Advertisement

ޗެމްޕިއަންސް ލީގުގެ "ފައިނަލް ފޯ ފޯމެޓް" އަށް ތާއީދު އޮތްތޯ ބަލަނީ

9 ފެބުރުވަރީ 2022 - 09:27 0

ޗެލްސީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ


ޗެމްޕިއަންސް ލީގުގެ "ފައިނަލް ފޯ ފޯމެޓް" އަށް ތާއީދު އޮތްތޯ ބަލަނީ

9 ފެބުރުވަރީ 2022 - 09:27 0

ޒިއުރިކް (ފެބްރުއަރީ 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ސެންޓްރަލައިޒްކޮށް އެއް ސަރަަހައްދެއްގައި "ފައިނަލް ފޯ ފޯމެޓް" ގެ ނަމުގައި ކުޅެން ޔޫރަޕްގެ ކްލަބްތަކުގެ ތާއީދު އޮތްތޯ ބެލުމުގެ މަސައްކަތް ޔުއެފާ އިން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުއެފާ އިން މިހާރު ޗެމްޕިއަންސް ލީގު ކުޅެމުން އަންނަ ފޯމެޓަށް ބަލާއިރު، ފައިނަލާ ހަމައަށް އޮންނާނީ ހޯމް އެންޑް އަވޭކޮށް މެޗު ކުޅޭ ދެ ލެގު އުސޫލެވެ. އެކަމަކު، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވެން ނެތުމުން ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ސެންޓްރަލައިޒްކޮށް "ފައިނަލް 8" ގެ ނަމުން ނަންދީގެން އެއް ސަރަހައްދެއްގައި ކުއާޓާ ފައިނަލުން ފެށިގެން ބާކީ ހުރިހާ މެޗެއް ކުޅެފަ އެވެ.

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓަށް 2024/2025 ވަނަ އަހަރުން ފެށިގެން ކުޅެން ފަށާއިރު، ގިނަ ބަދަލުތަކެއް ގެންނަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން 2020 ވަނަ އަހަރު ސެންޓްރަލައިޒްކޮށް ކުޅުނުއިރުގެ ތަޖުރިބާ އަށް ބަލާފައި ޔުއެފާ އިން އަންނަނީ އަލުން ޗެމްޕިއަންސް ލީގުގެ ފޯމެޓް އެކުލަވާލާއިރު، "ފައިނަލް ފޯ ފޯމެޓް" ގެ ނަމުން ނަންދީ ސެމީން ފެށިގެން ސެންޓްރަލައިޒްކޮށް ކުޅެން ކްލަބްތަކުގެ ތާއީދު އޮތްތޯ ބަލަމުންނެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ


ފްރާންސްގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވީ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ވެގެންދާނީ ގިނަ ބަޔަކަށް ޝައުގުވެރި ބަދަލުތަކެއް ފެނިގެންދާނެ ކަމެއް ކަމަށެވެ.

އެ ގޮތުން "ފައިނަލް ފޯ ފޯމެޓް" އަކީ ވެސް މި ވަގުތު މަޝްވަރާގެ މޭޒުގައި އޮތް ކަމެއް ކަމަށް ޗެފެރިން ވަނީ ވިދާޅުވެފަ އެވެ.

"އެ ފޯމެޓާ ބެހޭ ގޮތުން ބައެއް ކްލަބްތަކުގެ ރައީސުންގެ އަމިއްލަ ހިޔާލު ވެސް ހޯދާލިން. ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ފަދަ ބޭފުޅުން ތިބީ މި ވިސްނުމާ މެދު ޕޮޒިޓިވްކޮށް،" ޗެފެރިން ވިދާޅުވި އެވެ.

ފައިނަލް ފޯ ފޯމެޓަށް ކުޅެން ނިންމާއިރު، ޔުއެފާގެ ވިސްނުމަކީ ކްލަބްތަކަށް ލިބޭ ފައިސާގެ އިނާމް އިތުރު ކުރަން ހުށަހެޅުމަށެވެ.

ޔުއެފާގެ އޮފިޝަލަކު ސްޕެއިން ނޫހަކަށް ދާދި ފަހުން ވިދާޅުވީ ފައިނަލް ފޯ ފޯމެޓަށް ކުޅޭނަމަ މީގެ ކުރަން ޖެހޭނެ އެއް ކަމަކީ ކްލަބްތަކުން އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލް ލެގުގައި އާމްދަނީ ލިބޭ ވަރަށް ޔުއެފާ އިން "ފައިނޭންޝިއަލް ޕެކޭޖެއް" ހަމަޖައްސައިދިނުން ކަމަށެވެ.

ޗެމްޕިއަންސް ލީގު ސެންޓްރަލައިޒްކޮށް ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް 2020 ވަނަ އަހަރު ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. އެ ފަަހަރު ޕީއެސްޖީ ބަލިކޮށް ތަށި އުފުލާލީ ބަޔާން މިއުނިިކުންނެވެ. އެ ފަހަރު ވެސް ޔުއެފާ އިން ކޮންމެ ޓީމަކަށް މާލީ އެހީތެރިކަން ލިބޭ ޕެކޭޖެއް ހަމަޖައްސައިދިނެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާގެ ވިސްނުމަކީ ކުރިއަށް އޮތް އަހަރެއްގެ ތެރޭ އާ ފޯމެޓްގެ މަޝްވަރާތައް ނިންމާލައި، 2024/2025 ގެ ޗެމްޕިއަންސް ލީގުގައި ބޭނުންވާ ބަދަލުތައް ގެނައުމަށެވެ.