Advertisement

ސަވާދީއްތަ ދަތުރު: ސަގާފީ ކުލަތަކުން ޖަރީކުރި ހޯރަފުއްޓަށް ފަތުރުވެރިންގެ ޝައުގު

6 ފެބުރުވަރީ 2022 - 21:00 3

ހއ. ހޯރަފުށި

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ސަވާދީއްތަ ދަތުރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ދިޔަ ސަގާފީ ހަރަކާތްތައް: ރަށުގެ މެހެމާންދާރީކަމާއި، އެކުވެރިކަމާއި، ސަގާފީ ކުޅިވަރުތަކާއި، ކާ އެއްޗެއްސަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިންތިހާއަށް -- ފޮޓޯ: އެމްއައިޓީޑީސީ


ސަވާދީއްތަ ދަތުރު: ސަގާފީ ކުލަތަކުން ޖަރީކުރި ހޯރަފުއްޓަށް ފަތުރުވެރިންގެ ޝައުގު

6 ފެބުރުވަރީ 2022 - 21:00 3

ހއ. ހޯރަފުށި

ހއ. ހޯރަފުށީގެ ފަތްމިނިން ރަތްކުލައިގެ ދިވެހި ހެދުމުގައި، ތަކުރުން އެރަށުގެ ރީތިކަން ދައްކުވައިދޭ ފޮޓޯއެއް ޖަހާފައި ހުރި ހުދު ޓީޝާޓެއް ލައިގެން އިއްޔެ ބޮޑު ހެނދުނާ ބަނދަރު ސަރަހައްދަށް ޖަމާވެ ތިބި އެވެ. އެއީ ސަވާދީއްތަ ދަތުރުގެ ބައިވެރިންގެ ފުރަތަމަ ނަޒަރުން އެމީހުންގެ ހިތްތައް ކަތިލުމަށެވެ. ކަންވީވެސް އެހެންނެވެ. ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ޔޮޓް ރެލީގައި ބައިވެރިވި ފަތުރުވެރިންގެ ފުރަތަމަ މަންޒިލުން އެމީހުން ފައިބާ ހިތް ނުވި އެވެ.

ރުކުގެ އެއް ފަޅާލާ، އޭގެ ތެރޭގައި އޮންނަ ރީނދޫ ކުލައިގެ ރުކުމަލާއި އެކު ވަށަފަތް ވަކިން ނަގާ ދަކިހާގައި ހިއްޕައިގެން މާ ހެދުމަށްފަހު، ފުޅަފި ގަނޑަކުން އައްސާފައި އޮތް މާބޮޑިއަކުން ފަތުރުވެރިންނަށް ވެދުންކުރި އެވެ. އެއަށްފަހު ދޮންވެލި ތުނޑިއަށް އެމީހުން ގެންދިޔައީ މަރުހަބާގެ ބޮޑުބެރަކުންނެވެ. ދެފައްޗަށް އެތުރިފާ އޮތް ނެށުންތެރިންގެ ފަރި ހަރަކާތްތަކުގެ ތެރެއިންނެވެ.

ރަސްމިއްޔާތު ކުރިއަށް ދާ މާލަމަށް ވަނުމާއެކު އެތަނުން ފަތުރުވެރިންނަށް ފެނުނީ މުޅިން އެހެން ދުނިޔެ އެކެވެ. އެއް ދައިތަ އިނީ ބޮނބި ތެޅުމުގަ އެވެ. އަނެކަކު ރޯނު ވިއުމުގަ އެވެ. ދެން ތިބި ދެ އަންހެނުން ތިބީ ބޮޑު ދެ މޮލުން ބިންބިތަޅަން ތިބި ތެޅުމުގަ އެވެ. އަދި އެ ހިމުން ކުރި ބިންބިތައް އުޑި އަނބުރައިގެން މުގުރުމުގައި ވެސް އެމީހުން އުޅުނު އެވެ. އަހަރެން ހިތަށް އެރި، ނޫނޭވާ ފިސާރި ކަނބަލުންތަކެތާ އެވެ.

