17 ފެބުރުވަރީ 2022 - 12:27 1
މުހައްމަދު ވިޝާމް
17 ފެބުރުވަރީ 2022 - 12:27 1
އިންތިހާބުތައް ކާމިޔާބުކުރުމުގެ ފުރިހަމަ ރެކޯޑެކެވެ؛
ލޯކަލް ކައުންސިލުތަކުގެ ދެ އިންތިހާބެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެއް ޕާޓީއަކަށް ތާރީހީ ކާމިޔާބީ އެކެވެ. އެންމެ ބޮޑު ރިޔާސީ އިންތިހާބު ވެސް މެއެވެ.
އެކަމަކު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހަސަން ލަތީފް ހުންނަވައިގެން ހޯއްދެވި އެ ކާމިޔާބީތައް ދަރަޖަ ކުރެއްވުމުގައި އޭނާ ދެއްވި ޖަވާބުން ލިބުނީ ހައިރާންކަމެވެ.
އެމްޑީޕީގެ ކާމިޔާބީތަކުގެ ފެށުމަކީ ހަސަން ސިފަކުރައްވާ ގޮތުގައި، ބ. ކަމަދޫގައި 2017 ވަނަ އަހަރު އޮތް ބައި-އިލެކްޝަނެވެ.
އޭނާ ވިދާޅުވާ ގޮތުގައި، 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުން އެމްޑީޕީން ހޯދި ކާމިޔާބީއަށް ވުރެން ވެސް އެ ބައި-އިލެކްޝަންގެ ކާމިޔާބީ ހާއްސަ އެވެ.
އޭގެ ފަހުން ލިބުނު ކާމިޔާބީތައް ފެށިގެން އައީ އެ ހިސާބުންކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.
"ޕާޓީގެ ތިބި މީހުން މަޝްވަރާކުރުމަށްފަހު ނިންމީ އަޅުގަނޑުމެން އެރަށުގައި ތިބެގެން ވިޔަސް، އަޅުގަނޑުމެން ޕާޓީގެ ހުރިހާ ރިސޯސަސް ބޭނުންކޮށްގެން ވިޔަސް އެ ގޮނޑި ކާމިޔާބު ކުރަން،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕެއިނެއްގައި މާލޭގައި ދިދަފަތި ދަމާފައި.
އެފަދަ ވަރުގަދަ ޖޯޝަކާއި ރޫހެއް އުފަންވުމުގެ ސަބަބުތައް ވެސް ހުއްޓެވެ. އެ އަހަރުގެ ކުރީކޮޅު އޮތް ކައުންސިލް އިންތިހާބު އޭރު ސަރުކާރުގައި އޮތް ޕީޕީއެމަށް ނާކާމިޔާބުވުމުން އެ ބައި-އިލެކްޝަންގެ މުހިންމުކަން އެ ޕާޓީއަށް ވެސް އިންތިހާއަށް ބޮޑުވި އެވެ.
އެއާއެކު ސަރުކާރުގެ ހުރިހާ އަމާޒެއް އެ ގޮނޑި ހޯދުމަށް ފައްކާކުރި އެވެ. ޕީޕީއެމަށް ވެސް އެ ބައި-އިލެކްޝަންވީ ވިދިގެން އައި އަހަރު
ހަސަން ވިދާޅުވާ ގޮތުގައި އެ ބައި-އިލެކްޝަނާ ދިމާކޮށް އިދިކޮޅުގައި އޮތް އެމްޑީޕީއަށް ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާއި ބިރުވެރިކަން އެތައް ގުނައެއް އިތުރުވި އެވެ.
"އަނިޔާވެރިކަމާ ނުފޫޒު އޭރު ހުރި މިންވަރަކީ ކެންޑިޑޭޓެއްގެ ޕޯސްޓަރު ވެސް މަގުމަތީގެ ފާރެއްގައި ނުޖެހޭ. އެ ޖަހާއިރަށް ދައުލަތުގެ މުއައްސަސާތަކުން އައިސް އެ ނައްޓާ. ހަމަ ސީދާ ފުލުހުން ފޮނުވައިގެން އެކަން ކޮށްފަހުރީ،" ހަސަން ވިދާޅުވި އެވެ.
