Advertisement

ބަންގްލަދޭޝް ބަލިކުރެވޭނެ ފެންވަރު ރާއްޖޭގެ ވޮލީ ޓީމުގެ އެބަހުރި: ކާއްޓޭ

21 ޖަނަވަރީ 2022 - 13:25 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މުޙައްމަދު ސާޖިދު:- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ބަންގްލަދޭޝް ބަލިކުރެވޭނެ ފެންވަރު ރާއްޖޭގެ ވޮލީ ޓީމުގެ އެބަހުރި: ކާއްޓޭ

21 ޖަނަވަރީ 2022 - 13:25 1

ބަންގްލަދޭޝްގެ ވޮލީބޯޅަ ޓީމަކީ ސަރަހައްދީ ލެވެލްގައި ވަރުގަދަ ޓީމެއް ކަމުގައި ވިިޔަސް އެ ޓީމު އަތުން ރާއްޖެ އަށް މޮޅުވެވޭނެ ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗުކަމާ މި މެޗުތަކަށް ހަވާލުވެހުރި ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ބަންގްލަދޭޝްގެ ވޮލީބޯޅަ ޓީމާ ދެކޮޅަށް އަންނަ މަހުގެ 6-12 އަށް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފަ އެވެ.

މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، މިފަހަރު ޓީމުން އާ ކުޅުންތެރިން ތަކަކަށް ކޯޗު ސާޖިދު ވަނީ ފުރުސަތުދީފަ އެވެ.

ޕްރެކްޓިސް އަލުން ފެށުމަށް ފަހު ކާއްޓޭ "އަދަދު" އިން ކުރި ސުވާލަކަށް ބުނީ ސެންޓްރަލް ޒޯން ކޮންމެ މުބާރާތެއްގައި ވެސް ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅޭ ކޮންމެ މެޗަކީ ވެސް ވަރަށް ވާދަވެރި މެޗުތަކެއްކަމަށާއި އެ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް މި މެޗު ރާއްޖޭގެ ޓީމުން ކުޅުނީ އުނދަގޫ ހާލަތެއްގަ އެވެ. މިގޮތުން ބަންގްލަދޭޝް އަށް ގޮސް އެއްވެސް ވަރަކަށް ރެސްޓް ނުކުރެވި ކުޅުންތެރިން ކުޅުނުއިރު، ކޮވިޑް-19 އަށް ޓީމްގެ ލިބަރޯ މުހައްމަދު ނައީމް (ނައިންޓެ) ޕޮޒިޓިވްވެފަވާތީ މެޗު ކުޅުނީ ލިބަރޯއެއް ނުލަ އެވެ. މުބާރާތުގެ ފަހު މެޗުތަކުގައި ޓީމުގެ ލިބަރޯ އަކަށް ކުޅުނު ޖަވާމް އަލީ އަށް މުބާރާތަށް ދެވުނީ ބަންގްލަދޭޝް މެޗަށް ފަހު އެވެ.

ކާއްޓޭ ބުނީ އަންނަ މަހުގެ އެކުވެރިކަމުގެ މެޗުތަކަށް ނުކުންނައިރު ހާލަތު ތަފާތުވާނެ ކަމަށެވެ. ރާއްޖޭގެ ފުލް ޓީމާ އެކު މި ފަހަރު މެޗަށް ތައްޔާރުވާން ވަގުތު ވެސް ލިބޭނެ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ. އަދި ބަންގްލަދޭޝް ކަހަލަ ވަރުގަދަ ޓީމެއް އަމިއްލަ ގައުމުގައި ބަލިކުރެވޭނެ ކަމުގެ އުއްމީދު ވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"އަސްލު ސެންޓްރަލް ޒޯންގެ ހާލަތާ މިހާރުގެ ހާލަތާ ތަފާތު ސަބަބަކީ މިފަހަރު އަހަރުމެންގެ ފުލް ޓީމް އޮންނާނެ، އަނެއް ކޮޅުން އަމިއްލަ ގައުމުގައި މި ކުޅެނީ. އެހެންވީމަ އިތުރު ހިތްވަރެއް ލިބޭނެ ކުޅުންތެރިންނަށް ވެސް"

ބަންގްލަދޭޝްގެ ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅޭ މެޗުތަކަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިދިޔަ މަހު ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނާ މަޝްވަރާކޮށްގެން ހަމަޖައްސައިދިން މެޗުތަކެކެވެ.

މިދިޔަ އަހަރު މިނިސްޓަރ މަހުލޫފްގެ އެހީތެރިކަމާ އެކު ސްރީ ލަންކާގް ގައުމީ ޓީމު ވެސް ވަނީ މާލެ އައިސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. އަދި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްގެ ޓީމު ވެސް ވަނީ މާލެ އައިސް މެޗުތަކެއް ކުޅެފަ އެވެ. މި މެޗުތަކުގެ ތެރެއިން ލަންކާއާ ވާދަކުރި ތިން މެޗުން ރާއްޖޭގެ ޓީމް ބަލިވިއިރު، ހައިދަރުއާބާދު ޓީމު އަތުން ރާއްޖެ ވަނީ ތިން މެޗުން ވެސް މޮޅުވެ އެވެ. މި މެޗުތަކުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ވެސް މިހާރު ޓީމާ ހަވާލުވެހުރި ކޯޗު ކާއްޓޭ އެވެ.

ގައުމީ ޓީމާ ކާއްޓޭ ތިން ވަނަ ފަހަރަށް ހަވާލުވީ މިދިޔަ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ފަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ކޯޗިން ސްޓާފުންގެ މަސައްކަތް އެ ހިސާބުން ނިމުނީ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން، އެފްވައިބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ގެންނަ ބިދޭސީ ކޯޗު އަވަހަށް ޓީމާ ގުޅޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު، އާ ކޯޗެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް އެއްކޮށް ނުނިމޭތީ ބަންގްލަދޭޝް މެޗުތަކަށް ޓީމު ތައްޔާރުކޮށް، އިރުޝާދުދޭނީ ކާއްޓޭ ކަމަށް ވީއޭއެމް އިން ނިންމީ އެެވެ.