މިރުސް ގަނޑަށް ބޭނުންވާ ހުރިހާ ސާމާނެއް ފޮއި ބޭނުންކޮށް ދާ މަތީ އަޅާ ފުޑަނިކޮށް -- ފޮޓޯ: އަދަދު


އެވަރުން އަދި އެ މަންޒަރު ފުރިހަމަ އެއް ނުވެ އެވެ. ފިރިހެން ވެރިން ހަނުލައިގެން ވަޅި ތޫނު ކުރަން ތިބި އެވެ. އަނެއް ބަޔަކު ތިބީ ތޫނުކުރި ވަޅިތަކުން މަސް ކަނޑުމުގަ އެވެ. އެ މަސްތަކުގައި އަޅާނެ މިރުސް ގަނޑަށް ބޭނުންވާ ހުރިހާ ސާމާނެއް ފޮއި ބޭނުންކޮށް ދާ މަތީ އަޅާ ފުޑަން އަތް ގާތްކޮށްދެން އަންހެންވެރިން އުޅުނު އެވެ.

އެއަށްފަހު ދެން ފެނުނީ އެދުރު ދައިތައެއް ވެލި ފިލާގައި ލިޔެގެން ކުދިންތަކަކަށް ކިޔަވައިދޭން އިން މަންޒަރު އެވެ. އަދި ނާށި ދޮންކޮށް އެންމެ އިހުގައި ދިވެހިން ބޭނުންކުރި އިސްތިރިއަކުން ހެދުމަކުން ރޫފިލުވާތަނާ، ރާވެރިއެއް ދެ ބަންޖަށް ރާ އަޅައިގެން ކޮނޑު މައްޗަށް ލައިގެންވެސް ދިޔަތަން ވެސް އެ ސަރަހައްދުން ފެނުނެވެ.

ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ އެ މަންޒަރުތަކާ އެކު ކުރު ދަނޑިއާ، މާފަތި ޖެހުމުގެ އިތުރުން، ކުރުފައްޔާއި، ފަތިގަނޑު ޖެހުންފަދަ ސަގާފީ އެކި ހަރަކާތްތަކެއްވެސް ސްޓޭޖުގައި ކުރިއަށް ދިޔަ އެވެ. ބައިގަޑީރަށް ދިގު ދެމިގެން ދިޔަ އެ ހަރަކާތްތައް ބަލަން ފަތުރުވެރިން ތިބީ އެންމެ ސިކުންތުކޮޅަކަށް ވެސް އާފުރިނުލަ އެވެ. އެހާވެސް ޝައުގުވެރިކަމާއި އެކު އެމީހުން ތިބި އެވެ.

ސަވާދީއްތަ ދަތުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ސަގާފީ ނެށުންތައް -- ފޮޓޯ: އެމްއައިޓީޑީސީ


ރާއްޖޭގައި ބޭއްވާ އެންމެ ފުރަތަމަ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހުވެސް ހޯރަފުށީ ރައްޔިތުންނެއް އެ ފަތުރުވެރިންތައް ދޫނުކުރި އެވެ. އެމީހުން ގޮވައިގެން އެ ރަށުތެރެ ދައްކާލުމަށް ދިޔަ މަގުމަތީ ސްކޫލަށް ވަދުމާއި އެކު އެތަނުންވެސް ފަތުރުވެރިންގެ ކަރު ތެންމާލާނެ ބުއިމަކާއި އެކު ހޫނު މަރުހަބާއެއް ކިއެވެ. އެއަށްފަހު އެމީހުން ގޮވައިގެން ގޮސް ހޯރަފުށި ފެހި ކުރުމަށްޓަކައި އެރަށުގައި އަޅާފައި އޮތް އެއާޕޯޓްގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެން ދިޔަ އެވެ.

