31 ޖަނަވަރީ 2022 - 14:26 0
ސަވާދީތައް ދަތުރުގެ މެއިން ސްޕޮންސަރަކަށް ވުމުގެ އެއްބަސްވުމުގައި އެމްއައިޓީޑީސީގެ އެމްޑީއާއި އެމްޓީސީސީގެ ސީއޯ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ
31 ޖަނަވަރީ 2022 - 14:26 0
ސަވާދީތައް ދަތުރުގެ މެއިން ސްޕޮންސަރަކަށް ވުމުގެ އެއްބަސްވުމުގައި އެމްއައިޓީޑީސީގެ އެމްޑީއާއި އެމްޓީސީސީގެ ސީއޯ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް (އެމްއައިޓީޑީސީ) އިން ބާއްވާ ބައިނަލްއަގުވާމީ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.
ސަވާދީއްތަ ދަތުުރުގެ މެއިން ސްޕޮންސާއަކަށް އެމްޓީސީސީ ވުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް އެމްޓީސީސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ.
ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ ރެލީ އެކެވެ. އެއީ މުޅިން އަލަށް ކުރާ ތަޖުރިބާއަކަށްވާއިރު، ފުރަތަމަ ރެލީގައި ބައިވެރިވާ އުޅަނދުތައް ދަތުރުކުރާނީ 15 ރަށެއްގައި ބަނދަރުކުރާ ގޮތަށް ހއ. އިން ފެށިގެން ބ. އަތޮޅަށެވެ.
ސާވާދީއްތަ ދަތުރުގެ ނަން ހާއްސަ ކުރީ ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކޮށްދެވި އައްސުލްތާނު މުހައްމަދު ތަކުރުފާނަށެވެ. އެމްއައިޓީޑީސީން ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހާއްސަކޮށްފައިވާ ރެލީ އަށް އެނަން ވަނީ މިހާރު ރަޖިސްޓްރީކޮށްފަ އެވެ.
"ރާއްޖޭގައި އެތަށް ބައިވަރު ރަސްކަލުން އުޅުއްވިއިރު، ސަވާދީއްތަ މަރާރަދުން ކިޔާނީ މުހައްމަދު ތަކުރުފާނަށް އެކަނި. އޭގެ މާނަ އަކީ ދަ ގްރޭޓް. ރާއްޖޭގެ ދަ ގްރޭޓަކީ މުހައްމަދު ތަކުރުފާނު. އެމަނިކުފާނަކީ ރަސްކަލަކަށްވުމުގެ ކުރީގައި ކެޕްޓަނެއް، ސެއިލާ އެއް،" ސަވާދީއްތަ ދަތުރާ ބެހޭ ގޮތުން މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ.
ސަވާދީއްތަ ދަތުރުގެ ވެބްސައިޓު ގައި ދަތުރު އިންތިޒާމު ކޮށްފައިވާ ގޮތާއި ދަތުރުގައި މަޑުކުރާނެ ތަންތަނާއި އޮންނާނެ ހަރަކާތްތައް ވަނީ ވަރަށް ތަފުސީލުކޮށް ހިމަނާފަ އެވެ. ދަތުރުގައި މަޑުކުރާ، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލު ތަކުން އަންނަނީ ދަތުރުގެ ބައިވެރިނަން ތަފާތު ހަރަކާތްތައް އިންތިޒާމު ކުރަމުންނެވެ. ކޮންމެ ރަށެއްގައި ވެސް ކުޅެ އުޅޭ ސަގާފީ ކުޅިވަރުތައް ކުޅުމާއި ރަށްރަށުގައި ކުރާ މަސައްކަތައް ދައްކާލުމާއި ތާރީހީ ތަންތަނަށް ޒިޔާރަތް ކުރުން ފަދަ ކަންތައްތައް އޭގެ ތެރޭގައި ހިމެނެ އެވެ.
އެމްއައިޓީޑީސީން ބުނި ގޮތުގައި މިފަހަރުގެ ދަތުރުގައި ބައިވެރިވީ ރާއްޖެއިން ބޭރުގެ ފަރާތްތައް އެކަންޏެވެ. އެއްހާސް ޑޮލަރުގެ ފީއެއް ދައްކައިގެން ރެލީގައި ބައިވެރިވެފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި އިންޑިއާ އާއި ތައިލެންޑާއި މެލޭޝިޔާ ފަދަ ގައުމުތަކުން ދަތުރުކޮށްފައި އައި ޔޮޓްތައް ހިމެނެ އެވެ. ދަތުރުގައި ބައިވެރިވާ ބައެއް ޔޮޓްތައް މިހާރު ވަނީ އުލިގަމުގައި ބަނދަރުކޮށްފަ އެވެ. ހަ ޔޮޓަކުން ރެލީގައި ބައިވެރިވާނެކަމުގެ ޔަގީންކަށް ދީފައިވާއިރު، ރެލީގައި ބައިވެރިވުމަށް އިތުރު 15 ވަރަކަށް ޔޮޓް އަންނަނީ ތައިލެންޑުން ފުރައިގެން ދަތުރު ކުރަމުންނެވެ.
Comment