10 ފެބުރުވަރީ 2022 - 10:04 0
ފާތިމަތު އަޖްފާން
މީހަކު ވެކްސިން ކާޑެއް ހިފައިގެން: އެ ހާދިސާ ހިނގީ ކިހިނެއްކަން ބެލުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
10 ފެބުރުވަރީ 2022 - 10:04 0
ގއ. ދާންދޫގައި އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ހަތަރު ޑޯޒު ޖެހި މައްސަލައެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން "އަދަދު"އަށް ވިދާޅުވީ ވެކްސިންގެ ހަތަރު ޑޯޒް މީހެއްގެ ގަޔަށް ޖެހިގެން އުޅޭ މައްސަލައެއް ސިއްހީ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނާ އެކު މަސައްކަތް ކުރަނީ ބަލަން ޖެހޭ ކަންކަމާއި ދޭން ޖެހޭ އިރުޝާދުތަކަށް އަދި ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ހިނގި އެ ހާދިސާގައި އުމުރުން ދުވަސްވީ އަންހެންމީހާއަށް އެ ރަށު ހެލްތް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މި ނޫހަށް ވިދާޅުވީ މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށާއި ވަކި ތަފާތު ކަމެއް ފެންނަން ނެތް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
"ހިނގައިގެން އުޅޭ ކަމެއް އެއީ. އެޑްމިޓްކޮށްފަ މިހާރު ދޫކޮށްލައިފި. ހާލު ރަނގަޅު. ރޭ 11 ޖަހާކަށްހާއިރު ވެސް އަޅުގަނޑު ދިޔައިން އެ ގެއަށް. ދެންމެވެސް ދިޔައިން. އާއިލާއަށް ބައްދަލުކޮށްފަ މި އައީ. ރަނގަޅު ހަމަ. ދައްތަ ބުނީ ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއް ނެތޭ،" އާސިފް ވިދާޅުވި އެވެ.
މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ރާއްޖޭގައި މިހާރު ދަނީ ކޮވިޑަށް ބޫސްޓާ ޑޯޒް ނުވަތަ ތިންވަނަ ޑޯޒް ޖަހަމުންނެވެ.
ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.
ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ނަމަވެސް މިދިޔަ މަހުގެ 15 އިން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ވަނީ ޖަހަން ފަށައިފަ އެވެ.
ބޫސްޓާ ޑޯޒް ނުޖަހާނަމަ, ބައެއް ލުއިތައް ނުދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.
Comment