުބާރާތުން ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެއްޖިއްޔާ 2646 ކުދިން ވޮލީ ކުޅޭނެ. ގަވާއިދު ބުނާގޮތުން އަތޮޅުތެރޭގެ ކުދިންނަށް އެ އަތޮޅަކަށް ނިސްބަތްވާ ކޮންމެ ރަށަކަށް ވެސް ކުޅެވޭ ގޮތަށް އެ އިންނަނީ. ވަކި ބައިވަރު ކުދިންތަކެއް ހުރިހާ ތަނަކަށް ގޮސް ކުޅޭ ގޮތަކަށް ނޫން މި އިންނަނީ،" ރަނޭޝް ވިދާޅުވި އެވެ.

"2646 ކުދިން ކުޅޭއިރު އޭގެއިން ކްރީމް އޮފް ދި ކްރީމް ނެގިގެން 84 ކުދިންނަށް އެބަ ކުޑަކުރެވޭ. އޭގެ ތެރެއިން ގައުމީ ސްކޮޑުގައި ގެންގުޅެން އަޅުގަނޑުމެންގެ ހިތުގައި އޮތީ 30 ކުދިންނޭ. އެ ކުދިންނަށް އައިސް ކުޅެވޭނެ ޕްލެޓްފޯމަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ ފެށި ޕްލެޓްފޯމް،"

އެންމެ ފަހުން ބަންގްލަދޭޝާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ބަލިވި މެޗުގައި ފެނިގެންދިޔަ އަރައި ތިބި ހަ ކުޅުންތެރިންނާއި ބެންޗުން އަރަން ތިބި ކުޅުންތެރިންނާ ހުރި ފަރަގެވެ. އެ ފަރަގު ކުޑަކުރުން އެއީ އެންމެ އިސްކަމެއްދީގެން ކުރަން ޖެހޭ މަސައްކަތެވެ. އެކަމާ ދެބަސްވެވެން ނެތް ކަމަށް ރަނޭޝް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގެ މިއީ އަޅުގަނޑުގެ މައްސަލައެއް ކަމެއް ނޫނީ. ކުރިން މަސައްކަތްތަކެއް ނުކުރެވި ހުރީމަ ދިމާވި ކަމެއް ކަމެއް. ބޭނުމީ އަޅުގަނޑުގެ ދައުރު ނިމޭއިރު ރަނގަޅު ގައުމީ ޓީމެއް ބޭއްވުން،" ރަނޭޝް ވިދާޅުވި އެވެ.

"އަނެއް ކަމަކީ މުބާރާތްތަކަށް ކުރާ ހަރަދު. ގައުމީ ޓީމަށް ކުރާ ހަރަދު. ކޮންމެ ފަަހަރަކު ވެސް މެޑަލް ނުލިބުނީމަ އަޅުގަނޑުމެން އެންމެންގެ ޝަކުވާތަކެއް އެބައާދޭ. އެކަމަކު، ކުރެވުނީ ކޮން މަސައްކަތެއްތޯ ބަލާއިރު މިހުރި ހުރިހާ ކަމެއް މި ހުންނަނީ ދޫކޮށްލާފައި. ކުރަން ޖެހޭ ކަމެއް ނުކޮށް ކަމެއް ހާސިލެއް ނުކުރެވޭނެ،"

ރާއްޖޭގެ ވޮލީބޯޅައިގެ ކަންކަން މަޑުމަޑުން ހައްލުކުރަން ކުރާ މަސައްކަތުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރުމުގެ ވިސްނުން އިސްކުރާ ކަމަށާާއި ވޮލީބޯޅަ މުބާރާތުގެ ފޯމެޓް ބަދަލުވެގެންދާނީ ވެސް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިވެގެންދާ ގޮތަށް ކަމަށް ރަނޭޝް ވަނީ ވިދާޅުވެފަ އެވެ.

ރަނޭޝް "އަދަދު" އަށް އިންޓަވިއުއެއް ދެނީ: ވީއޭއެމްގެ ޕްލޭންތަކާ އެކު މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި ވަގުތަށް ބަލާއިރު، ވިސްނުމަކީ މި އަހަރު ރާއްޖޭގައި ހޯސްޓްކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެލެންޖް ކަޕްގައި ރަނގަޅު ނަތީޖާ ނެރެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށެެވެ. ރަނޭޝް ވިދާޅުވީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗު ނިމުނު ހިސާބުން އެ މަސައްކަތް ފެށުނީ ކަމަށެވެ.