އެހެން އޮތް ޒަމާނެއްގަ، އެ ކެމްޕޭން އެ ގޮތަށް ހިންގައި، އެ ބައި-އިލެކްޝަން ކާމިޔާބުކުރުން ވެގެންދިޔައީ މުޅި ރާއްޖޭގަ ވައިގަ ހިފާ ކަހަލަ ރަމްޒެއްގެ ގޮތުގައި ވެގެންދިޔަކަމަށް އޭނާ ސިފަކުރައްވަ އެވެ.
"އެ ހިސާބުން ދެން އަޅުގަނޑުމެންނަށް ފެނިއްޖެ އިންތިހާބު އަޅުގަނޑުމެނަށް ކާމިޔާބު ކުރެވޭކަން ކިތަންމެ އަނިޔާއެއް ކުރިޔަސް،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި ކަމަދޫއިން ހުޅުހިފި އެ ފޯރީގައި އޭރު ތަހައްމަލުކުރަން މަޖުބޫރުވެފައިއޮތް ހާލަތު ބަދަލުކުރެވޭނެ ހަމައެކަނި މަގަކަށް ފެންނާންއޮތީ ވިދިގެން އައި އަހަރު އޮތް ރިޔާސީ އިންތިހާބެވެ.
އެކަމަކު ކުރިމަތީގައި އޮތީ ބޮޑެތި ގޮންޖެހުންތަކާއި ގިރާކުރަންޖެހޭ އުސް އޮޅިތަކެވެ. އެމްޑީޕީ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. އެ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ދޮރުގައި އޮތީ ބޮޑުތަޅު އަޅުވައިފަ އެވެ.
ރައީސް ސޯލިހު (ކ) އާއި ރައީސް ނަޝީދު.
ތަފާތު ފިކުރުގެ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެރެންޖެހުނެވެ. ނަޝީދުގެ ބަދަލުގައި އެންމެނަށް އިއްތިފާގުވެވޭ ކެންޑިޑޭޓެއް ނެރުމުގެ ބުރަ ބޮޑު މަސައްކަތެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ދައުރުގައި ކުރިމަތިވި އެންމެ އުނދަގޫ މަސައްކަތުގެ ގޮތުގައި އެ ދުވަސްވަރު ހަސަން ސިފަކުރައްވަ އެވެ.
"ދޮގަކަށްނުވާނެ، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ކޯލިޝަންގެ އޮވޭ ޖޮއިންޓް ސްޓިއަރިން ކޮމިޓީއެއް. އެ ކޮމިޓީ ބައްދަލުވާނެ ކޮންމެ ދުވަހަކު. އެ ކޮމިޓީގައި ކުރަންވީ ކަންކަން ނިންމައި، ހަފުތާއަކަށްވާ ވަރަށް ކަންކަން ރާވައި، އެ ހުރިހާ ކަމެއް އަޅުގަނޑުމެން ގެންދިޔައީ،" އެ ކޮމިޓީ ވެސް ޗެއާ ކުރެއްވި ހަސަން ވިދާޅުވި އެވެ.
އެ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވުމާއެކު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސަކީ ހަސަން ވިދާޅުވި ގޮތުގައި ތަފާތު ގޮންޖެހުމެކެވެ.
މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކަށް ވެސް ގަބޫލުކުރެވޭ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، ކޯލިޝަނެއްގެ ގޮތުގައި އެ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމުގެ ފަހަތުގައި އޮތީ ހަސަން ވިދާޅުވި ގޮތުގައި އެތައް ދުވަހެއްގެ މަޝްވަރާ އާއި ބުރަ މަސައްކަތެވެ.
އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، އެ އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އަލުން ގާއިމުކުރެވުމަކީ ހަސަންއަށް ވެސް ލިބުނު ހާއްސަ ހިތްހަމަޖެހުމެކެވެ.
އަދި އޭގެ ފަހުން، 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން އެކަނި ނުކުމެ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭފަދަ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަކީ ވެސް، ވަރުގަދަ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރައްވަ އެވެ.
އެމްޑީޕީ ކެމްޕެއިން ޕޯސްޓަރެއް.
"އެމްޑީޕީން އެކަނި ނުކުމެ، މުޅި ރާއްޖޭގަ ދަތުރުކޮށްގެން އެހާ ގިނަ ގޮނޑި ލިބުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ ހަމަ ގައިމުވެސް އެހެން ޕާޓީއެއްގެ އެހީތެރިކަމާއެކީއެއް ނޫން. 2019 ގަ ޕާޓީއޮތް ވަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ،" ހަސަން ވިދާޅުވި އެވެ.
