ހއ. ހޯރަފުށީގައި އޮތް ސަވާދީއްތަ ދަތުރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަގާފީ ނެށުންތަކަށާއި ވާހަކަތަކަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިންތިހާއަށް -- ފޮޓޯ: އެމްއައިޓީޑީސީ
އިންޑިއާގެ މާކަނޑުގައި ކުދި މުތްތަކެއްހެން ގަތާލެވިފައި އޮތަސް މި ކުޑަ ރާއްޖޭގެ ފަސްފަހަތުގައި އެތައް ސަތޭކަ ވާހަކައެއް އެބަހުއްޓެވެ. ތާރީހީ އެތައް ބިނާތަކެކެވެ. ސަތޭކައަށްޑިހައަށް ވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ މި ގައުމުގެ ކޮންމެ ރަށަކުންވެސް ފެންނާނީ ތަފާތު މަންޒަރެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއާ، އެއިން ކޮންމެ ރަށެއްގެ ސަގާފަތާއި، އާދަކާދަތައް ތަފާތު އިރު، އަމިއްލަ މާދަރީ ބަސް ބޭނުންކުރުމުގައިވެސް ތަފާތު ބަނޑިތަކާއި ގޮތްތަކެއް ހުރެ އެވެ. އެހެންވެ، ބައި ގަރުނަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ސަފްހާއެއް މިއަދު އެފެށީ މި ގައުމުގެ ގުދުރަތީ ރީތިކަމުގެ އިތުރުން ޖީބަށް ޑޮލަރު ވެއްދޭނެ އާގޮތްތަކެއް ހޯދުމަށެވެ.
ފަތުރުވެރިން ރާއްޖެ އަންނަނީ ހަމައެކަނި މި ފަސްގަނޑުގެ ރީތިކަން ދެކިލާކަށް ނޫނެވެ. އެދުވަސް މާޒީވެ ގޮސްފި އެވެ. ގައުމުގެ އިގްތިސޯދުގެ މައި ތަބު ކަމަށްވާ ޓޫރިޒަމްގެ ސިނާއަތް ކުރިއަރުވަން އާ ގޮތްތަކެއް ހޯދުމަށް މަޖުބޫރުވެއްޖެ އެވެ. އެހެންވެ، ގައުމުގެ ވަލީއުލްއަމްރުގެ އިރުޝާދުގެ ދަށުން " ތަރިކަ އަކީ ވެސް އިގްތިސޯދުގެ ބައެއް" ގެ ގޮތުގައި ދެކި އެ މަގަށް "ހޯމްސްޓޭ" ޓޫރިޒަމް ކޮންސެޕްޓް ބިނާ ކުރެވޭތޯ މިއަދު ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ފެށުމަކީ މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން އިންތިޒާމްކޮށްގެން "ސަވާދީއްތަ ދަތުރު" ގެ ނަމުގައި ފެށި ޔޮޓް ރެލީ އެވެ. ރެލީގައި ބައިވެރިވާ އުޅަނދުތައް ގޮވައިގެން ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އިން ފެށިގެން ބ. އަތޮޅާއި ހަމައަށް އޮންނަ 14 ރަށަކަށް ދާން މިއަދު ހއ. ހޯރަފުށިން ދަތުރު ފަށައިފި އެވެ.
މިއީ ރާއްޖޭގެ ރަށްތަކުގެ ފަތްފުށްތަކުގައި ލިޔެވިފައިވާ ވާހަކަތަކާއި، ތާރީހާއި، ސަގާފަތާއި، އާދަކާދަތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ކުރެވޭ ބޮޑު މަސައްކަތެކެވެ. ކަލްޗަރަލް ޓޫރިޒަމް ފެށުމަށް ކުރެވޭ މި މަސައްކަތުގެ ތެރެއިން ބޭރުގެ މާކެޓްތަކަށް އެ ހުރިހާ ރަށެއްވެސް އިޝްތިހާރު ކުރެވިގެން ދާނެ އެވެ.
