17 ޖަނަވަރީ 2022 - 11:47 0
ފާތިމަތު އަޖްފާން
ބ. ފެހެންދޫ ދަރުވަރުންގެ ސެޓެލައިޓް ސްކޫލް ހުޅުވުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން --
17 ޖަނަވަރީ 2022 - 11:47 0
ބ. ފެހެންދު އާއި ވ. ރަކީދު އާއި ތިނަދޫގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އާވީ, މިދިޔަ ދިރާސީ އަހަރާ އެކު ހަމަޖެހިގެން ރަށުގައި ކިޔެވޭނެ ކަމުގެ އުއްމީދެކެވެ. ތައުލީމަށް ކުރާ 15 އަހަރުވީ ބުރަ ދަތުރަށް ނިމުން އައީ ކަމުގެ ހިތްހަމަޖެހުމެވެ.
އެއީ ސެޓްލައިޓް ސްކޫލް މަޝްރޫއާއެކުގަ އެވެ. އެކަމަކު ކިޔެވުން ފަށަން ނިންމިއިރު އެކަން ހަގީގަތަކަށް ނުވެ އަނެއްކާވެސް ތައުލީމަށް އެ ނޫން ގޮތެއް ނެތި ދަތުރު ފެށީ އެވެ. ނަމަވެސް އިއްޔެ ފެށުނު އާ ޓާމުގައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމާއެކު އެ ދިގު އިންތިޒާރަށް ނިމުން އައިސްފައިވާކަން ޔަގީންވި އެވެ.
ގާތްގަނޑަކަށް 300 މީހުން ދިރިއުޅޭ ފެހެންދޫގެ އާބާދީ މަދުވުމުން 2008 ވަނަ އަހަރު އެރަށު ސްކޫލު ބަންދު ކުރި އެވެ. ސްކޫލަށް ދާން ހުރަސް ކުރަން ޖެހެނީ ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށެވެ.
ފުރަތަމަ ދަތުރު ކުރަމުން ދިޔައީ ކުޑަ ޑިންގީއެއްގަ އެވެ. ގާތްގަނޑަކަށް ހަތް މިނެޓު ދަތުރަށް ނެގި ނަމަވެސް ތުއްތު ކުދިންތަކަކަށް ކޮންމެ ދުވަހަކު ފަޅެއް ހުރަސްކޮށް ދަތުރު ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު އެ ކުދިން ކިޔެވުމަށް ކުރާ ދަތުރަށްވެސް ބަދަލު އާދެ އެވެ. ވާރޭ ވެހި ކަނޑު ގަދަ ދުވަސްތަކުގައި ސްކޫލަށް ދާން ޖެހެނީ ބިޔަ ރާޅުތަކުތެރޭ ތެމި ފޯވެގެންނެވެ.
ސްކޫލަށް ދިއުމަށް އަމިއްލަ ފަރާތަކުން ހަދިޔާކުރި ޑިންގީގައި 13 އަހަރު ކުރި ދަތުރުތަކަށް ނިމުމެއް އައީ މިދިޔަ 2020 ވަނަ އަހަރެވެ. އެއީ އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ލޯންޗު ފެރީގެ ހިދުމަތާއެކު އެވެ. ޑިންގީގައި ކުރަން ޖެހުނު ހަތް ވަރަކަށް މިނެޓުގެ އެ ދަތުރު ތިން މިނެޓު ތެރޭގައި ކުރެވެން ފެށި އެވެ. ކުރިން ޑިންގީގައި ދެ ރަށް ދޭ ތެރޭގައި ކުދިން ގޮވައިގެން ތިން ބުރު ޖަހަން ޖެހުނު ނަމަވެސް ހުރިހާ ކުދިން އެއް ދަތުރެއްގައި ގެންދެވެން ފެށުނެވެ.
ފެހެންދޫ ދަރިވަރުން ސްކޫލަށް ދާން ހަދިޔާކުރާ ފެރީގައި އެރަށު ދަރިވަރުން ގޮއިދޫއަށް ދަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އާބާދީގައި ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ ތިނަދޫގެ ހާލަކީ ވެސް މިއީ އެވެ. އެ ރަށުގައި އެންމެ ފަހުން ކިޔަވައިދީފައި ވަނީ މީގެ 15 އަހަރު ކުރިން 2006ގަ އެވެ. އެންމެ ތިން ކުދިންނާއެކު ކިޔެވުން ކުރިއަށް ނުގެންދެވިގެންނެވެ. ކަން މިހެން އޮތްއިރު އެއްވެސް އަސާސީ ހިދުމަތެއް ލިބޭނެ ފަދަ ވެސް އެ ރަށުގައި އޭރު ނެތުމުން އެހެން ރަށްރަށަށް މީހުން ހިޖުރަކުރީ އެވެ.
