Advertisement

ވާވު އަތޮޅަށް ލެއްގި ރަންގަނޑެއް

2 ފެބުރުވަރީ 2022 - 08:56 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ވާވު ޝިޕްރެކް. --ފޮޓޯ: ހަސަން އަބްސަލް


ވާވު އަތޮޅަށް ލެއްގި ރަންގަނޑެއް

2 ފެބުރުވަރީ 2022 - 08:56 1

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން އޮޔާ ދަތުރުކުރި ބޯޓެއް ވާވު އަތޮޅަށް ލެއްގި އެވެ. އެ ބޯޓު އެ އަތޮޅު ފުލިދޫ ބަޔަކު ހޮވައިގެން ގޮސް އެ ރަށް ކައިރީގައި އަޅާފައި އޮއްވާ ކަނޑައިގެން ދިޔައީ އެވެ. އަދި އޮޔާ ގޮސް ކެޔޮދޫގެ ދެކުނުން، ކުޑަފަޅާއި ގިރާފަޅާ ދެމެދުން ވިލަކަށް އުރުނެވެ. އެ ބޯޓު އަލުން ފެން މައްޗަށް ނަގަން މަސައްކަތްކުރި ނަމަވެސް ކޮޅުފަސްކޮޅު އަޑިއަށް ދިޔަ ގޮސް ވިލުގެ ތެރެއަށް ވަނީ އެވެ.

އެހިސާބުން އެ ބޯޓު ނުވަތަ މިހާރުގެ ނަމުން ނަމަ "ވާވު ޝިޕްރެކް" ވީ ޓޫރިސްޓް އެޓްރެކްޝަނަކަށެވެ. ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް އެތަން މަގުބޫލުވި އެވެ. ވާވު އަތޮޅަށް އަންނަ ޓޫރިސްޓުންނާއި ދިވެހިންގެ ތެރެއިން 95 ޕަސެންޓް މީހުން އެތަނަށް ޒިޔާރަތްކުރެ އެވެ. އަދި ތިނަދޫ، ފެލިދޫ އާއި ކެޔޮދޫ އަށް އަންނަ މީހުންގެ 99 ޕަސެންޓް މީހުން އެތަނަށް ޒިޔާރަތްކުރެ އެވެ. މާލެ އަތޮޅުގެ ފަތުރުވެރި މަންޒިލް މާފުށްޓަށް އަންނަ ފަތުރުވެރިން ވެސް އެތަނަށް ދެ އެވެ. ދާދި ފަހުން މަޝްހޫރު ޑިސްކަވަރީ ޗެނަލުން ވެސް އެތަނުގައި ޝޫޓެއް ނެގި އެވެ.

އެތަނުގެ މަގުބޫލުކަން ބޮޑުވާ ސަބަބުތަކުގެ ތެރޭގައި އެއީ ކޯމަސް ވަންނަ ކަނޑުއޮޅިއަކަށް ވުން ހިމެނެ އެވެ. އަދި ގިނަ އަދަދަކަށް މަސްތައް އުޅޭ ފަރެއް އެތާ އޮތުން ވެސް ހިމެނެ އެވެ. އެހެންވެ ފީނާލައި، ޝިޕްރެކް ވަށައިގެން އުޅޭ ބޮޑެތި ފާނަތަކާއި ރަތްމަސްތައް ބަލާލަން ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. ބޯޓުގައި ބަޔަކު ހަރުކޮށްފައިވާ ބައިސިކަލަށް އަރައި އެއާ އެކު ފޮޓޯ ނަގާލަން ވެސް އެތައް ބަޔަކު ހިތްއެދެ އެވެ. އަދި ފެންމަތީގައި ނުވަތަ ބޯޓަށް އަރައިތިބެ ފޮޓޯއެއް ނަގާލަން އެތައް ބަޔަކު ބޭނުންވެ އެވެ.

