Advertisement

ބައި އިލެކްޝަންގައި ވޯޓަށް ނުފޫޒު ފޯރުވަން ދެއްކި ވާހަކަ ނަޝީދަށް ގޯހެއް ނުވި

9 ފެބުރުވަރީ 2022 - 13:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާ ބްރީފިން އެއްގައި ވާހަކަފުޅު ދައްކަވަނީ. ވޯޓަށް ނުފޫޒުފޯރުވަން ވާހަކަ ދައްކާ އަޑު އިވޭ ފޯންކޯލް އެމަނިކުފާނަކަށް ގޯހެއް ނުވި.


ބައި އިލެކްޝަންގައި ވޯޓަށް ނުފޫޒު ފޯރުވަން ދެއްކި ވާހަކަ ނަޝީދަށް ގޯހެއް ނުވި

9 ފެބުރުވަރީ 2022 - 13:11 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވަކިގޮތަކަށް ވޯޓް ނުލާ ނަމަ އައިޑީކާޑް ދޭން އަންގައި، ފެނަކައިގެ އިސްވެރިޔަކު ދެއްކި ކަމަށް ބުނާ ވާހަކައިގެ ރެކޯޑިން އިއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވާހަކަ ދިފާއުކުރައްވައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފް އޮަޕޭޝަން ޒާހިރު އުސްމާން އެކުންފުނީގެ މުވައްޒަފަކާ ދެއްކި ވާހަކައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އޯޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ.

އެ އޯޑިއޯގައި ވާހަކަ ދައްކާ (ޒާހިރުކަމަށް ބެލެވޭ) މީހާ ބުނާ ޖުމްލަ ވާހަކަައަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) ހޮވަން ފެނަކައިގެ އެމްޑީއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ވޯޓް ނުދޭ ނަމަ އޭނާ ބުނާ މީހަކާ އައިޑީކާޑް ހަވާލުކުރުމަށް ދޭ އިންޒާރެކެވެ. އެ ގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި އެ ވާހަކަ ބޭރު ތެރޭގައި ދައްކައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޯޑިއޯ އަޑު އިއްވަނިކޮށް ވަކި ހިސާބަކުން ޝިޔާމްގެ މައިކް ކަނޑުއްވައިލައްވާފައި ނަޝީދު ވިދާޅުވީ އޯޑިއޯއިން އިވޭ ގޮތުގައި އޭނާ (ޒާހިރު) ފުރަތަމަ ވެސް ބުނަނީ ވަޒީފާއިން ވަކިނުކުރާނެ ވާހަކަ ކަމަށެވެ. އޭގެ ފަހުން ވާހަކަ ދައްކާފައިވާ ވާހަކަތަކަކީ އެ ދާއިރާއަށް ވޯޓްލުމުގެ ހައްގު އޮންނަ މީހެއްގެ ހައިސިއްޔަތުން ކެމްޕޭނަށް ދެއްކި ވާހަކައެެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

"އޭނާ އަކީ ކޮމަންޑޫ ވޯޓް ހައްގުވާ މީހެއް. އޭނާއަކީ އަދި ކެމްޕޭން ކުރުމުގެ ފުރުސަތު އަދި ހައްގުވެސް އޮތް މީހެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝިޔާމް ފާހަގަކުރައްވަން މަސައްކަތް ކުރެއްވި ނުކުތާ ފާހަގަކުރެއްވޭނީ "އަދި އެހެން ވީޑިއޯއެެއް ހޯއްދަވައިގެން" ކަމަށެވެ.

އޭގެ ފަހުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ވިދާޅުވީ އެމްޑީޕީގެ އެެއްވެސް މައްސަލައެއް ނެތްކަން (އޯޑިއޯއިން) ޝިޔާމަށް އެނގިވަޑައިގެންފި ކަމަށެވެ.

އޯޑިއޯގެ ފަހުބައި މަޖިލީހަށް އިއްވަވަން ޝިޔާމް މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު އެ ފުރުސަތެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވީ ރެކޯޑިންގައި އޮތް އެއްޗެެއް މަޖިލީހަށް ސާފުވެއްޖެ ކަމަށާއި ޖަލްސާގެ ޔައުމިއްޔާގައި އެ ވާހަކަތައް ހިމަނުއްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އޯޑިއޯގެ ރައީސް ނަޝީދަށް އަރުވާނެ ކަމަށާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.