Advertisement

ބައްޕަގެ ހަޔާތުގެ ފަހު ދުވަސްތައް އަންކޮ ކިޔައިދެނީ ކުރެހުމުން

3 ފެބުރުވަރީ 2022 - 11:09 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ބައްޕަގެ ހަޔާތުގެ ފަހު ދުވަސްތައް އަންކޮ ކިޔައިދެނީ ކުރެހުމުން

3 ފެބުރުވަރީ 2022 - 11:09 0

ޕެންކްރިއެޓިކް ކެންސަރު ބަލީގައި އަހަރަކާއި ދުވަސްކޮޅަކު އުޅުއްވުމަށްފަހު ތުޅާދޫގެ ހިދުމަތްތެރިޔާ އިބްރާހިމް ހުސެންފުޅު މިދިޔަ ނޮވެމްބަރު މަހު ނިޔާވިއިރު، އެ އުނދަގޫ ދަތުރުގައި ހުސެންފުޅާއެކު އެންމެ ގިނަ ވަގުތު ހޭދަކުރަން ލިބުނު އެކަކީ އޭނާގެ ދަރިފުޅު އަންސަރު އިބްރާހިމް (އަންކޮ) އެވެ. އަންކޮ އަކީ ހުސެންފުޅަށް އުފަން ނުވަ ކުދިންގެ އެންމެ ހަގެވެ.

އޮކްޓޫބަރު 5، 2020 ވީ ހޯމަ ދުވަހު، އާއިލީ ދަތުރެއްގައި އިންޑިއާއަށް ގޮސް ހުންނެވި ހުސެންފުޅު ކެންސަރަށް ޑައިގްނޯސްވީއިރު އަންކޮ އައީ ށ.ފޯކައިދޫ ޓީމަށް ފުޓުބޯޅަ ކުޅެމުން ގާނޫނީ ދާއިރާ އިން ޑިގްރީ އަށް ވެސް ކިޔަވަމުންނެވެ. އަރަބިއްޔާ އިން ޝަހާދާ ސާނަވިއްޔާ ހާސިލުކޮށްގެން ދޭތެރެއަކުން ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ވެސް ކުރެ އެވެ. އެކަމަކު ބައްޕަ އަށް ކެންސަރު ޖެހިގެން ލިބުނު ހިތާމަވެރި ހަބަރާ އެކު މުޅި އާއިލާ އެކުގައި އެކަމަށް ތައްޔާރުވި ވަގުތު އަންކޮ ވެސް އޭނާ ކުރަމުން އައި ހުރިހާ ކަމެއް މަޑު ޖައްސާލާފައި ބައްޕަގެ ފަރުވާ އަށް ހުސްވެލި އެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް އިންޑިއާގެ ކޮޗިންގައި ބައްޕައާ އެކު އަންކޮ ހޭދަކުރިއިރު އެއިން ކޮންމެ ދުވަހަކީ ތަފާތު އެތައް ކަމެއް ތަޖުރިބާކުރި ދުވަހެކެވެ. މަސްހުނި ޖަޒުބާތުތަކެއް އިހުސާސް ކުރި ދުވަސްތަކެކެވެ.

ބައްޕަ ދުނިޔެ ދޫކުރިފަހުން މިހާތަނަށް ހޭދަވި އެއް އަހަރު އަންކޮ މަސައްކަތްކުރީ އެ ހިތާމައިން އަރައިގަންނަން ބައްޕަގެ އެންމެ ފަހުގެ ހަނދާންތައް ކުރެހުންތަކެއްގެ ސިފައިގައި ރައްކާކުރުމަށެވެެ. ކުރަހަން ހާއްސަ "ސްކެޗް ބުކް" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް އަޅައިގެން އޭގައި މިއަދާ ހަމައަށް ވެސް އަންކޮ އަންނަނީ އޭނާގެ ބައްޕަ ކެންސަރަށް ޑައިގްނޯސްވި ދުވަހުން ފެށިގެން، ބަލީގައި ދުނިޔެ ދުކުރުމާ ހަމައަށް އޭނާ އާއި އާއިލާ އިން އެކުގައި ހޭދަކުރި ހިތި ފޮނި ހަނދާންތައް ކުރަހަމުން ލޮގު ކުރަމުންނެވެ.

"ކީމޯ ދޭ ދުވަސްދުވަހު ވަރަށް ގިނައިރު ބައްޕަގެ ޓްރީޓްމަންޓް ނިމެންދެން ރޫމް ބޭރުގައި އިންނަންޖެހޭ. ބައެއް ދުވަސްދުވަހު މުޅި ދުވަސް ނިމެންދެންވެސް އިންނަންޖެހޭ. އެހެން އިންނައިރު, އެ ލިބޭ ވަގުތުތައް ފުރާލަން ކޮންމެވެސް ކަމެއް ކުރާނީ އޭ ހިތަށް އެރީ. ދެން އެކި މީހުންގެ ކުރެހުންތައް ފެނި އެއީ ކިހިނެއް ކުރާ ކަމެއްތޯ ބަލާ އަހައިގެން ސްކެޗްބުކް އެޕް އެނގުނީ" ބައްޕަގެ ހަނދާނުގައި "ދަ ލާސްޓް ޖާނީ: އަ ކްރޮނިކަލް އޮފް މައި ފާދާސް ލާސްޓް ޑޭ ޕިކްޗާސް" ނަމުގައި އޭނާ އަޕްޑޭޓް ކުރަމުން އަންނަ ސްކެޗް ސްޓޯރީގެ ވާހަކަ ފެށުނު ގޮތް އަންކޮ ކިޔައިދިނެވެ.

