Advertisement

51 ޕަސަންޓް ހޯދަން ކޯލިޝަން ހެދުމުގެ އިންސާފުވެރިކަމާމެދު ހަސަންގެ ސުވާލެއް

15 ފެބުރުވަރީ 2022 - 10:48 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: އާއިމް ޒަމީރު/އަދަދު


51 ޕަސަންޓް ހޯދަން ކޯލިޝަން ހެދުމުގެ އިންސާފުވެރިކަމާމެދު ހަސަންގެ ސުވާލެއް

15 ފެބުރުވަރީ 2022 - 10:48 0

މިވަގުތު ގައުމުގައި އެންމެ ހޫނުކޮށް ކުރެވޭ ބަހުސަކީ ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުމާމެދު އެވެ.

މިއަހަރު ފަހުކޮޅު އޮންނަ އެމްޑީޕީ ކޮންގްރެސްއިން ގޮތެއް ނިންމަން ނަޝީދު ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށްވުރެ އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓް އިންތިހާބުން ކާމިޔާބުވީ ކަމުގައި ގާނޫނުއަސާސީގައި ލިޔުމަށެވެ.

ރައްޔިތުންގެ 30 ޕަސެންޓު ވޯޓުން ވެރިއަކު ހޮވުމަށް ނަޝީދު ދެއްކެވީ ދެ ސަބަބެވެ. އެއީ ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭނެ މަގު ތަނަވަސް ކުރުމާއި އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމެވެ.

ނަޝީދުގެ ވެރިކަމުން ފެށިގެން ރާއްޖޭގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން އެކަން ކުރައްވާފައި ވަނީ ކޯލިޝަނެއް ހައްދަވައިގެނެވެ. ނަމަވެސް ކޯލިޝަން ވެރިކަމަށް ފަސް އަހަރު ހިންގުން އުނދަގޫ ކަމަށް ނަޝީދު ދެކިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ 30 ޕަސެންޓު ވޯޓަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިއަކު ހޮވުމަށް އެކަށީގެންވާ އަދަދެއްގެ ވޯޓެވެ.

ތާއީދު ނެތް ވެރިކަމެއް؟

އެކަމަކު ވެރިކަން ހޯދުމުގެ ބޭނުމުގައި އެމްޑީޕީގެ "ސައިޒަށް" ރައްޔިތުންގެ ތާއީދު ތިރި ކުރުމަކީ ގިނަ ބަޔަކަށް ހަޖަމުކުރަން އުނދަގޫވާ ހުށަހެޅުމެކެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ, ދެވަނަ ބުރެއްގެ ވޯޓަށް މީގެކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވެސް ދާން ޖެހުނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަޝީދުއާ ދެމެދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ނުލިބުމުންނެވެ. ހަމައެގޮތަށް 2013 ވަނަ އަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުގައި ނަޝީދަށް އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް, ވެރިކަމަށް ނާދެވުނީ 51 ޕަސެންޓް ނުލިބުމުންނެވެ. ދެވަނަ ބުރުގައި ނަޝީދު ބަލިވީ އެމަނިކުފާނާ ދެކޮޅަށް އެހެން ކެންޑިޑޭޓުން ޔާމީންއާއެކު ކޯލިޝަން ހެދުމުންނެވެ.

އެންމެފަހުން ބޭއްވި އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ނުޖެހުނީ އެންމެ ދެ ކެންޑިޑޭޓުން ވާދަކުރުމުންނެވެ. ނަމަވެސް, އެ އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހަށް ކާމިޔާބު ހޯދުނީ މައުމޫނާއި ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަނާއެކު އެވެ.

ނަޝީދުގެ ހުށަހެޅުމާ ދެކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ރައްޔިތުންގެ މެޖޯރިޓީގެ ތާއީދެއްނެތެވެ.

އެކަން ބަދަލުކުރަން، މަޖިލީހުގައި އެމްޑީޕީގެ މިހާރު އޮތް ސުޕާ މެޖޯރިޓީ ބޭނުންކުރުމަކީ ހުދުމުހުތާރު ކަމެކެވެ.

ކޯލިޝަން ހެދުން ބޭއިންސާފު

ނަޝީދަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ ދައުރު މިހާރު ހަމަވެފައިވާ ހަސަން ލަތީފް ރައްދު ދެއްވި އެވެ.

ފާއިތުވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ އިންތިހާބުގައި ރައީސްކަމަށް ވަޑައިގެންނެވި ވެރިންނަކީ ރައްޔިތުންގެ ސީދާ ތާއީދުގެ 30 ޕަސަންޓު ވެސް ހަމަނުވާ ބޭފުޅުންނެވެ.

މިގޮތުން، 2008 ގައި ރައީސްކަމަށް ވަޑައިގެންނެވި ނަޝީދު ވެރިކަމަށް ގެންނަން ފެންނަކަމަށް ސީދާ ވޯޓު ދިނީ އެންމެ 25 އެއްހާ ޕަސަންޓް މީހުނެވެ.

އޭގެ ފަހުން، 2013 ގެ ފުރަތަމަ ބުރުގައި ޔާމީނަށް ވެސް 30 ޕަސަންޓު ހަމައެއް ނުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ދެ އިންތިހާބުގައި ވެސް ވެރިކަމަށް ވަޑައިގެންނެވީ މެޖޯރިޓީ ރައްޔިތުން ނޫނެކޭ ބުނި ދެ ވެރިންނެވެ.