ސަވާދީއްތަ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ހޯރަފުށީގައި ސަގާފީ އެތައް ހަރަކާތެއް މިއަދު ފަތުރުވެރިންނަށް ދައްކާލި -- ފޮޓޯ: އެމްއައިޓީޑީސީ
އެގޮތުން ސަވާދީއްތަ ދަތުރު ފެށުމަށް މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެ އަކީ ތާރީހާއި ސަގާފަތުގެ ގޮތުން މުއްސަނދި ގައުމެއް ކަމަށާއި މީގެ އެތައް އަހަރެއް ކުރިން ވެސް ބޭރު މީހުން ރާއްޖެ އައިސް މި ފަސްގަނޑުގާ މަޑުކުރާ އެއް ސަބަބަކީ އެއީ ކަމަށެވެ.
އަދި ރާއްޖެ އުފެދުނީ އޮޑިދޯނިފަހަރު ފަހަރަށް އަރައިގެން ނުވަތަ މި ސަރަހައްދަށް ބެހިގެން ނޫން ކަމަށާއި، އެއީ މި ދޮންވެލި ތުނޑިތަކުގައި މަޑުކުރަން "ދެއްކި ބަހަނާ" އެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް ތައާރަފް ކުރެވުނު މި އާ ފަތުރުވެރިކަމުން (ކަލްޗަރަލް ޓޫރިޒަމް) ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރު ކަންކަމަށް ހުއްޓިގެން ދާނެ. ސަވާދީއްތަ ދަތުރަކީ ފެށުމެއް، އުންމީދަކީ ދުނިޔޭގެ މަގުބޫލުކަން މި ހަރާކަތަށް ލިބިގެން ދިއުން،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
ޓުވަރިޒަމް މިނިސްޓަރު އަބްދު މައުސޫމް، ސަވާދިއްތަ ދަތުރުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަނިކޮށް -- ފޮޓޯ: އެމްއަައިޓީޑީސީ
ހެރިޓޭޖް މިނިސްޓަރު ޔުމްޔާ މައުމޫން ވިދާޅުވި ގޮތުގައި މިއީ ކަލްޗަރަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރުމަށް އެންމެ ރަނގަޅު ވަގުތެވެ. މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ތާރީހާއި ސަގާފަތާއި، އާދަކާދަތައް ރައްކާތެރިކުރެވޭނެ އެންމެ ވަރުގަދަ އެއް ވަސީލަތަކީވެސް އެއީ އެވެ.
"އަޅުގަނޑަށް ހީވަނީ ކަލްޗަރަލް ޓޫރިޒަމްގެ މި ފެށުން ވަރަށް މުހިންމުހެން. އެއީ މިހާރު ހުރި ތާރީހީ އާސާރުތައް ރައްކާތެރިކުރުމަށް، އެކަމުން އެހީވެދޭނެ ތަރިކަތައް ހިމާޔަތް ކުރުމަށްވެސް، މަޝްހޫރި މިސްކިތްތަކާއި، އެހެނިހެން އާސާރުތަކުގެ އިތުރުން ދިވެހިންގެ ސަގާފީ ހަރަކާތްތަކާ، އުފެއްދުންތައްވެސް،" އަޅާނުލެވި ދޫކޮށްލެވިފައިވާ ކަންކަމާއި އެއްޗެހިން އާންމުދަނީ ހޯދޭނެ މަގު ފަހިވެގެން ދިއުމާ ގުޅުވައި ޔުމްނާ ވިދާޅުވި އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ޕިރާޑްމެންފަދަ ބޭފުޅުން ރާއްޖެއާ ބެހޭގޮތުން ލިޔުއްވި ގޮތަށް، މިގައުމުގެ ތަޖުރިބާތަކާއި، ތާރީހާއި، ސަގާފަތާއި ގުޅޭގޮތުން ލިޔާނެ ފަތުރުވެރިން ތިބޭނެތީ އެވެ.
މި ދަތުރުގައިވެސް ބްލޮގަރުންނާއި އިންފްލުއެންޒަރުން އެބަތިއްބެވެ. އެމީހުން ރާއްޖެއާގުޅޭ ގޮތުން އާންމުކުރާ ވާހަކަތައް ހަމަ ގައިމުވެސް ގިނަ ބަޔަކަށް ފޯރާނެ އެވެ.