ހުސްވަގުތު ތަކުގައި ފެށި ކުރެހުމުގެ މި މަސައްކަތް މިހާރު އޭނާ އަށް ވަރަށް މުހިއްމެވެ. އެ ކުރެހުންތަކަކީ އޭނާގެ ސިކުނޑީގައި އެނބުރޭ ނުތަނަވަސް ހިޔާލުތަކުން މީހާ ދުރުކޮށްދީ ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ.

"ކުއްލިއަކަށް އެހާ ބޮޑު ބައްޔަކަށް ފަރުވާ ކުރަންޖެހުންވީ ވަރަށް ބޮޑު ޝޮކަކަށް. އަދި އަމުުދުން ބައްޕަގެ ހަޔާތުގެ ފަހު ވަގުތުތައް ގުނަން ފެށިފައި އޮތް އޮތުން ވީ ހިތަށް ކެތްވާ ވަރުގެ ކަމަކަށް ނޫން،" އަންކޮ ބުންޏެވެ.

"ބައްޕަޔާ ވަކިވީމަ އެ ހިތާމައާއެކު ދިރިއުޅުމުގެ ގިނަ ކަންކަން މަޑުޖެހިފައި އޮތް އޮތުން ޕްރޮސެސް ކުރަން ލިބުނު ވަރަށް ބޮޑު އެހީއަކަށް އެކަން ވީ."

ކުރެހުމަކީ އޭގެ ކުރިން އެއްވެސް ވަރަކަށް އޭނާ ކުރި ކަމެއް ނޫނެވެ. އެކަމަކު، އެ ހިތްދަތިކަމުގެ ތެރޭގައި އޭނާ ފެށި "ވަދާއީ ދަތުރު"ގެ މަސައްކަތް ވީ އާ ހުނަރެއްގެ ފެށުމަށެވެ.

އަންކޮގެ "ބައްޕަގެ ވަދާއީ ދަތުރު" ތްރެޑް --


ކެންސަރު ބައްޔަށް އަންކޮގެ ބައްޕަ ޑައިގްނޯސްވި ދުވަހުން ފެށިގެން ވަކިވެދިއުމާ ހިސާބަށް ހިނގައިދިޔަ މުހިންމު ކަންތައްތަކާއި, ހަނދާނުން ފޮހެލަން ދަތި ވަގުތުކޮޅުތަކާއި އެ އިހުސާސްތައް ކުރަހާފައިވާ މި ތަސްވީރުތަކުން ނިކަން ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ. ޓްވިޓާގައި 2020ގެ ޑިސެމްބަރު 11 ގައި އޭނާ ޕޯސްޓްކުރަންފެށި މި ތްރެޑްގައި ކޮންމެ ފޮޓޯއަކާއި އެކީ ކުޑަ ލިޔުންކޮޅެއް ވެސް ހިމަނަ އެވެ.

"ބައްޕަގެ ވަދާއީ ދަތުރު"ގެ 53 ވަނަ ތަސްވީރު--


ކޮންމެ ކުރެހުމަކުންވެސް ކިޔައިދެނީ ތަފާތު ދުވަހެއްގެ ވާހަކަ އެވެ. ސިފަކޮށްދެނީ ތަފާތު އިހުސާސްތަކެވެ. ތްރެޑް ކިޔާލާ ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ފާއްދާލަ އެވެ.

" ޑޮކްޓަރުގެ ވާހަކަތައް ނިކަން ސާދާވެފައި ކުރެވެ. ބައްޕަގެ ހަށިގަނޑުން ފެނުނީ ކެންސަރެވެ. ޕެންކްރިއަޓިކް ކެންސާ ސްޓޭޖް ހަތަރެކެވެ. އެ ލަފްޒުތައް އަހަރެންގެ ހިތަށް ހެރުނު ހަންޖަރެއް ފަދަ އެވެ. ބަސް ހުއްޓި މީހާ ގަނޑުވިފަދަ އެވެ. " ކެންސަރަށް ބައްޕަ ޑައިގްނޯޒްވި ވަގުތު އަންކޮ ސިފަކޮށްދީފައިވެ އެވެ.

ކުރެހުންފަދަ ފަންނުތަކަކީ ހަގީގަތުގައިވެސް ތިމާގެ ހަޔާތުގައި ދިމާވާ މިފަދަ ހިތާމަވެރި އަދި މާޔޫސީ ކަންކަމުން ސިކުނޑި އެއްފަރާތްކޮށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

ޑިޖިޓަލް ދާއިރާގައި އަންކޮގެ މިއީ ފުރަތަމަ ފިޔަވަޅެވެ. އަމިއްލަ ހިތްހަމަޖެހުމަށް ކުރަހަން ފެށި ކުރެހުންތަކުން ފަވާލެވުނު އޭނާގެ އަމިއްލަ "އަކުރެހި" ޕޭޖަކީ މިއަދު ކުޑަ ވިޔަފާރި އެކެވެ. ބައްޕަގެ ވަކިވެދިއުމަށްފަހު މަޑުމަޑުން މީހާ ހަމައަކަށް އެޅި އޭރު މަޑުޖެހުނު ޑިގްރީ ފުރިހަމަކޮށް, ފުޓުބޯޅައިގައި އޭނާގެ ފޯމަށް އަނބުރައި އައިސް ބައްޕަގެ އެންމެ ބޮޑު ހުވަފެން ކަމުގައިވާ ތައުލީމު އުގަންނައިދިނުމުގައި ވެސް ނިކަން ބިޒީކޮށް އޭނާ މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.