އެތަނުން އައިސް އެރަށު އާންމުންނާއި ފަތުރުވެރިނާ އެކުގައި ސަގާފީ އެކި ކުޅިވަރުތައް ކުޅުމުގައި އެޅުނު އެވެ. މީ ރާއްޖޭގެ ތާރީހަށް ރައްކާކުރެވުނު އާ ތަސްވީރެކެވެ. ފަތްފުށްތަކުގައި ލިޔެވިގެންދާނެ އާ ވާހަކައެކެވެ.

ސަވާދީއްތަ ދަތުރުގައި ބައިވެރިވި ކުދިވެރީން، އެ އުމުރުފުރާގެ ހޯރަފުށީ ކުދިންނާއި އެކު ފައިގަ ތަޅާ ކުޅެނީ -- ފޮޓޯ: އެމްއައިޓީޑީސީ


ބީޗް ސަރަހައްދުގައި ކުރިއަށް ދިޔަ މި ފެސްޓިވަލްގައި އެއްބަޔަކު ތިބީ އޮށްވަޅު ގޮނޑި ކުޅުމުގަ އެވެ. އަނެއް ބަޔަކު ފައިގެ ތަޅާއާ ވޮލީ ކުޅުމުގަ އެވެ. ދެންތިބި ބަޔަކު ބޮއްކުރާގައި ފަލިޖެހުން ފަދަ މޫދު ކުޅިވަރުތަކުގައި އުޅުނެވެ. މުޅި އެ ސަރަހައްދު ގުގުމާލެވިފައި ވަނީ ދެބައި މީހުންގެ ހުނުމާއި ސަކަރާތުގެ އަޑުންނެވެ. ކަލްޗަރަލް ހޯމްސްޓޭގެ ހިތްގައުމުކަން އެ މަންޒަރު ދުށް ކޮންމެ މީހަކަށް ވެސް ސިފަ ވާނެ އެވެ.

އެ ހޫނު ހަދަ ރަށުގައި އިރު މެދު އުޑަށް ދިއްލާލުމާއި އެކު ފަތުރުވެރިންގެ ހައިކަން ފިލުވީ ދިވެހި ރަހަތަކުންނެވެ. އެމީހުންގެ އަރުތެރޭގައި ލި އެ އާ ރަހަތައް ތަފާތު ކަމަށާއި، މީރު ކަމަށް އެންމެންވެސް ބުންޏެވެ. އެއަށްފަހު ފިނި ވައިރޯޅިތައް ޖެހެމުން ދިޔަ އެ ބީޗުގައި އެމީހުން އަރާމުކޮށްލަން ތިބި އެވެ.

ހަވީރު އަވި މަޅާލުމާއެކު، ހެދިކާއާއެކު ސައިބޮއިގެން މަހަށް ފުރި އެވެ. އެކަން ވެސް ދިޔައީ ނުހަނު ފޯރި ގަދަކޮށެވެ. އެހާމެ ވާދަވެރިކޮށެވެ. އިރުއޮއްސުނު ވަގުތު އިރުގެ ދަޅަތަކަށް ފުންމި ކޯމަސްތައް ވެސް މަހަށް ގޮސް އުޅުނު ފަތުރުވެރިންނަށް ފެނުން ވެގެން ދިޔައީ އެމީހުންނަށް ލިބުނު އިތުރު ހިތްހަމަ ޖެހުމަކަށެވެ.

އެންމެ ފުރަތަމަ މަހެއް ބޭނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވި ކުޑަ ކުއްޖެއް -- ފޮޓޯ: އެމްއައިޓީޑީސީ


ރަށަށް އައިސް މަސްތައް ފިހިގެން ބާބަކިއު އާއި އެކު އެރޭގެ ކެއުން ބީޗުގައި ކުރިއަށް ދިޔައީ ބޮޑު ޝޯއަކާއެކު އެވެ. ބިދަބިން ގްރޫޕްގެ ބޮޑުބެރު ލަވަތަކުގެ ފޯރި ހިފުމާއި އެކު ފަތުރުވެރިންނަށް ވެސް މަޑުން ނުތިބެވުނު އެވެ. ލަވާގައި ކިޔާއެއްޗެއްގެ މާނަ ނޭނގުމެއް ކަމަކު އެމީހުންވެސް ނަށަން ފެށި އެވެ. ބޮޑު ބެރަށް ދިވެހިން ނަށާ ގޮތަށް ނެށޭތޯ އެ ފަތުރުވެރިންތައް މަސައްކަތް ކުރި އެވެ.