އެ ހުރިހާ ކާމިޔާބީއެއްގެ މަތީގައި ދައުލަތް ހިންގުމުގައި އެމްޑީޕީގެ ފުރިހަމަ ބާރު އޮތް ނަމަވެސް، މިވަގުތު ޕާޓީ ދަތުރުކުރަމުންދަނީ އެތެރޭގެ ކޯޅުމުގެ ގަދަ ކަނޑެއްގަ އެވެ.
އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް ވަނީ އާންމުންނާ ހަމައަށް ތިލަވެފަ އެވެ. އެ އަރައިރުމުގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ބޮޑެވެ. ކުރިއަށް އަނެއްކާވެސް އޮތީ އުނދަގޫ ބޮޑެތި ނިންމުންތަކެކެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާމެދު ގޮތެއް ނިންމުމެވެ. މުޅި ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމުގެ ހުށަހެޅުމެވެ.
އެފަދަ ބޮޑެތި ނިންމުންތަކެއް ބޯމަތިވެފައިވަނިކޮށް، ޗެއާޕާސަންކަމުގެ އިތުރު ދައުރަކަށް ހަސަން ކުރިމަތިނުލައްވަން ނިންމެވުމުން ގިނަ ބަޔަކު ހައިރާންވި އެވެ.
އެ ސުވާލު އެމްޑީޕީގެ ތެރެއިން ވެސް އަމާޒުވަމުންދާއިރު، އޭގެ ޖަވާބުގައި ހަސަން ވިދާޅުވީ ޕާޓީގެ ތެރޭގައި ކުރައްވަން އެހެން މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން މަޖިލީހުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބައޮތް ކަމަށެވެ.
އެކަމަކު ޕާޓީ އާއި މަޖިލީހަށް އަޒުމްކަނޑައަޅާފައިވާ ހިދުމަތްތަކަކީ ހަސަންގެ އެ ނިންމެވުމުގެ ހަމައެކަނި ސަބަބެއް ނޫނެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިކަން ވަރަށް ރަނގަޅަށް ކުރެވިއްޖެކަމަށް. ކުރިއަށް ފަސް އަހަރު އަޅުގަނޑު ބޭނުން، އެމްޑީޕީގެ އެހެން މަގާމުތަކުގައި ތިއްބެވި އެހެން މެމްބަރުންނެކޭ އެއްގޮތަށް އާއިލާއަކީ ވެސް އުޅެން. އެހެން ކަންކަމަށް ވެސް ވަގުތު ދޭން ބޭނުން،" ހަސަން ވިދާޅުވި އެވެ.
ހަސަން ލަތީފް ޕްރެސް ކޮންފަރެންސެއްގައި.
ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަންގެ މަގާމަކީ ބުރަ ބޮޑު ޒިންމާއެކެވެ. ހުކުރެއް، ހޮނިހިރެއް، ބަންދު ދުވަހެއް ނެތި ކޮންމެ ދުވަހަކު އުފުލަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތައް ގިނަ އެވެ.
އެމްޑީޕީގެ ތެރޭގައި އެ ޒިންމާ ފުރިހަމައަށް އުފުލޭނެ މެމްބަރުން މަދު ނޫންކަން ހަސަން ފާހަގަކުރައްވަ އެވެ.
އެއީ ހަސަން ވިދާޅުވާ ގޮތުގައި އެމްޑީޕީ ތަފާތުވާ ސަބަބެވެ. ޕާޓީގައި އޮތް ވަރުގަދަ ނިޒާމެވެ. ކަންކަން ރޭވި، އިންތިޒާމުވެފައި އޮންނަ އޮނިގަނޑެވެ. އޭގެ ތެރެއިން، ޗެއާޕާސަންގެ މަގާމުގައި އެހެން ބޭފުޅަކު ހުންނަވައިގެން ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީއަށް ކާމިޔާބުކުރެވޭނެކަމަށް ހަސަން އެއްވެސް ގޮތަކަށް ޝައްކު ނުކުރައްވަ އެވެ.
"އެހެންވީމާ އަޅުގަނޑު ހިތަށްއެރީ ކުރިއަށް އޮތް މި ފަސް އަހަރު ޗެއާޕާސަން ނޫން ކަމެއް ވެސް ކޮށްލުން ރަނގަޅު ކަމަކަށް ވެދާނެއޭ."
Comment