Advertisement

ކުރެހުމާއި ފަންނުން ހިތާމަތަކަށް ލުއި ލިބޭ ގޮތާއި އޭގެ ސައިންސު

3 ފެބުރުވަރީ 2022 - 11:09 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ކުރެހުމާއި ފަންނުން ހިތާމަތަކަށް ލުއި ލިބޭ ގޮތާއި އޭގެ ސައިންސު

3 ފެބުރުވަރީ 2022 - 11:09 0

ކަންކަމުގައި މާ ބޮޑަށް ދެރަވެ ހިތް ނުތަނަވަސްވުމުން، އެ ހިޔާލުތައް ފޮތެއްގައި ލިޔެލުމަކީ ބައެއްފަހަރު ވަރަށް ބޮޑަށް ލުއިވާ ކަމެއް ދޯ އެވެ؟ ލިޔުން އެކަންޏެއް ނޫނެވެ. ކުރެހުމާއި, އާޓްގެ ތެރޭގައި ހިމެނޭ ތަފާތު މަސައްކަތްތަކަކީ ވެސް މީހާ މަސަލަސްކޮށްދޭ "ތެރަޕިއުޓިކް" ކަންކަމެވެ.

ނަފްސާނީ އިލްމުވެރިން ގަބޫލުކުރާ ގޮތުގައި ފަންނަކީ، "ގްރީޕް" ނުވަތަ ހިތާމަތަކާއި, މާޔޫސްވާ ކަންކަމުން އަރައިގަތުމަށް ބޭނުންކުރެވޭ ފަރުވާ އެކެވެ.

"ގްރީފްއަކީ މީހާއަށް ކެތްކުރެވޭ ވަރަށްވުރެ ބޮޑު އަދި ކުރިމަތިލާން އުނދަގޫ ކަމަކަށް ވަނީ، އެފަދަ ހާލަތްތަކުގައި ކުރެވޭ ތަފާތު އިހުސާސްތަކެއް ހުރެ އެ އިހުސާސްތައް އަމިއްލައަށް ދެނެގަންނަން އުނދަގޫވެގެން،" ކަމުގައި ވިލާ ކޮލެޖުގެ ލެކްޗަރާ އަދި ކައުންސެލާ އާއިޒް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އެހެންވީމާ، އާއިޒްގެ ނަޒަރުގައި ކޮންމެ ކަހަލަ އާޓަކުން ވެސް މީހާގެ ޖަޒުބާތުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްދެ އެވެ.

"އިމޯޝަނަލީ މީހާ އެ ގެންގޮސްދެނީ ކުޑަކުއްޖެއްގެ މައުސޫމު ކަމަށް. އެ ސިމްޕްލިސިޓީ އަށް. އެހިސާބުން ވިސްނުމުގެ ފަރާތުން އަންނަ ހުރަސްތައް ގެއްލި އެ ކުރެވޭ އިހުސާސްތައް ފިލްޓާއަކާ ނުލައި އެ ފަންނަކަށް އޮއްސާލަން ފަސޭހަވޭ" އާއިޒް ބުންޏެވެ.

ބައެއް އާޓްތަކުގައި މީހަކު އެ ކުރަހާ ކުރެހުމަކުން ނޫނީ ލިޔާ ލިޔުމެއްގެ ސަބަބުން އަމިއްލަ އިހުސާސްތައް ފަހުން ދެނެގަންނަން އެހީވެދެ އެވެ. މިކަމުގައި ވަކި ކަހަލަ ފަންނެއް ތަފާތެއް ނުވެ އެވެ. ތަފާތު ވަނީ އެމީހެއްގެ މިޒާޖެވެ.

ބަހުރުވައަށް, ޝައުގުވެރިކަން ހުންނަ މީހެއްނަމަ، ފޮތް ކިޔައިގެން ނުވަތަ ލިޔެގެން އެކުރެވޭ އިހުސާސްތައް އެެހެން ކަމަކުން ފަހަރެއްގައި ނުލިބިދާނެ އެވެ. އާއިޒް ވިދާޅުވި ގޮތުގައި ތަފާތު އަންނަނީ އެކަމެއް ކުރުމަށް އެމީހެއްގެ ކިބައިގައި ހުންނަ ކެރުންތެރިކަމާއި ފަސްޖެހުމަށެވެ. މިސާލަކަށް ނެށުމަކީ އެއްބަޔަކަށް ފަރުވާއަކަށް ވިއަސް, ޖެހިލުންވުމާއި ލަދާއި ހެދި ދުވަހަކު ވެސް ނުނަށާ މީހަކަށް އޭގެ ސަބަބުން ލިބޭ ތެރަޕިއުޓިކް ފައިދާ ފަހަރެއްގައި ނުކޮށްފާނެ އެވެ.

