4 ޖަނަވަރީ 2022 - 15:37 0
ފާތިމަތު އަޖްފާން
ލަންދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ: އިގްތިސާދީ ދަތިތަކާއެކުވެސް މަސައްކަތްކުރީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް
4 ޖަނަވަރީ 2022 - 15:37 0
މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ހަވާލުވެފައިވާ މަސައްކަތްތައް ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދެ ދުވަހަށް ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ލަންދޫގެ ބަނދަރު ހުޅުވުމަށް ވަޑައިގެން ރައީސް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތަކުގައި ދަތިތަކާއި އުނދަގޫތައް ހުންނާނެ ކަމަށެވެ. އެ ކަންތައްތަކާ ކުރިމަތިލައިގެން ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، އުންމީދަކީ މި ދައުރުގެ ފަސް އަހަރު ނިމިގެން ދާއިރު މި ސަރުކާރުން ހަވާލުވެފައިވާ ހުރިހާ މަސައްކަތެއްކޮށް ނިންމުން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ ބަނދަރުތަކުގެ މަޝްރޫތަކަށް އަލި އަޅުވާލައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް އައި އިރު މި ސަރުކާރުން 25 ތަނެއް ވަނީ ބަނދަރާއި ޖެޓީގެ ގޮތުގައި ތަރައްގީކޮށް ނިންމާފައި ކަމަށެވެ. އޭގެ އިތުރުން 39 ރަށެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު 13 ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށެވެ.
ޓެންޑަރިން މަރުހަލާގައި 29 ރަށެއްގެ ބަނދަރު ހިމެނޭ ކަމަށާއި 22 ރަށެެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާ 128 ބަނދަރުގެ މަސައްކަތެވެ.
އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ނ. އަތޮޅުން މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ.
އެ ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ނ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން ވެސް ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ.
Comment