"އަޅުގަނޑު ބަންގްލަދޭޝް މެޗު ނިމުމުން ކުޅުންތެރިން ގާތުގައި ބުނިން. މިއަދުން ފެށިގެން އަޒުމްކަނޑައަޅާށޭ އަޅުގަނޑުމެންނަކީ ޗެލެންޖް ކަޕަށް ތައްޔާރުވާ ބައެއްގެ ގޮތަށް. ކުއްލިއަކަށް 10 ދުވަހަށް ނޫނީ 15 ދުވަހަށް ވީމަ ޗެލެންޖް ކަޕަށް ތައްޔާރެއް ނުވެވޭނެ. މިއަދު ޗެލެންޖް ކަޕްގެ ހުވަފެން ބަލައި ތައްޔާރުވާން އެބަޖެހޭ،" ރަނޭޝް ވިދާޅުވި އެވެ.

"އުންމީދު ވެސް ނުކުރާ ވަރަށް ކުޅުންތެރިން މަސައްކަތް އެބަކުރޭ. އެހެން ލެވަލަކަށް ދާން ކުޅުންތެރިން މަސައްކަތް އެބަކުރޭ. މި މެނޭޖްމަންޓާ މެދު ވެސް ކުޅުންތެރިން ހިތްހަމަޖެހޭ،"

ޕްލޭން ކުރެވިފައި ހުރި ގޮތަށް ބޭނުންވާ ލެވަލްގައި މަސައްކަތް ކުރެވިއްޖެނަމަ މި އަހަރުގެ ޗެލެންޖް ކަޕަށް ދާއިރު ރަނގަޅު ގައުމީ ޓީމެއް އޮންނާނެ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

ބްރެޒިލް ދެ ކޯޗުންނާ އެކު ބޭނުންވާ ބަދަލު ގެނެވޭނެ

މީގެ މަހެއްހާ ދުވަސް ކުރިން ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއި ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ޓެކްނިކަލް އެހީތެރިކަމާ އެކު ގައުމީ ބީޗް ވޮލީބޯޅަ ޓީމަށް ވަނީ ބްރެޒިލްގެ މަތީ ފެންވަރުގެ ކޯޗެއް ކަމަށްވާ ވިނީޝިއުސް މާޓިންސް ގެނެސްފަ އެވެ.

ކުރިއަށް އޮތް ހަފްތާ ތެރޭގައި ގައުމީ ވޮލީބޯޅަ ޓީމަށް ގެންނަ ބްރެޒިލްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ސާޖިއޯ ވެލޯސޯ ޓީމާ ގުޅޭނެ އެވެ.

ރަނޭޝް ވިދާޅުވީ މިވީ ކުޑަ މުއްދަތުގެ ތެރޭގައި ވެސް ބީޗްވޮލީބޯޅަ ޓީމަށް ގެނައި ކޯޗު ވިނީޝިއުސް އާއި ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ސާޖިދު (ކާއްޓޭ) އެކުގައި ކުރި މަސައްކަތުން ރަނގަޅު ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވަމުން އެބައާދޭ. ދެން ކާއްޓޭއާ އެކު މަސައްކަތް ކޮށްލަން ބިދޭސީ ކޯޗު (ސާޖިއޯ) އައުމުން އެހެން ހަރުފަތަކަށް މިކަން ދާނެ. ކެރިއަރު ނިންމާލަން އެ އުމުރަށް ގޮސްފައި ތިބި ކުޅުންތެރިން ވެސް އާ ޖޯޝެއްގައި މަސައްކަތް އެބަކުރޭ،" ރަނޭޝް ވިދާޅުވި އެވެ.

ގައުމީ ބީޗް ވޮލީ ކޯޗު ވިނީޝިއުސް: އޭނާގެ ޓްރެއިނިންތަކުގެ ތަފާތު ފެނޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ބީޗް ވޮލީ ކޯޗު (ވިނީޝިއުސް) އައިތާ 20 ނޫނީ 25 ވަރަކަށް ދުވަސްތެރޭ ވެސް ބަދަލުތަކެއް ފެނިއްޖެ. ދެ އަހަރާ ހަމައަށް އެ ކޯޗާ ހަމައަށް މަސައްކަތްކުރާއިރު، އަޅުގަނޑުމެން އަތުގައި ތިބޭނެ ވޮލީގެ ހަށިގަނޑު ތިބި ރަނގަޅު ހުނަރު ހުރި ކުޅުންތެރިން. މިއީ އަޅުގަނޑުމެން ދާން ބޭނުން މަންޒިލަކީ. މިހާރު މި ކުރާ މަސައްކަތް ދާއިމީކޮށް ކޮންގެން ނޫނީ ބޭނުންވާ މަންޒިލަށް ނުދެވޭނެ،"

ރަނޭޝް ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު މެޗުތަކުން ފެންނަނީ މެޗު ތަޖުރިބާ މަދުވުމުގެ ތަފާތު ކަމަށެވެ. އެކަން ރަނގަޅުކޮށް މެޗުތައް ކުޅެގެން މެންޓަލީ ރާއްޖޭގެ ގައުމީ ޓީމު ރަނގަޅުވި ވަރަކަށް ތަފާތު ފެންނަމުންދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ރަނޭޝް ވިދާޅުވި އެވެ.

