Advertisement

ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުން، ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފަސްކޮށްފި

22 ސެޕްޓެންބަރު 2024 - 17:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު އަލީ ސައީދު: ފޯކައިދޫގައި އިސްލާމިކް ސެންޓަރެއް ގާއިމު ކުރަން ނިންމީ މިދިޔަ ސަރުކާރުން


ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުން، ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފަސްކޮށްފި

22 ސެޕްޓެންބަރު 2024 - 17:08 0

ށ. ފޯކައިދޫގައި އިމާރާތް ކުރަން މިިދިޔަ ސަރުކާރުން ބަޖެޓު ކުރި އިސްލާމީ މަރުކަޒުގެ މަސައްކަތް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މެދުކަނޑާލައިފި އެވެ.

ފޯކައިދޫ ކައުންސިލުގެ ރައީސްއަށް އެޑްރެސްކޮށް އިސްލާމިކް މިނިސްޓަރީން މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީއެއް ގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓަރީން އެންގި އެންގުމުގެ މަތިން ކަމަށެވެ.

"ތިޔަ ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތަކީ މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފަސްކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއު އެކެވެ، ވީމާ މާލީ ވުޒާރާގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ދެންނެވުނު މަޝްރޫއު ކުރިއަށް ގެންދިޔުން މިހާރު ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ވާހަކަ ދެންނެވީމެވެ،" އިސްލާމިކް މިނިސްޓަރީގެ ސިޓީގައި ބުނެފައިވެ އެވެ.

ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން ނިންމީ މިދިޔަ ސަރުކާރުންނެވެ. އެ މަސައްކަތް ކުރަން މި އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ. ނަމަވެސް އެ ސެންޓަރު އިމާރާތް ކުރުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް މިހައިތަނަށް އަދި ކޮށްފައެއް ނުވެ އެވެ.

"ބަޖެޓު ކޮށްފައި އޮތީ، އެތަނުގެ އެއްވެސް މަސައްކަތެއް ނުފަށާ އަދި، ދެން ހަމަ މިދިޔަ ސަރުކާރުގައި ބަޖެޓު ކޮށްފައި އޮންނާނެ މިރަށުގައި މޫދަށް އެރޭ ސަރަހައްދެއް ވެސް، އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ކަމެއް އެއީ، އެކަމަކު އެކަން ވެސް މިހާރު އޮތީ ހުއްޓާލައިފައި،" ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް، މުހައްމަދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށުގައި އިސްލާމީ މަރުކަޒު އަޅަން މަޝްވަރާ ކުރީ ރަށު ހުކުރު މިސްކިތް ހުރި ތަނުގައި ކަމަށެވެ. ނަމަވެސް އަދި، އެ މަސައްކަތަށް ބޭނުންވާ ބިން ރަސްމީކޮށް ހަމަ ނުޖައްސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ސަރުކާރު ކުންފުނިތަކާއި ވުޒާރާތަކުގެ ހަރަދު ކުޑަ ކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދު ކުރުން ފަދަ އެއްވެސް ފިޔަވަޅެއް އަދި އަޅައިފައެއް ނުވެ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ސަރުކާރުން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވާއިރު، ސިޔާސީ އެކި މަގާމުތަކުގައި 2000 އާ ގާތް ކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށް އެކި މަސްދަރުތަކުން "އަދަދު" އަށް އެނގިފައިވެ އެވެ.