ދެން އޮތީވެސް ހަމަ އެ އަތޮޅުގެ ރަށެކެވެ. ރަކީދޫ އެވެ. އާބާދީގައި 100އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ވެސް އެންމެ ފަހުން ކިޔަވައިދީފައި ވަނީ 2008ވަނަ އަހަރު އެވެ. އެ ރަށުގައި ވެސް ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނު ސަބަބަކީ އާބާދީ މަދުވުން ލިބެން ޖެހޭ އަސާސީ ބޭނުންތައް ނުލިބި އެހެން ރައްތަކަށް މީހުން ހިޖުރަ ކުރުމުންނެވެ.
އެ ރަށުން އެހެން ރައްތަކަށް ތައުލީމަށް ހިޖުރަކުރި މީހުން ދިރިއުޅެމުން ދިޔައީ ކައިރި ރަށްރަށުގަ އާއި މާލޭގައި ކުއްޔަށެވެ. ކޮވިޑާ ގުޅިގެން އާމްދަނީ ލިބުން ދަތިވެ ރަށަށް ބަދަލުވާން މަޖުބޫރުވީ އެވެ. އެއާއެކު އަނެއްކާވެސް ރަށުގައި ސްކޫލު ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.
އެކަމަށް މިއަދު ނިމުމެއް އައިސް ސެޓްލައިޓް ސްކޫލުގައި ކިޔަވައިދޭން ފެށި އެވެ. މިއަދު ފަށާފައިވާ ދެ ސްކޫލުގައި ކިޔަވައިދެމުން ދަނީ ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށެވެ. އެއީ ގްރޭޑް އެކަކުން ރަށަކަށެވެ. ފެހެންދޫ ސްކޫލްގެ އޭގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ދެން ވެސް ދާނީ ގޮއިދޫއަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކީ ސްޓޭޖް އެކަކުން ފެށި ނަމަވެސް ކުރިއަށް އޮތްތާ 9 އަދި 10ގެ ދަރިވަރުންނަށްވެސް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ވ.ތިނަދޫގެ މަގެއް-- ފޮޓޯ: އެމްވީސްޕޭސް
"ރަށުން ކިޔަވަދޭން ފަށަތީ ވަރަށް ހިތްހަމަ ޖެހޭ. މާލެ ގޮސް މި އުޅުނީ ކުލި ދައްކައިގެން. ފައިނޭންޝިއަލީ އެހާ ސްޓޭބަލް އެއް ނޫން މި ދުވަސްކޮޅު އެކަމަށް. ރަށަށް ބަދަލުވީމަ އެ ހަރަދުތައް މަދުވެއްޖެ," ތިނަދޫން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.
އެހެން ބެލެނިވެރިއަކު ބުނި މިިއީ ދެކެމުން އައި ހުވަފެން ހަގީގަތަށްވީ ދުވަހެއް ކަމަށެވެ. އެއީ އުފަން ފަސްގަނޑުގައި ތިބެ ދަރިންނަށް ކިޔަވައިދެެވޭނެ ގޮތެއްވީތީ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވީ ސްކޫލް މީގެ ކުރިން އެ ރަށުގައި ސިއްހީ ހިދުމަތް ވެސް ނުލިބޭ ކަމަށާއި މިހާރު ނަމަވެސް, މި ސަރުކާރާއެކު އެ ހިދުމަތް ލިބި ރަށުގައި ވަޒީފާގެ ފުރުސަތު ވެސް ގިނަވެފައިވާ ކަމަށެވެ. އިތުރުން އޭނާ ވިދާޅުވީ މީގެ ކުރިން އެ ރަށުން އަސާސީ ހިދުމަތްތައް ވެސް ނުލިބޭ ކަމަށާއި ނަމަވެސް މިހާރު ދިރިއުޅެވޭނެ މަގު ފަހިވެފައިވާނެ ކަމަށެވެ.
ފެހެންދޫ އާއި ތިނަދޫ ސްކޫލުގެ ކިޔެވުން ފެށުނު ނަމަވެސް ވ. އަތޮޅު ރަކީދޫ ސްކޫލުގެ ކިޔެވުމެއް ނުފަށަ އެވެ. އާ ޓާމަށް ހުޅުވަން ނިންމި ނަމަވެސް ފަސްކުރަން ޖެހުނީ އެވެ. އިމާރާތް ކުރުމާއި ސްކޫލުތައް އަޕްގްރޭޑް ކުރަން، ކުރަން ޖެހޭ މަސައްކަތްތައް ނުނިމޭތީ އެވެ.