"ބިދޭސީ ކޯޗުންނާ އެކު ދިވެހި ކޯޗުން މަސައްކަތްކޮށް ލެވަލް މައްޗަށް ދިއުމަކީ ވެސް އަޅުގަނޑުގެ އަމާޒެއް. ދިވެހި ކޯޗުންގެ ލެވަލް މައްޗަށް ދާނެ ފެންވަރު ރަނގަޅު ބިދޭސީ ކޯޗުންނާ އެކު މަސައްކަތް ކުރީމަ. ދިގު މުއްދަތަކަށް އެކަން ކުރަންވީ ފަސް ދުވަހުގެ ޓްރެއިނިން ކޯހަކުން އެކަމެއް ނުވާނެ،" ކޯޗުންގެ ޑިވެލޮޕްމަންޓަށް ރަނޭޝްގެ ތަސައްވުރާ ބެހޭގޮތުން ވިދާޅުވި އެވެ.

ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކަންކަން ކުރާއިރު، މަޑުމަޑުން ކަންތައްތައް ހާސިލްކުރެވޭނެ ކަމަށް ރަނޭޝް ދެކިލައްވަ އެވެ. ގައުމީ ޓީމުން ކާމިޔާބު ހޯދަން ޓާގެޓްތަކެއް ކަނޑައަޅާއިރު، ވިސްނުންތެރިކަމާ އެކު ފިޔަވަޅުތަކެއް ނާޅައި މެޑަލް ހޯދޭނެ ކަމަށް ދެކުން އެއީ މި ވަގުތަށް ބަލާއިރު ކުރުން އެންމެ ރަނގަޅު ކަންތަކަށް ނުވާނެ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް ނުވިސްނާތީ ކިނބިއްސެއް އަޅާފައި އަޅުގަނޑުމެންނަށް ގޯލްޑް މެޑަލް ލިބޭނެއޭ. އެއީ ވާނެ ކަމެއް ނޫން. އުންމީދު ކުރެވިދާނެ. އެހެން ކިޔާފައި ދޮގު ވެސް ހެދިދާނެ. ކުރަން ޖެހިފައި އޮތް ކަމަކީ މެޑަލް ހޯދާފައި އޮތް ކުޅިވަރަކަށް ވާތީ މެޑަލް ދިފާއުކުރުން،" ރަނޭޝް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ގޯލަކީ ގޯލްޑް މެޑަލް. އަޅުގަނޑަކީ ބްރޯންޒް މެޑަލަކަށް ނޫނީ ސިލްވާ އަކަށް ކައުންޓް ކުރާ މީހެއް ނޫން. އެއީ އަޅުގަނޑުމެން ހޯދާފައި ހުރި އެއްޗެހި. އެއީ އަނެއްހެން މެޑަލެއް ނޫން. މެޑަލަކީ އެއް ވަނަ. އެ ދިމާލަށް މިދަނީ،"

ވާދަވެރި އިންތިހާބަކުން ވީއޭއެމްގެ ރައީސަކަށް އިންތިހާބުވެ، ދައުރުގެ ފުރަތަމަ އަހަރު ފުރިހަމަ ކުރުމަށް ރަނޭޝް ކުރިމަތިލާއިރު، އޭނާ ވިދާޅުވީ ވޮލީ އެސޯސިއޭޝަން ދާ މިސްރާބު ރަނގަޅު ކަމަށެވެ. އަދި އެކަން ބަލައިގަނެ އެ މަސައްކަތުގައި ބައިވެރިވާން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި އަބަދުވެސް އެ ދޮރު އޮންނާނީ ހުޅުވިފައި ކަމަށް ރަނޭޝް ވިދާޅުވި އެވެ.

"އަޅުގަނޑަށް ކޮށްދޭން ޖެހޭ އެއްވެސް މަސައްކަތެއް ނޯންނާނެ. ވޮލީ އަށް ކޮށްދޭން ޖެހޭ މަސައްކަތް އޮންނާނީ. އަޅުގަނޑު މިހުރީ ވޮލީ އަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަން،" ރަނޭޝް ވިދާޅުވި އެވެ.

ދުނިޔޭގެ ވޮލީ ފެޑެރޭޝަން، އެފްއައިވީބީ އާއި އޭޝިއާގެ ފެޑެރޭޝަން، އޭވީސީއާ ގާތްގުޅުމެއް އޮންނަ ކަމަށް ރަނޭޝް ވިދާޅުވި އެވެ.