"މިވަރުގެ ފޯރިގަދަ، މެހެމާންދާރީ ރަނގަޅު ރަށަކަށް އަދި އަހަރެންގެ ހަޔާތުގައި މި އާދެވުނީ އަލަށް، ރަށު މީހުން އެހާ އެކުވެރި، މިއީ ހަނދާނުން ފިލައިގެން ނުދާނެ ތަފާތު ތަޖުރިބާއެއް،" އެ ޝޯއަށްފަހު ދުނިޔޭގެ މަޝްހޫރު ސެލިބްރިޓީ ޔޮޓް، "ސެއިލިންގ ޒަޓާރާ" ގެ ކައްޕި ކެއިތު، 50، ބުންޏެވެ.

އެމެރިކާގައި ހުންނަ އެމީހުންގެ އަމިއްލަ ގެ ވިއްކާލުމަށްފަހު ކަނޑުމަށްޗަށް ނިކުމެ އުޅޭތާ ފަސް އަހަރު ވެއްޖެ އެވެ. ކެއިތުއާއި އަންހެނުންނާއި ތިން ދަރީންވެސް ބުނީ ހޯރަފުށިން ކުރެވުނީ ރާއްޖޭގައި މިހާތަނަށް ކުރެވިފައި ނުވާފަދަ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ސެލިބްރިޓީ ޔޮޓް، ޒަޓާރާގެ ޖެކް ބޮޑުބެރަށް ނަށަނިކޮށް -- ފޮޓޯ: އެމްއައިޓީޑީސީ


"ހޯރަފުށިން ފެނުނު މި ސަގާފީ ނެށުންތަކާއި އަޑުއިވުނު ތާރީހީ ވާހަކަތައް، މިއީ އަހަރެން ހަނދާނުން ފިލައިގެން ނުދާނެ އެއްޗެހި، މެހެމާންދާރީކަމުގެ ލާމަސީލު ބައެއް އުޅޭ ރަށެއް މިއީ،" ރާއްޖެއަށް އަލަށް އައިސްގެން އުޅޭ މަޝްހޫރު ސެލިބްރިޓީ ޔޮޓް، އެކުއޭރިއަސްގެ ކެން އާއި އޭނާގެ އަންހެނުން ޒިވީލް ބުންޏެވެ.

އެމީހުންނަކީ 2017 ވަނަ އަހަރު ކެލަފޯނިއާއިން ފުރައިގެން ދުނިޔެ ވަށާ ދުއްވަމުންދާ ބައެކެވެ. ފާއިތުވި ތިން އަހަރު އެމީހުން ދިރިއުޅުނީ ކަނޑުމަތީ އެވެ.

ފަތުރުވެރިން ފުރުވާލުމުގެ ކުރިން ހޯރަފުށީ ރައްޔިތުން އެމީހުންނާއި އެކު ނެގި ފޮޓޯ ނެނގި -- ފޮޓޯ: އަދަދު


އެ ރަށު ރައްޔިތުންގެ އުންމީދަކީ ކަލްޗަރަލް ހޯމްސްޓޭ ޓޫރިޒަމް އެރަށަށް ގެނައުމެވެ. އެކަން ކުރެވެން އޮތީ ސަވާދީއްތަ ދަތުރުގައި އައި މަޝްހޫރު ސެލެބްރިޓީއިންނަށް ހަނދާނުން ފިލައިގެން ނުދާނެ ތަޖުރިބާއެއް ދީގެން ކަމަށް ވާތީ، ހަފްތާއެއް ވަންދެން ހޯރަފުށި ތައްޔާރުކުރުމުގައި ރެޔާއި ދުވާލު ނިދިފިޔައެއް ޖަހާ ނުލާ އެރަށު ރައްޔިތުން އުޅުނެވެ.