އާޓް އިން ތެރަޕިއުޓިކް ފައިދާ ހޯދާކަށް އެ ކަމެއްގައި "އެކްސްޕާޓް" އަކަށް ވާކަށް ނުޖެހެ އެވެ. މުހިންމީ އެ ތަޖުރިބާ އެވެ.

"ކުޑަކުއްޖަކަށް ގަނޑެއް ދީފަ ކުރަހަން ބުނީމަ އެ ކުއްޖާ މުޅި ގަނޑުގަ އެކި ގޮތްގޮތަށް ކުރަހާނެ. އެގޮތަށް ކުރަހައިގެން އަޅުގަނޑުމެންނަށް ވެސް ހަމަ އެ ފައިދާ ލިބޭނެ. މުހިންމީ ކޮންމެހެން ކުރަހާ އެތި ރީތިވުމެއް ނޫން. އެ އެކްސްޕީރިއެންސް އިން ނަފްސަށާއި ހިތަށް ލުއިކަމެއް އިހުސާސްވުން" އާއިޒް ބުންޏެވެ.


އާޓް އިން ތެރަޕިއުޓިކް ފައިދާ ހޯދާއިރު ސަމާލުކަންދޭންވީ ކަންތައްތައް:

  • އެ ބޭނުންކުރާ އާޓް ފޯމެއް ފުރަތަމަ އެކަނިހުރެ ޓްރައި ކުރުން: ލޯ މަރާލާފައި, ފުން ނޭވާ އެއްލާފައި އެހާބޮޑަށް ނުވިސްނާ އެކަމަކަށް ނަފްސު އެއްކޮށް ދޫކޮށްލައިގެން އިނދެ ކުރުން
  • މޮޅު ނޫނީ ކޮލިޓީ އެއްޗެއް ހެދުމުގެ ހިޔާލު ދޫކޮށްލުން: އަމިއްލަ ސިކުނޑިއަށް އިތުބާރުކޮށްފައި މާ ބޮޑަށް ނުވިސްނާ ބޮލަށް އަންނަ އެއްޗެއް ކުރެހުން, ލިޔުން, ނޫނީ ނެށުން. އޭރަށް ނަފްސުގެ އެންމެ ފުން މިނުން އެހުރި ހިޔާލުތަކާއި މައްސަލަތަކާއި އިހުސާސްތައް ނުކުންނާނެ
  • މިއީ މީހަކަށް ދައްކަން, ނުވަތަ އެޕްރޫވަލް އަށް ކުރާ ކަމެއްގެ ގޮތުގައި ނުހެދުން: އަމިއްލަ ސްޕޭސްގައި, އަމިއްލަ ނަފްސަށްޓަކައި ކުރާކަމެއްކަން ހަނދާން ބެހެއްޓުން
  • ވަކި ދާއިރާއަކުން ފާހަގަކޮށްލެވޭ ފަންނުވެރިއެއްނަމަ އެމީހެއްގެ އެކްސްޕަޓީސް ނެތް އާ ކަމެއް ތަޖުރިބާ ކުރުން

ރުއިމަކީ ބަލިކަށި ވުމެއް ނޫން

ކުރިން މި ބުނި ގޮތަށް އާޓްގެ އެހީގައި ފަރުވާ ލިބިގަންނަ އިރު ވަކި މީހެއްގެ ހަނދާންތަކުން ނުވަތަ އިހުސާސްތަކަކުން މާ ބޮޑަށް ރޮވުމަކީ ވުން ގާތް ކަމެކެވެ. ރުއިމަކީ އެމީހެއްގެ ބަލިކަށިކަމުން ނުވަތަ ފިިޑިކަމަކުން ވާކަމެއްގެ ގޮތުގައި ދެކުމަކީ ވަރަށް ގޯސް ކަމެކެވެ. އާއިޒް ވިދާޅުވާ ގޮތުގައި މިފަދަ ފަންނެއް ބޭނުންކުރާއިރު ރޮވުމަކީ ވަރަށް ރަނގަޅު އަލާމާތެކެވެ. ރޮވޭނަމަ އެންމެ ރަނގަޅީ އެމީހަކަށް ލުއި ލިބެންދެން ރޯލުމެވެ. ނަމަވެސް ރޮމުން ގޮސް މާ ބޮޑަށް ހާސްވެ, މާބޮޑަށް ޕެނިކް ވާނަމަ އެންމެ ރަނގަޅީ ސައިކޮލޮޖޮސްޓެއް ނުވަތަ ކައުންސިލަރެއްގެ އެހީ ހޯދުމެވެ.