Advertisement

ކޯޗު ޝާޒް އީގަލްސް އިން އިސްތިއުފާ ދޭން ނިންމައިފި

21 ޖަނަވަރީ 2022 - 22:48 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އީގަލްސް އިން އެންމެ ފަހުން ބޭއްވި ޕްރެކްޓިހުގެ ތެރެއިން ޝާޒް: ޝާޒް ވަނީ އީގަލްސްގެ ކޯޗުކަން ދޫކޮށްލާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކޯޗު ޝާޒް އީގަލްސް އިން އިސްތިއުފާ ދޭން ނިންމައިފި

21 ޖަނަވަރީ 2022 - 22:48 0

ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުގައި ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެ ކްލަބުން އިސްތިއުފާ ދޭން ނިންމައިފި އެވެ.

އަހަރެއްހާ ދުވަހު އީގަލްސް އަށް ކޯޗުކޮށްދިން ޝާޒް މަގާމުން އިސްތިއުފާދޭން ނިންމާފައިވާކަން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ޝާޒް ބުނީ އެ ގޮތަށް ނިންމަން ޖެހުނީ އީގަލްސްއާ މެދު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި މި ވަގުތަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ނިންމުންކަމުގައި ގަބޫލުކުރެވޭތީ ކަމަށެވެ.

ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމް (މުފާ) ވެސް ވަނީ ކޯޗު ޝާޒް، ކްލަބްގެ މަގާމުން އިސްތިއުފާދޭން ނިންމާފައިވާކަން "އަދަދު" އަށް ޔަގީންކޮށްދީފަ އެވެ. އެއީ ކޯޗުގެ ނިންމުމެއް ކަމަށާއި އެ އަށް ކްލަބުން އިހުތިރާމްކުރާ ކަމަށް މުފާ ވިދާޅުވި އެވެ.

މި ވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ހަވާލުވެހުރި މުހައްމަދު ޝިޔާޒް (މޯހަން) އީގަލްސްގެ ކޯޗުކަމުން ވަކިވީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. މޯހަން، އީގަލްސް ދޫކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވިއިރު، އެ ވަގުުތު ޓީސީ ސްޕޯޓްސް ކްލަބުން ވަކިވެހުރި، ޝާޒް ވަނީ މިދިޔަ އަހަރު ޖެނުއަރީ 31 ވަނަ ދުވަހު އީގަލްސްގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ސީޒަން މެދުތެެރެއިން އީގަލްސްއާ ހަވާލުވެ ޝާޒް ވަނީ މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ހިމެނޭ ގޮތަށް އީގަލްސް އަށް ޖުމްލަ އަށް މެޗުގައި ކޯޗުކޮށްދީފަ އެވެ. އަދި މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗުގައި ވެސް އީގަލްސް އަށް އިރުޝާދުދިނީ ޝާޒް އެވެ.

ޝާޒްގެ ކޯޗުކަމުގައި ޖުމްލަ 15 މެޗު އީގަލްސް ކުޅުނެވެ. ހަ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވީ އެއްވަރެވެ. އަދި ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސްގެ ފެށުން އެންމެ ރަނގަޅެއް ނޫނެވެ. ފުރަތަމަ ތިން މެޗުން ޓީސީ، މާޒިޔާ އަދި ސަސް އަތުން ބަލިވީ އެވެ. އެކަމަކު، ދެން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ގްރީން ސްޓްރީޓްސް އަތުންނެވެ. މެޗަކުން ބަލިނުވެ، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދަތުރުކުރި ވެލެންސިއާއާ ދެކޮޅަށް އީގަލްސް ވަނީ އެއްވަރުކޮށްފަ އެވެ. އީގަލްސް ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރު ނިންމާލީ ފަސް ވަނައިގަ އެވެ.

ޝާޒް، އީގަލްސްގެ ކޯޗުކަން ދޫކޮށްލިިއިރު، މި ވަގުތު ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ މަގާމު ހުސްކޮށް އޮތީ ކްލަބް ވެލެންސިއާގެ އެވެ.

ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ ގޮތުގައި ޝާޒް ވަނީ އީގަލްސްގެ އިތުރުން މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ޓީސީ އަށް ވެސް އިރުޝާދުދީފަ އެވެ.