އާ ޓާމާއެކު ސްކޫލުތައް ނުފަށާތީ އެކަމާ މިނިސްޓްރީއާ ކައުންސިލުން ވަނީ މަޝްވަރާ ކޮށްފަ އެވެ. ނުފެށިއްޖެނަމަ އެ ސްކޫލުތަކުން ކިޔަވަން މިހާރު ތިބި ކުދިންވެސް އެހެން ސްކޫލުތަކަށް ވަނުމަށްފަހު އަހަރު މެދުތެރޭން ނާންނާނެ ކަމަށާއި އޭރަށް ސްކޫލުތައް ވެސް ބޭނުން ނުކޮށް ބަހައްޓަން ޖެހިދާނެތީ ރަށުގައި ކިޔަވައިދޭނެ އެހެން ގޮތެއް އިންތިޒާމު ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ރަށުގައި ކިޔެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެ ރަށުގައި ކިޔަވަން މިވަގުތު ތިބީ ތިން ކުދިން ނަމަވެސް ރަޝީދު ވިދާޅުވީ ކިޔަވައިދޭން ފެށުމުން ކުދިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ސްކޫލުގެ މަސައްކަތް ކުރިއަށްދޭ. އެކަމަކު އަދި ނިމެން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެނީ. ނަމަވެސް އޭގެ ކުރިން ރަށުގައި ކިޔަވައިދޭނެ ގޮތެއް މިނިސްޓްރީއާ ގުޅިގެން އެބަ ބަލަން،" ރަޝީދު ވިދާޅުވި އެވެ.
ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ތިބޭނެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.
މި ތިން ސްކޫލްގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.
ތިނަދޫ ސްކޫލުގެ ކްލާސްރޫމެއް-- ފޮޓޯ: ތިނަދޫ ކައުންސިލް
ތައުލީމު ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކުރާ އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެ މަތިން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ.
އެ ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭނެ އެވެ.
ރަށެއްގެ ދަރިވަރުން ސްކޫލަށް ދަނީ-- ފޮޓޯ: އަދަދު
އެގޮތުން, އޭޝިއާ ސަރަހައްދުގައި ހިލޭ ޕްރީސްކޫލު ތައުލީމު ކަށަވަރު ކުރި ހަމަ އެކަނި ގައުމަކީވެސް ރާއްޖެ އެވެ. 2016 ވަނަ އަހަރު އިފްތިތާހު ކުރެވިގެން ދިޔައީ އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ޕްރީ ސްކޫލްގެ ތައުލީމު ކޮންމެ ރަށަކުން ވެސް ހިލޭ ލިބޭނެ އިންތިޒާމެވެ.
ސެޓަލައިޓް ސްކޫލަކީ އޮންލައިންކޮށް ކިޔެވުމޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް މިއީ ކޮވިޑާ އެކު ކުރި ލޮކްޑައުންގައި މިދިޔަ ދޮޅު އަހަރު ދުވަހު ކިޔެވި ކިޔެވުމެއް ނޫނެވެ. ސަބަބަކީ ސެޓްލައިޓް ސްކޫލުގައި ޓީޗަރަކު މޮނިޓާ ކުރުމަށް ހުރުމާއި އެއީ ސްކޫލުގައި ނަގައިދޭ ކްލާސްތަކަކަށްވުމެވެ.
ސެޓަލައިޓް ސްކޫލުތައް އޮންލައިން ކްލާސްތަކާ ތަފާތުވާ މައިގަނޑު އަނެއް ސަބަބަކީ އޭގައި ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމް ތަކާއި އެންމެ ފަހުގެ ތައުލީމީ ކަންކަން ވެސް އޭގައި ހިމެނިގެންދާނެތީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "އަދަދު" އަށް ދެއްވި އީންޓަވިއުއެއްގައި ވިދާޅުވީ ސެޓްލައިޓް ސްކޫލުގެ އެއް ބޭނުމަކީ އާބާދީ މަދު ރަށްރަށުގައި ވެސް ރަނގަޅު ތައުލީމަކާއެކު ކިޔަވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މީގެ މައިގަނޑު އަނެއް ސަބަބަކީ ކޮވިޑާއެކު އަދާކުރަން ޖެހިފައިވާ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސަށް ވެސް ރަނގަޅު ބަދަލަކަށް ވާނެ ކަމަށް ޑރ. އަބްދުﷲ ވިދާޅުވި އެވެ.
އޭގެ ސަބަބަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތައުލީމު ހާސިލު ކުރަމުންދަނީ ޓެކްނޮލަޖީއާއެކު އާ ގޮތްތައް ބޭނުން ކޮށްގެން ކަމަށްވުމެވެ. އަދި މިފަދަ ސްކޫލުތަކަކީ މަދު ކުދިންނާއެކު ޓީޗަރަށް ކިޔަވައިދޭނެ ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ތިއްބަވަނީ ސެންޓްރަލް ސްކޫލުގަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ސްކޫލަކީ ހުޅުމާލޭ ހުރަވީ ސްކޫލެވެ. އެ ޓީޗަރުންނަކީ އެ ސްކޫލުގެ ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ހާއްސަކޮށް އެކަމަށް ކަނޑައަޅާފައިވާ ޓީޗަރުންނެވެ.
