Advertisement

ރެކޯޑާ އެކު ދެ ވާދަވެރިން ވެސް ނަޑާލަށް ކުރީ ތައުރީފު

31 ޖަނަވަރީ 2022 - 10:26 0


ރެކޯޑާ އެކު ދެ ވާދަވެރިން ވެސް ނަޑާލަށް ކުރީ ތައުރީފު

31 ޖަނަވަރީ 2022 - 10:26 0

ފަހަތުން އަރައި 3-2 ސެޓުން ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް، 35، އިއްޔެ ވަނީ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ ތަށްޓާ އެކު ނަޑާލަށް 21 ވަނަ ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން ލިބުނުއިރު، އެއީ ޓެނިހުގެ ދުނިޔޭގެ ރެކޯޑެކެވެ. ނަޑާލްގެ މި ކާމިޔާބީ އަށް އޭނާއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޒަމާންވީ ދެ ވާދަވެރިން ކަމަށްވާ ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވަނީ ތައުރީފުކޮށްފަ އެވެ.

ނަޑާލް 21 ގްރޭންޑް ސްލޭމް ހަމަކުރިއިރު، ފެޑެރާ އާއި ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް ހޯދައިފަ އެވެ. ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތުގެ ގޮތުގައި އޮންނަނީ ހަތަރު މުބާރާތެކެވެ. އެއީ އޮސްޓްރޭލިއަން އޯޕަންގެ އިތުރުން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން އެެވެ.

މިދިޔަ މަހު ފަޔަށް ލިބުނު އަނިޔާ އަކުން ރިކަވާވާން ކުޑަ އޮޕަރޭޝަނެއް ކުރި ނަޑާލް އޭގެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ޓްރެއިނިންއާ ދުރަށް ދާން ޖެހުނެވެ. އެހެންވެ، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނަޑާލަށް ނުކުޅެވިދާނެ ކަމަށް ބެލެވެން ފެށި އެވެ.

އެކަމަކު، ވަގުތު އޮއްވައި އޮސްޓްރޭލިއަން އޯޕަން އަށް ފިޓްވެ، އޭނާ އިއްޔެ ކުޅުނު ފައިނަލް ފަސް ގަޑިއިރާއި 24 މިނިޓަށް ދިގު ދެމިގެންދިޔައިރު ވެސް ފެނުނީ ވަރަށް ވަރުގަދަ ރޫހެއްގައި ފިޓްކޮށް ހުރެ ކުޅެލިތަނެވެ. އިއްޔެގެ ފައިނަލުގައި ނަޑާލް އަތުން ބަލިވި ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް މެޑްވެޑޭވް ވެސް ވަނީ ނަޑާލް އުމުރުން 35 އަހަރުގައި އެ ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ. މެޗުގެ ފަހު ކޮޅުގައި ނަޑާލް ވަރުބަލިވާނެ ކަމަށް ބަލައިގެން މެޑްވެޑޭވް ކުޅެމުންދިޔައިރު، އެ ފުރުސަތު ނުލިބި މެޗުން ބަލިވީ ކަމަށް މެޗަށް ފަހު މެޑްވެޑޭވް ވަނީ ބުނެފަ އެވެ.

ނަޑާލް، އޮސްޓްރޭލިއަން އޯޕަން ތަށި ހިފައިގެން.--- ފޮޓޯ: އޭއެފްޕީ


ނުވަދިހަ އޭޓީޕީ ތަށި ހޯދާފައިވާ ނަޑާލް އިއްޔެގެ ކުރިން އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ 2009 ވަނަ އަހަރު އެވެ. ތޭރަ އަހަރު ފަހުން އޮސްޓްރޭލިއަން އޯޕަން ދެ ވަނަ ފަހަރަށް ކާމިޔާބު ކުރި ނަޑާލަށް އިއްޔެ މެޗަށް ފަހު ޓެނިހުގެ ދުނިޔޭގެ ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އެކަމަކު، ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ އިންސްޓަގްރާމްގައި ފެޑެރާ ކުރި ޕޯސްޓާއި ޓްވިޓާގައި ޖޮކޮވިޗް އާންމުކުރި ޓްވީޓަށެވެ.

އުމުރުން 40 އަހަރުގެ ފެޑެރާ އަނިޔާގެ ސަބަބުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެ އެވެ. ފެޑެރާ ބުނީ މީގެ ދެތިން މަހެއްވަރު ކުރިން ނަޑާލާއި އޭނާ ވާހަކަ ދައްކަމުން އައިއިރު، ޓެނިސް ކެރިއަރު ދިގު ދަންމާލައިފިނަަމަ އަސާގަނޑެއްގައި އުޅެން ޖެހިދާނެ ކަމަށް ބުނެ ޖޯކު ޖެހި ކަމަށެވެ. އެކަމަކު، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުން އެނގިގެންދިޔަ ކަމަކީ ނަޑާލްގެ ޗެމްޕިއަނެއްގެ ވިސްނުން އާދައިގެ ގޮތަކަށް ނުނެގޭނެކަން ކަމުގަ އެވެ.