ބްލޮގަރުންނާއި އިންފްލުއެންޒަރުން ވެސް އެ ދަތުރުގައި ބައިވެރީންގެ ގޮތުގައި ތިބިއިރު، މިހާރުވެސް ހޯރަފުއްޓާއި ގުޅޭ ގޮތުން ލިޔަން ފަށައިފި އެވެ. އެރަށުގައި ހޭދަވި 12 ގަޑީރު ހިއްގައިމު މަންޒަރުތަކާއި ވީޑިޔޯތައް މީސްމިޑިޔާގެ އެކި މަންސަތަކުގައި ހިއްސާކުރަން ފަށައިފި އެވެ. އެހެންވެ ހޯރަފުށީ ރައްޔިތުން ތިބީ ނުހަނު އުފަލުންނެވެ. ދުނިޔޭގެ ބާޒާރުގައި އެރަށް މަޝްހޫރުވެ، ފަތުރުވެރިންގެ މައި މަންޒިލަށް އެރަށް ވާނެ ކަމުގެ އުންމީދުގަ އެވެެ.

ހޯރަފުށި ރައްޔިތުންގެ އަމާޒަކީ އެރަށް ބްރޭންޑަކަށް ހެދުމަށްފަހު، ފަތުރުވެރިންގެ މައި ހަބު ކަމަށްވާ ކ. މާފުއްޓާ ވާދަކުރުމެވެ. އަދި ރާއްޖޭގެ އެހެން ކައުންސިލްތަކަށް މިސާލު ދައްކާ، އިގްތިސޯދީ ގޮތުން އެންމެ ފުދުންތެރި، އަދި ތަނަވަސް ރަށަށް އެރަށް ހެދުމަކީ އެމީހުންގެ ތަސައްވުރެކެވެ.

މި އަމާޒަށް ވާސިލްވުމަށް ހޯރަފުށީ ރައްޔިތުން އެދެނީ އެރަށުގައި އަޅާފައި އޮތް އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދިނުމަށެވެ. އޭރުން ފަތުރުވެރިންނަށް އިތުރު ދަތުރެއް ކުރުމަކާއި ނުލާ ސީދާ ހޯރަފުއްޓަށް އާދެވޭނެތީ ކަމަށް އެމީހުން ފާހަގަކުރެއެވެ. ކައުންސިލުން ބުނީ މިހާރު އެކަމާ ސަރުކާރާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އެރަށުގައި ފެންވަރު ރަނގަޅު ތިން ގެސްޓް ހައުސްއެއް އެބަހުރި އެވެ. އިތުރު ގެސްޓް ހައުސްތައް ހަދަމުން ދާއިރު، ޓޫރިޒަމް ޒޯނުގެ ބިޑު ކާމިޔާބުކޮށް އެތަނުގައި ގެސްޓް ހައުސްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.

ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ، ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް ރެލީގައި ރާއްޖޭގެ އެނމެ އުތުރުގައި އޮންނަ ހއ. އިން ފެށިގެން ބ. އަތޮޅާއި ހަމައަށް އޮންނަ 14 ރަށަކަށް ދާނެ އެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ފަތްފުށްތަކުގައި ލިޔެވިފައިވާ ވާހަކަތަކާއި، ތާރީހާއި، ސަގާފަތާއި، އާދަކާދަތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ކުރެވޭ ބޮޑު މަސައްކަތެކެވެ. ކަލްޗަރަލް ޓޫރިޒަމް ފެށުމަށް ކުރެވޭ މި މަސައްކަތުގެ ތެރެއިން ބޭރުގެ މާކެޓްތަކަށް އެ ހުރިހާ ރަށެއްވެސް އިޝްތިހާރު ކުރެވިގެން ދާނެ އެވެ.