ހެރިޓޭޖް މިނިސްޓަރު ދުންޔާ މައުމޫން -- ފޮޓޯ: އެމްއަައިޓީޑީސީ
ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ފުރުނު އިރު ނުލިބޭ އެވޯޑެއް ނެތެވެ. އެންމެ ރީތި ހަނީމޫން ޑެސްޓިނޭޝަނުން ފެށިގެން އެންމެ ފެންވަރު ރަނގަޅު ފާހާނައިގެ އެވޯޑުގެ ޝަރަފުވެސް މި ޖަޒީރާ ކުޑަ ގައުމަށް ލިބެއްޖެ އެވެ. މެހްމާންދާރީ އަދާކުރުމުގެ ލާމަސީލު މިސާލަކަށް ދުނިޔެ ގަބޫލުކުރާ މި ފަސްގަނޑަށް ނުލިބެނީ ކޮމިޔުނިޓީ ފަތުރުވެރިކަމުގެ އެވޯޑް ކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވި އެވެ.
އެހެންވެ ފަތުރުވެރިންނާއި ދިވެހި މުޖްތަމައުއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރަށްވެހި ދިރިއުޅުމުގެ ތެރެއިން ކޮންމެ ރައްޔިތެއްގެ ޖީބަށްވެސް ތަނަވަސްކަން ގެނެސްދިނުމުގެ މަގުފަހިކޮށްދިނުމުގެ އަމާޒުގައި ފެށި ސަވާދީއްތަ ދަތުރުން ހޯމް ސްޓޭ ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ފެށިގެން ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިއީ ހޯމް ސްޓޭ ޓޫރިޒަމްގެ ފެށުން. ސަވާދީއްތަ ދަތުރުގައި އެމީހުން (ރެލީގެ ބައިވެރިން) ޒިޔާރާތް ކުރާ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ފުރުސަތު އެބައޮތް އެ ރަށަކަށް ދެވަނަ ފަހަރަށް އެ ފަތުރުވެރިޔާ ގެނައުމަށް ހިތް ޖައްސަން،" ސަވާދީއްތަ ދަތުރާއެކު ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެކަން ފާހަގަކުރައްވަމުން ރާއިދު ވިދާޅުވި އެވެ.
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާއިދު -- ފޮޓޯ: އެމްއައިޓީޑީސީ
ސަވާދީއްތަ ދަތުރު މިއަދު ހޯރަފުށިން ފެށިގެން ދިޔައީ ވަރަށް ކުލަގަދަކޮށެވެ. މުޅި ރަށަށް ވެރިވެފައި އޮތީ ސަގާފީ އީދެކެވެ. އިހުގައި ދެ މޮލުން ބިންބި ތަޅާތަނާއި، އުޑި އަނބުރައިގެން އެ މުގުރާތަނުން ފެށިގެން ގޮސް، ހުނިގޮނޑިން ހުނި ގާނާތަނާއި، މިރުސް ހަދަން ދާފުޑާ ތަނާއި، ހަނުލާތަންވެސް ފަތުރުވެރިންނަށް ދައްކާލި އެވެ. އަދި ކުރިދަނޑި، ކުރުފަލިއާ، ފަތިގަނޑު ޖެހުމުގެ އިތުރުން މާފަތި ނެށުމާ އަދި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ހަރަކާތްތައްވެސް ފަތުރުވެެރިންނަށް ދައްކާލި އެވެ.
ބައިގަޑިއިރަށް އެ ހަރަކާތްތައް ދިގު ދެމިގެން ދިޔައިރު، ދިވެހި ފަތްމިނީންނާއި ތަކުރިންގެ ހަރަކާތްތައް ބެލުމުގައި ފަތުރުވެރިން ފޫހިކަމެއް ނެތެވެ. ކޮންމެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައީ އެ ހަރަކާތަކާއި ގުޅޭ ކުރު މައުލޫމާތުކޮޅެއް ދިނުމަށް ފަހު އެވެ.
Comment