Advertisement

ހަތަރު ވަނަ ޑޯޒުން ވެސް އޮމިކްރޯންއާ ދެކޮޅަށް ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭ: ދިރާސާ

18 ޖަނަވަރީ 2022 - 14:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފައިޒާގެ ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަނީ. -- ފޮޓޯ: ބެންކޮކް ޕޯސްޓް


ހަތަރު ވަނަ ޑޯޒުން ވެސް އޮމިކްރޯންއާ ދެކޮޅަށް ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭ: ދިރާސާ

18 ޖަނަވަރީ 2022 - 14:38 0

ގުދުސް (ޖެނުއަރީ 18) - ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހައިގެން ވެސް އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭ ކަމަށް އިޒްރޭލުގައި ހެދި ދިރާސާއިން ދައްކައިފި އެވެ.

ތެލް އަވީވްގައި ހުންނަ ޝެބާ މެޑިކަލް ސެންޓަރުގެ ޓީމަކުން ހަތަރު ވަނަ ޑޯޒެއް ޖަހައިގެން ތަހުލީލެއް ފެށީ ޑިސެމްބަރު މަހު އެވެ. އެ ހޮސްޕިޓަލުގެ 154 މުވައްޒަފުންނަށް ފައިޒާގެ ހަތަރު ވަނަ ޑޯޒް އަދި 120 މުވައްޒަފުންނަށް މޮޑާނާގެ ހަތަރު ވަނަ ޑޯޒް ދިނެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖެހުން ރައްކާތެރި އެވެ. އަދި ހަށިގަނޑުގައި އެކަށޭނަ މިންވަރަކަށް އެންޓިބޮޑީޒް އުފެދެ އެވެ. ނަމަވެސް ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އެންޓިބޮޑީޒް އިން ލިބެނީ "އެއްބައި" ރައްކާތެރިކަމެވެ.

ދިރާސާގައި އިސްކޮށް އުޅޭ ޕްރޮފެސަރު ގިލި ރެގެވް ޔޮޗޭ ވިދާޅުވީ ހަތަރު ވަނަ ޑޯޒުން އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް ފުރިހަމަ ރައްކާތެރިކަމެއް ނުލިބުނު ނަމަވެސް، އޮމިކްރޯންގެ ކުރިން ފާހަގަވި ހުރިހާ ވޭރިއެންޓަކާ ދެކޮޅަށް ވެސް "ވަރަށް ބޮޑަށް އިފެކްޓިވް" ކަމަށެވެ.

ކޮވިޑް ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަކީ އިޒްރޭލެވެ. މިދިޔަ ޖުލައި މަހު އާއްމުންނަށް ބޫސްޓާ ޑޯޒް ދޭން ފެށި އިރު، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށް ހަތަރު ވަނަ ޑޯޒެއް ދޭން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.

އިޒްރޭލުގެ 537،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހަތަރު ވަނަ ޑޯޒް ޖަހާފައި ވެ އެވެ. އާބާދީގެ 80 ޕަސެންޓް ދެ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، 50 ޕަސެންޓް ވަނީ ތިން ވަނަ ޑޯޒް ޖަހާފަ އެވެ.