އެއީ ރައްޔިތުންގެ ނިންމުމަށް އެންމެ އިންސާފުވެރިގޮތްތޯ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން ހަސަން ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 ޕަސަންޓާއި އެއް ވޯޓު ހޯދަން ކޯލިޝަނެއް ހަދައިގެން ވެރިކަންކުރަން ކުރިމަތިވާ ގޮންޖެހުންތަކަކީ ވެސް ވިސްނާލަން މުހިންމު ނުކުތާއެކެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާ 50 ޕަސަންޓް ހުރަސްކުރަން، އަމިއްލައަށް ވާދަކޮށްގެން އިންތިހާބުތަކުގައި ރައްޔިތުންގެ ތާއީދު ފެންނަން ނެތް ޕާޓީތަކަށް ދައުލަތް ހިންގުމުގެ އިސް ސަފުން ގިނަ ޖާގަތަކެއް ދޭންޖެހޭކަން ހަސަން ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދާއިރު، އެ ސިޔާސީ ޕާޓީއެއްގެ ނެތް މިންވަރަށް އެބަ ދޭންޖެހޭ އިންތިހާބުގެ ކުރިން ކޯލިޝަނެއް ހަދާއިރު،" ފާއިތުވި ތިން ވެރިކަމުގައި ވެސް ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށް ނުސީދާކޮށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ތަފާތު ފިކުރުގެ ޕާޓީތަކުން އެކުވެގެން ކުރާ ވެރިކަމެއްގައި މައި ޕާޓީން ރައްޔިތުންނަށް ވާ ވައުދުތައް ފުއްދަން ވެސް ބޮޑެތި ދަތިތަކެއް ކުރިމަތި ވެއެވެ.

އޭގެ ބަދަލުގައި ނަޝީދު ހުށަހަޅުއްވާފައިވާ ގޮތަށް މަދުވެގެން 30 ޕަސަންޓާ ހަމައަށް ރައްޔިތުންގެ ތާއީދު އޮތް ވެރިއަކު ގައުމު ހިންގެވުމަކީ ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިހާރު ހުށަހަޅާފައިވާ ގޮތުން ވެރިކަމަށް ދެން އަންނާނީ މަދުވެގެން 30 ޕަސަންޓް ތާއީދު އޮތް ބޭފުޅެއް. އޭގެ މާނައަކީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ލިބޭނީ އެއަށްވުރެ މަދުންނޭ ވޯޓު،" ހަސަން ވިދާޅުވި އެވެ.

ސިޔާސީ ހަމަޖެހުން ލިބޭނެ؟

މީގެ ކުރީ ދެ ވެރިކަމުގައި ހެދި ކޯލިޝަން ރޫޅުމާއެކު ސަރުކާރު ހިންގަން ކުރިމަތިވި ގޮންޖެހުންތައް ވަރަށް ސާފެވެ.

ނަޝީދުގެ ވެރިކަން ވެއްޓުމުގެ ފަހަތުގައި އޮތީ ކޯލިޝަން ރޫޅުމާއެކު އެ ޕާޓީތައް އެކުވެގެން ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތެވެ.

ކޯލިޝަން ރޫޅާލުމުގެ ނިންމުން ޔާމީންވެސް ތަކުރާރުކުރެއްވިއިރު، އެމަނިކުފާނުގެ ދައުރުގެ ފަހުކޮޅު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.

އެ މާޒީއަށް ބަލާއިރު އެންމެ 30 ޕަސަންޓާއެކު އަންނަ ވެރިއަކަށް އެފަދަ ހާލަތެއް ތަކުރާރުވެދާނެކަމުގެ ބިރު ބޮޑެވެ.

މުޅި ދައުރު ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމުގެ ހިތި ރައްޔިތުން ތަހައްމަލުކުރަންޖެހުމުގެ ފުރުސަތާއެކު އެވެ.

އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ ގާނޫނީ ގޮތުން އުފެދޭ އެއްވެސް ސަރުކާރެއް ގާނޫނުތަކާ އެއްގޮތަށް ވެރިކަންކުރާނަމަ، ވެއްޓިގެން ނުވާނެ ކަމަށެވެ.

"ދެން 100 ޕަސަންޓް ލިބިގެން އަންނަ ސަރުކާރު ވެސް ވައްޓާލަންޏާ ވައްޓާލަންވީ،" ސިޔާސީ ހަމަޖެހުމެއް ތަފާތެއް ނާންނާނެކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ނަޝީދު ހުށަހެޅުއްވި އިސްލާހަކީ މިހާރު ކަން ހިނގަމުންދާ ގޮތް ބަދަލުކުރުމުގެ މަފްހޫމެއް ކަމަށެވެ.

މިގޮތުން، ޕަސަންޓުގެ އިތުރުން ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ ކިހާ ވޯޓެއް ލިބިގެެން ކަމާއި އެފަދަ ތަފްސީލުތައް ކޮންގްރެސްގައި މަޝްވަރާކުރެވި، އެ ހިޔާލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށެވެ.

"މިއީ މިކަން ކުރެވިދާނެ ގޮތުގެ ހުށަހެޅުމެއް. ކޮންސެޕްޓެއް. އަޅުގަނޑު ގަބޫލުކުރަނީ އެކަމަށް ކޮންގްރެސްގައި އިތުރަށް މަޝްވަރާކުރެވި ގޮތްތަކެއް ނިންމިގެންދާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.