"ނަޑާލް ކުރާ ބުރަ މަސައްކަތް. ދައްކާ ހިތްވަރު އަދި ފައިޓިން ސްޕިރިޓަކީ ދުނިޔޭގެ ގިނަ ބަޔަކަށް މިސާލެއް. އަހަރެން ފަހުރުވެރިކަމާ އެކު ފާހަގަކުރާނެ ކަމެއް އަހަންނާ އެއް ދުވަސްވަރެއްގައި ނަޑާލް ޓެނިސް ކުޅުމަކީ. ވަރަށް އުފާކުރަން މިދިޔަ 18 ވަރަކަށް އަހަރު ނަޑާލް ކާމިޔާބީ ހޯދުމަށް އިތުރަށް ބާރު އަޅަން ވާދަވެރިއެއްގެ ގޮތުގައި އަހަންނަށް ހުރެވުނީތީ. ނަޑާލް ވެސް އެ ގޮތަށް އަހަންނަށް ބާރު އެޅި،" ފެޑެރާ ބުންޏެވެ.

2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން ފެޑެރާ (ކ) އާއި ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ


އޮސްޓްރޭލިއަން އޯޕަންގެ ތަށި 10 ފަހަރު ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޖޮކޮވިޗަށް މި ފަހަރުގެ މުބާރާތުގައި ނުކުޅެވުނީ ވިސާ މައްސަލަ ޖެހިގެން އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލުމުންނެވެ. ނަޑާލްގެ ކާމިޔާބީއާ އެކު ޖޮކޮވިޗް ބުނީ ޓެނިސް ކެރިއަރުގައި އާދަޔާހިލާފު ހިތްވަރެއް ދެއްކުމުގައި ނަޑާލަކީ އަބަދުވެސް ނަމޫނާ އެއް ކަމަށެވެ.

"މި ފެނިގެންދިޔައީ ނަޑާލްގެ ފައިޓިން ސްޕިރިޓްގެ ތަފާތު،" ޖޮކޮވިޗް ބުންޏެވެ.

އިއްޔެގެ މެޗަށް ފަހު ވާހަކަ ދައްކަމުން ނަޑާލް އެންމެ ފުރަތަަމަ ފާހަގަކުރި ކަމަކީ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި މެޑްވެޑޭވް އަށް ތައުރީފު ހައްގު ކަމަށެވެ. މީގެ އެއް މަސް ކުރިން އަލުން އެންމެ މަތީ ފަންތީގައި ޓެނިސް ކުޅެވިދާނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

އެކަމަކު، އޮސްޓްރޭލިއަން އޯޕަންގެ ތަށި ހޯދައި އެންމެންގެ ކުރިމަތީގައި ހުއްޓިލައިގެން ހުންނައިރު، އޭނާ ކުރި ބުރަ މަސައްކަތުގެ އަގު ލިބުނީ ކަމަށް ނަޑާލް ބުންޏެވެ.

"މި ހިސާބަށް އަންނަން އަހަރެން ކުރި މަސައްކަތުގެ އަގު ލިބިއްޖެ، އަހަރެން އަލުން ޓެނިސް ކުޅެވޭތޯ މިދިޔަ މަސްތަކުގައި ކުރި މަސައްކަތް ތީގެއިން މީހަކު ހިތަށް ގެންނަން ވެސް އުނދަގޫވާނެ. މި 21 ވަނަ ގްރޭންޑްސްލޭމް ތަށްޓަކީ އަހަރެން ކުރި ބުރަ މަސައްކަތުގެ ހައްގު އިނާމު ކަމުގައި ދެކެނީ. މިއީ އަހަރެންގެ ކެރިއަރުގައި އަބަދުވެސް ހާއްސަވާނެ ވަގުތެއް،" ނަޑާލް ބުންޏެވެ.

ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނަޑާލް ވަނީ މިދިޔަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އަލުން އެނބުރި އައިސް މި ފަހަރު އޮސްޓްރޭލިއަން އޯޕަންގައި ކާމިޔާބު ލިބުނު ނަމަވެސް ނަޑާްލް ބުނީ ޓާގެޓްކުރާނީ ހަށިގަނޑު ހުރި ލެވަލް ބަލާފައި ކުޅެވޭނެ މުބާރާތެއް ކުޅުމަށް ކަމަށެވެ. މިހާރު އޭނާ އަށް ގާތްގާތުގައި ގިނަ މުބާރާތްތަކެއް ނުކުޅެވޭނެކަން އެއީ ހަގީގަތް ކަަމަށް ނަޑާލްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.