މިއަދު އެތަން ވެފައިވަނީ، މަސްވެރިކަމަށް މަޝްހޫރު ވާވު އަތޮޅުގެ ރަމްޒަކަށެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު ޝިޕްރެކް ވެސް ބޭނުންކުރެ އެވެ. މާފުށީގެ ގެސްޓް ހައުސްތަކުން ވެސް އެ ޝިޕްރެކް ވިއްކަ އެވެ. އެއާ އެކު ހަފުތާ ބަންދުގައި އެއް ވަގުތެއްގައި ސަތޭކައާ ގާތްކުރާ އަދަދަކަށް މީހުން ގޮސް ތިބެ އެވެ. އެއް ފަހަރާ ފަސް ހަ ދޯނި/ ލޯންޗު އެ ސަރަހައްދުގައި އުޅެ އެވެ. އެގޮތަށް ދާ ދޯނި ފަހަރާއި ލޯންޗުތައް ވާ ހިފަނީ އެ ބޯޓުގަ އެވެ. ދެމަޑޫ ދޭތެރޭ ފޯމު ދުއްވައި ވަރުގަދަކޮށް އޮތް ބޯޓަކަށް ވާތީ ކަމަށް ބެލެވެ އެވެ.

އެކަމަކު ކެޔޮދޫ ކައުންސިލުގެ ކުރީގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބުރޭ) ވިދާޅުވީ އެއީލަކުޑި ބޯޓަކަށްވާތީ އެގޮތަށް ހިފާ ކަމުގައި ވަންޏާ ބަލިވަމުން ދާނެ ކަމަށެވެ.

"މިއަދު އަޅާނުލައިފިއްޔާ މާދަމާ ބަލަން ދާކަށް އެ ނޯންނާނެ." ޓޫރިޒަމް ވިޔަފާރި ވެސް ކުރައްވާ އިބުރޭ ވިދާޅުވި އެވެ.

"އެއް ވަގުތެއްގައި އޭގައި ވާ ޖަހައިގެން ތިބެނީ އެންމެ ބޯޓެއް ދެ ބޯޓެއް ނޫން."

ވާވު ޝިޕްރެކް


އޭތި އުރުނުތާ ކައިރީގައި ދުރު ހިސާބަކުން ބަޔަކު އައިސް އޭގައި ހުރި 28 އެމްއެމްގެ ފަލަ އެސްއެސް ދަގަނޑުތައް ވަނީ ކީހައިގެން ގެންގޮސްފަ އެވެ.

އެ ބޯޓު އުރުނީ ކެޔޮދޫގެ ބޯޑަރުގެ ބޭރަށް ކަމަށްވުމުން އެއީ މިހާރު އަތޮޅު ކައުންސިލުގެ އިހުތިސާސުގެ ތެރޭ އޮތް އެއްޗެކެވެ. އަތޮޅު ކައުންސިލުން އަންނަނީ އެ ބޯޓު ހިމާޔަތްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ދޯނި ފަހަރު ގޮސް ހިފާނެ ފައްތިޔާ ބަރުތަކެއް އެ ސަރަހައްދަށް ފެއްތުމުގެ ވިސްނުން ގެންގުޅެ އެވެ.

ޝިޕްރެކް ބަލަން އެތައް ބަޔަކު އައުމަކީ ވާވު އަތޮޅުގެ ފަތުރުވެރިކަމަށް ލިބޭ ފައިދާ އެކެވެ. މި ވަގުތު އެ ޝިޕްރެކް އިން ކައުންސިލަށް ސީދާ އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އިބުރޭ ވިދާޅުވި ގޮތުގައި އެއީ ތިލަ ހިސާބެއް ކަމަށްވާތީ ޑޮކެއް އަޅައި ލަންޗް އާއި ކޮފީ ސާވްކޮށްދެވޭނެ ފަދަ ގޮތެއް ގާއިމްކުރެވިއްޖެ ނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ އަމިއްލަ މީހުން ވެސް އެބަތިއްބެވެ.

"ވަޅުލާފައި އޮތިއްޔާ ރަންގަނޑެކޭ ހިލަގަނޑެކޭ ނެތް ތަފާތެއް. އޭގެ ބޭނުން މިހާރަށް ވުރެ ރަނގަޅަށް ހިފަން ޖެހޭ،" އިބުރޭ ވިދާޅުވި އެވެ.