2 ފެބުރުވަރީ 2022 - 09:59 0
އެފްއައިވީބީގެ ރައީސް އަރީ ގްރާސާ އާއި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް އެފްއައިވީބީގެ އޮފީހުގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން
2 ފެބުރުވަރީ 2022 - 09:59 0
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާއާ އެކު އެފްއައިވީބީގެ މައި އޮފީހުގައި ބައްދަލުކުރައްވައިފި އެވެ.
އެފްއައިވީބީގެ ރައީސް ގްރާސާ ވަނީ މިދިޔަ އަހަރު ރާއްޖެ ވަޑައިގެން ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު ބައްލަވާލައްވައިފަ އެވެ. މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ވޮލީބޯޅައިގެ ކުރިމަގަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ހޯއްދެވި އެވެ.
އަދި މީގެ އިތުރުން ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މިއީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާގެ ފަރާތުން ވޮލީބޯލް އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެެރެއިން ހިންގޭނެ ޕްރޮޖެކްޓް އެކެވެ.
ރާއްޖެއަށް މި ދަތުރުގައި ފަހިވި އެންމެ ބޮޑު ފުރުސަތަކީ ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރަން މަޝްވަރާކޮށް އެ ފުރުސަތު ލިބުމެވެ. ރާއްޖޭގައި ޗެލެންޖާސްގެ ބައި ކުރިއަށް ގެންދަންނިންމި އިރުު، ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ އެވެ.
އެފްއައިވީބީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ގްރާސާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ފަހުގެ ހާލަތު އޮޅުންފިލުވައި ބީޗްވޮލީބޯޅަ ކުރިއެރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ކަންކަން ދެނެގަނެފަ އެވެ
މި ބައްދަލުކުރެވުމަށްފަހު ގްރާސާ ވިދާޅުވީ ވީއޭއެމާ އެކު ވަރަށް ގާތުން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާ އެކު ރާއްޖޭގެ ވޮލީއަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް ގްރާސާ ފާހަގަކުރެއްވި އެވެ.
"ވީއޭއެމާ އެކު އަޅުގަނޑުމެން މި އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން. ރާއްޖެ އިން ވޮލީގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތް ބަލަައި އެހީތެރިވަމުން މި އަންނަނީ. އަހަރެން ޔަގީން ކުރަން މި އަހަރު ރާއްޖޭގައި އޮންނަ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށް" ގްރާސާ ވިދާޅުވި އވެ.
އެފްއައިވީބީ ހެޑްކުއާޓަރަށް ކުރެއްވި މި ޒިޔާރަތުގައި ރަނޭޝް ވަނީ އެފްއައިވީބީގެ ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އެފްއައިވީބީގެ އެހީތެރިކަމާ އެކު މިވަގުތު ރާއްޖޭގައި ހުރި ތަޖުރިބާކާރު ބީޗު ވޮލީބޯޅަ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިންސްއާ އެކު ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ވަނީ އެފްއައިވީބީގެ ޓެކްނިކަލް ޑިޕާޓްމަންޓަށް ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ ޤައުމީ ބީޗްވޮލީބޯޅަ ޓީމުންގެ ކޯޗު ވިނީޝިއުސްއާ އެކު ފަރިތަކުރަމުން އަންނަތާ މިހާރު ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ރަނޭޝްގެ މި ދަތުރުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ޕްރޯ ޓުއާގެ އެކި އެކި ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ވީއޭއެމްގެ ރައީސަކަށް އިންތިހާބުވި ރަނޭޝްގެ ލީޑާޝިޕްގެ ދަށުން ރާއްޖެއިން އަންނަނީ ވޮލީބޯޅައިގައި ގިނަ ފުރުސަތުތަކެއް ހޯދަމުންނެވެ. މި އަހަރު ދުނިޔޭގެ ފެންވަރުގެ ބީޗްވޮލީބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ސަރަހައްދީ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތް ކަމަށްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ވެސް ރާއްޖެއިން ވަނީ ހޯދައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment