Advertisement

ރާޝިދު ސަރުކާރާ އެކީ، ފަތުހީ އާއި ހައްނާން ޖަވާބުދާރީ ކުރުވަން

26 ޖަނަވަރީ 2022 - 00:51 0

އަމަން ހަލީމް

އަމަން ހަލީމް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުން: ޕީޕީއެމް ޓިކެޓުގައި ވާދަކުރާ މޫސާ ފަތުހީ (ކ)، އެމްޑީޕީ ޓިކެޓުގައި ވާދަކުރާ މުހައްމަދު ރާޝިދު (މ)، އެމްއެންޕީ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ހައްނާން (ވ). -- ފޮޓޯ: އަދަދު


ރާޝިދު ސަރުކާރާ އެކީ، ފަތުހީ އާއި ހައްނާން ޖަވާބުދާރީ ކުރުވަން

26 ޖަނަވަރީ 2022 - 00:51 0

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވުމާ ގުޅިގެން އަންނަ މަހު ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުންގެ ބަހުސް ބާއްވައިފި އެވެ.

ވާދަވެރިކަން ބޮޑުވެފައިވާ މި ގޮނޑިއަށް ކެނޑިޑޭޓުން ނެރުނީ ސަރުކާރު ކޯލިޝަނުން އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އާއި މިފަހުން އުފެއްދި އެމްއެންޕީ އިންނެވެ. ތިން ޕާޓީގެ ކެނޑިޑޭޓުން ވެސް ރޭގެ ބަހުސްގައި ބައިވެރި އެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ބަހުސްގެ ފުރަތަމަ ބައިގައި އޮތީ ކެނޑިޑޭޓުން ތައާރަފުވުމާއި ދާއިރާގެ ހާލަތާއި ހޮވިއްޖެ ނަމަ ކުރާނެ ކަންކަން ރައްޔިތުންނަށް ކިޔައިދިނުމެވެ. ދެވަނަ ބައިގައި ސުވާލު ކުރީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި ކޮރަޕްޝަނާއި ނަޒާހާތްތެރިކަމާ ގުޅޭ ސުވާލުތަކެކެވެ. ތިންވަނަ ބައިގައި ފުރުސަތު ދިނީ ފާޑުކިޔާށާއި ފަހުބަހަށެވެ.

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުން

  • އެމްޑީޕީ- މުހައްމަދު ރާޝިދު
  • ޕީޕީއެމް- މޫސާ ފަތުހީ
  • އެމްއެންޕީ- އަބްދުލް ހައްނާން

ރާޝިދު - ސަރުކާރާ ގުޅިގެން ތަރައްގީ ކަށަވަރުކުރަން

އެމްޑީޕީ ޓިކެޓުގައި ވާދަކުރާ މުހައްމަދު ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ތިން ދައުރު އަދާކުރައްވާފައިވާ، މި ދައުރުގެ ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލެވެ.

ރާޝިދު ވިދާޅުވި ގޮތުގައި އޭނާ ހޮވަންވީ ސަރުކާރުން ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަން ފަހިކޮށްދޭށެވެ. އެކަން ކުރަން ސަރުކާރުގެ އެތެރެއިންނާއި ބޭރުން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާޝިދު ވިދާޅުވީ ތަސައްވުރަކީ ސަރުކާރާއި އެމްޑީޕީގެ އެޖެންޑާ 19 ކަމަށެވެ. އަދި މި ސަރުކާރަކީ ވައުދުތައް ފުއްދަމުންދާ ސަރުކާރެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވަމުން ރާޝިދު ވިދާޅުވީ ކުރީ ސަރުކާރުތަކުން އިހުމާލުވީ ދާއިރާއަށް ކަމެއް ކޮށްދޭން މަސައްކަތް ކުރީ މި ސަރުކާރުން އެކަނި ކަމަށެވެ.

ދާއިރާގެ ކުރިއެރުމަށް ކޮށްދޭނެ ކަންކަމާއި ގުޅިގެން ރާޝިދު ވިދާޅުވީ، އިސްކަންދޭނީ ވަޒިފާ ނުލިބޭ މައްސަލަ ހައްލުކުރަން ކަމަށާއި، އެކަން ހައްލުވާނީ ކައިރި ރަށްރަށުގައި ރިސޯޓު އެޅިގެން ކަމަށެވެ. މި ރިސޯޓުތަކާއި ގުޅިގެން ވަޒީފާތައް އުފެދުމާއެކީ، މަސްވެރިކަމާއި ދަނޑުވެރިކަމަށް އިންގިިލާބީ ބަދަލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުުވި އެވެ.

ފަހުބަސް ވިދާޅުވަމުން ރާޝިދު ވައުދުވެވަޑައިގެންނެވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހޯދައިދޭން މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަމުން ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ފަތުހީ - މިނިވަންކަމާ އެކީ ރައްޔިތުންނަށް ވަކާލާތުކުރަން

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު އަދި ކުރިން ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ގާނޫނީ ވަކީލު މޫސާ ފަތުހީ އެވެ.

އޭނާ ހޮވަންވީ ސަބަބު ބަޔާންކުރަމުން ފަތުހީ ވިދާޅުވި ގޮތުގައި ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން "މިނިވަން" ކެނޑިޑޭޓެކެވެ. އެއީ ސަރުކާރުގެ ކެނޑިޑޭޓަކަށް ނުވާނެ ކަމެއް ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާނެ ރައްޔިތުންގެ ވަކީލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ އޭނާގެ މަސައްކަތަށް ވާނީ ގާނޫނޫ އަސާސީގައި ބުނާ ހަމަތަކުގެ ތެރެއިން ރައްޔިތުންނަށްޓަކައި ވަކާލާތުކުރުން ކަމަށެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ، ސިޔާސީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުން މި މަގާމަށް އެންމެ އެކަށީގެންވަނީ އޭނާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަށް އަމާޒުކޮށް ފަތުހީ ވިދާޅުވީ ވޭތުވި 15 އަހަރު ދުވަހު ދާއިރާގެ ގޮނޑި ދީގެން މާ ބޮޑު ކަމެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީއަށް މަޖިލިސް ގޮނޑިއެއް ދީގެން އިތުރަށް ވާނެ ކަމެއް ނެތް ކަމަށާއި ވޯޓު ދޭންވީ ކޮމަންޑޫ ދާއިރާ ގޮނޑިއަކީ ބަޓަނަށް ފިތާ ގޮނޑިއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ކަމަށެވެ.

ފަހު ބަސް ވިދާޅުވަމުން ފަތުހީ އެދިވަޑައިގެންނެވީ ބަހުސްގައި ތިން ބޭފުޅުން ދެއްކެވި ވާހަކަތައް ވަޒަން ކުރެއްވުމަށް ފަހު ވޯޓު ދިނުމަށެވެ. އަދި، އޭނާއަކީ މެމްބަރުކަމަށް އެންމެ އެކަށީގެންވާ ގާބިލު އެކަކު ކަމަށް ވިދާޅުވި އެވެ.

ހައްނާން - ވަޒީފާ އާއި ތައުލީމުން ތަނަވަސްކަން ހޯދަން

އެމްއެންޕީ ޓިކެޓުގައި ވާދަކުރާ އަބްދުލް ހައްނާނަކީ ސިޔާސީ ދާއިރާއަށް މުޅިން އާ މޫނެކެވެ. އޭނާ ކުރިން މަސައްކަތްކުރީ މުޅިން ވެސް ތައުލީމީ ދާއިރާގަ އެވެ. ހައްނާން ވަނީ ށ. އަތޮޅުގެ ގިނަ ރަށްތައް ހިމެނޭ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސްކޫލްތަކުގައި ޕްރިންސިޕަލުކަމާއި ހެޑްމާސްޓަރުކަން ކޮށްފަ އެވެ.

ހައްނާން ވިދާޅުވި ގޮތުގައި އޭނާ އިންތިހާބަށް ކުރިމަތިލީ ދާއިރާ ރައްޔިތުންގެ ހާލަތު ދެނެގަންނަން ހުރިހާ ގެޔަކަށް ޒިޔާރަތްކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ، އޭނާ ހޮވަންވީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމުގެ ދުވެލި ބާރުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވަން ކަަމަށާއި، ސިޔާސީ ތަޖުރިބާ ނެތަސް އެ ގާބިލިއްޔަތު ހުންނާނެ ކަމަށެވެ.

ވަޒީފާ އާއި އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނެތުމަކީ ބޮޑު މައްސަލައަކަށް ވާއިރު، ހައްނާނު ވަނީ ރިސޯޓުތަކާއި އެއާޕޯޓު ހަދަން ސަރުކާރު ޖަވާބުދާރީ ކުރުވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދޭން ވެސް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހައްނާނުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.

ފަހު ބަސް ވިދާޅުވަމުން ހައްނާނު ވިދާޅުވީ އޭނާ މި މަގާމަށް ކުރިމަތިލީ ދާއިރާއަށް ރަނގަޅު ހިދުމަތެއްކޮށްދޭން ރައްޔިތުން އެދިގެން ކަމުން މިހިރީ ނިކުމެފައި ކަމަށާއި، ރައްޔިތުންނާ ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން އޮންނާނީ އަންނަ މަހު 5 ވަނަ ދުވަހު އެވެ.