ސެންޓްރަލް ސްކޫލުގަ ހުންނަ ޓީޗަރު ކުއްޖާއަށް ކިޔަވައިދޭއިރު ސެޓްލައިޓް ސްކޫލުގައި ދަރުވަރުން ކިޔަވަމުން ދާއިރު ކުއްޖާއަށް ކްލާސްރޫމް ތެރެއިން ކުދިންނަށް ބޭނުންވާ ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީޗަރެއް ހަމަޖައްސާފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި ދޭނެ އެވެ. ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ދަރިވަރުންނަށް ދޭނީ އެހެން ސްކޫލްތަކާ ވެސް ގުޅިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ސެޓްލައިޓް ސްކޫލެއްގެ ޕޭރެންޓް ސްކޫލެއް ވެސް ހުންނާނެ ކަމަށެވެ. އެއީ އެ ސްކޫލުގަ ކިޔަވައިދިނުމުގެ އިތުރުން ދެން ހުންނަ އިތުރު ހަރަކާތްތަކާއި ސްކޫލުގެ އެޑްމިނިސްޓްރޭޝަން ފަދަ ކަންކަން ބެލެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސެޓްލައިޓް ސްކޫލާ ގުޅޭ ގޮތުން ޔުނިވާސިޓީ އޮފް ލަންޑަނުން ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި މިފަދަ ސްކޫލުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް (ހާއްސަކޮށް އޯޓިސްޓިކް ކުދިންނަށް) ވެސް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް ހުޅުވިގެންދާ މަގެކެވެ.
މީގެއިތުރުން 2017 ވަނަ އަހަރު ސެޓްލައިޓްޕްރޯއިން ކޮށްފައިވާ ދިރާސައެއްގައި ބިޒްނަޒް ޑިވެލޮޕްމެންޓް އެންޑް ސްޓްރެޓެޖީ އެޓް އިއުޓެލްސެޓް މީނާގެ ނައިބް ރައީސް، ޣައްސާން މުރަތް ވިދާޅުވެފައިވަނީ ބައެއް ގައުމުތަކުން މިފަދަ ކަންކަން ކުރަން އިސްނުނަގާ ކަމަށެވެ.
"ސެޓްލައިޓް ސްކޫލުތައް އުފެއްދުމަށް އޮތް އަނެއް ގޮންޖެހުމަކީ ފަގީރު ގައުމުތަކުގެ ސްކޫލުތަކުން ޓެކްނޮލަޖީގެ ކަންކަމަށް ހޭލުންތެރި ނުވުމާއި ޓެކްނޮލަޖީއަށް ހޭލުންތެރިނުވުން." އެ ދިރާސާގައިވެ އެވެ.
މި ތައުލީމުގެ ސަބަބުން އެންމެ ދަށް އެންމެ މަތީ ފަންތީގެ ސްކޫލުތަކުން ފެށިގެން އެންމެ ދަށް ފަންތީގެ ސްކޫލުތަކަށް ވެސް ތައުލީމު ފޯރުކޮށްދެވޭނެ. އެއާއެކު ތައުލީމީ ހަމަހަމަކަން ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ," އެ ދިރާސާގައި ގަވަމެންޓް އެންޑް ޑިފެންސް އެޓް ނިއުޓެކްނިކްގެ މާކެޓް ޑިރެކްޓަރު، ކޮއެން ވިލިއަމްސް ވިދާޅުވެފައިވެ އެވެ.
ބޭރު ގައުމުތަކުގެ ދިރާސާކުރާ ފާރާތްތަކުން ގަބޫލު ކުރާ ގޮތުގައި ސެޓްލައިޓް ސްކޫލުތަކަކީ ކޮވިޑު ފަދަ ޕެންޑެމިކްއެއް ކުރިމަތިވި ނަމަވެސް, ކިޔެވުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަށް އެޅޭ ފިޔަވަޅަކަށް ވާނެ އެވެ. އަދި މިއީ ތަރައްގީ ވެފައިވާ ގައުމުތަކަށް ހިޖުރަ ކޮށްގެން ކިޔެވުމުގެ ބަދަލުގައި އެ ހުރި ތަނެއްގައި ހުރެގެން ކިޔެވުމަށް ވެސް ލިބޭ ފުރުސަތެކެވެ.
ސެޓްލައިޓް ސްކޫލުތަކާ އެކު ޓެކްނޮލޮޖީއާއެކު އާ ޒަމާނެއް ފެށިފައި ވާއިރު، މިއީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ރަނުގެ ފުރުސަތަކަަށް ވާނެކަން ޔަގީނެވެ.
Comment