Advertisement

120 އަކަފޫޓަށް ވުރެ ކުދި ކޮޓަރި، ހޯމް ސްޓޭއަށް ބޭނުމެއް ނުކުރެވޭނެ!

31 ޑިސެންބަރު 2021 - 11:31 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރަށެއްގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު


120 އަކަފޫޓަށް ވުރެ ކުދި ކޮޓަރި، ހޯމް ސްޓޭއަށް ބޭނުމެއް ނުކުރެވޭނެ!

31 ޑިސެންބަރު 2021 - 11:31 0

ބޮޑުމިނުގައި މަދުވެގެން 120 އަކަފޫޓް ނުހުންނަ ކޮޓަރިތައް ވިޔަފާރިއަށް ބޭނުން ނުކުރެވޭ ގޮތަށް "ހޯމް ސްޓޭ" ގެސްޓް ހައުސް ގަވައިދު ހަދައި ގެޒެޓްކޮށްފި އެވެ.

ރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމުގެ ގަވައިދަށް އިއްޔެ ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން ހޯމް ސްޓޭ އަށް ދޫކުރާ ކޮޓަރިތަކުގެ ބޮޑުމިނުގައި ފާހާނާއެކު މަދުވެގެން 120 އަކަފޫޓް ( 12 ފޫޓް، 10 ފޫޓް) ހުންނަން ޖެހެ އެވެ. ކޮޓަރީގައި ފުރިހަމަކޮށްފައި ހުންނަން ޖެހޭ އެހެން ގިނަ ޝަރުތުތަކެއް ވެސް އެ ގަވައިދުގައިގައި އެބަ ހުއްޓެވެ.

ހޯމް ސްޓޭއަށް ދޫކުރާ ކޮޓަރިތަކުގައި ހުންނަން ޖެހޭ މުހިއްމު ޝަރުތުތައް

  • ބޮޑުމިން: ފާހާނާ ހިމެނޭ ގޮތުން މަދުވެގެން 120 އަކަފޫޓް
  • ބޭރުން ނުހުޅުވޭ ގޮތަށް ތަންޑު އެޅުވޭ، ގޮތަށް ހުރުމާއެކު ދޮރުގައި އެތެރެއިން ބޭރު ބެލޭނެހެން ޕީޕްހޯލެއް ހުރުން.
  • ވައި ދައުރުވެ، ގުދުރަތީ އަލިކަން ލިބޭ ގޮތަށް ކުޑަދޮރެއް ހުރުން.
  • ޑަބަލް ބެޑް ހުރުން، ބޭނުން ނަމަ އިތުރު އެނދެއް ބެހެއްޓިދާނެ.
  • އެޓޭޗް ފާހާނާ ހުރުން، ފެންވަރާ ބައި ވަކިން.

ހޯމް ސްޓޭ ހިންގާ ރަށުގައި ހުންނަން ޖެހޭ ބައެއް ވަސީލަތްތައް

ހޯމް ސްޓޭ ޓޫރިޒަމް ހިންގާ ރަށްރަށުގައި އެކަމަށް ހާއްސަ ޓޫރިޒަމް ޑެސްކެެއް ހުންނަން ޖެހޭނެ އެވެ. އެ ޑެސްކުން އަދާކުރާނެ ދައުރަކީ ޖުމްލަ ގޮތެއްގައި ހޯމް ސްޓޭ ކޮޓަރިތަކުގައި ތިބޭ ޓޫރިސްޓުންނާ ގުޅޭ އެންމެހާ ކަންތައްތައް ކޯޑިނޭޓްކުރުމާއި ދޭން ޖެހޭ މައުލޫމާތު ދިނުމެވެ.

ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ޑެސްކްގެ ފަރާތުން ގާއިމްކުރާ އިންފޮމޭޝަން ޑެސްކެެއް، ރަށަށް އަންނަ މީހުންނަށް ފަސޭހައިން ފެންނާނެ ތަނެއްގައި ހުންނަން ޖެހޭނެ އެވެ. އެއީ ރަށުގައި ޓޫރިސްޓުން ތިބޭ އިރު 24 ގަޑި އިރު ވެސް ހިދުމަތް ލިބޭ ތަނަކަށް ވެސް ވާން ޖެހެ އެވެ. އެކަމަކު ވާޗުއަލްކޮށް ހިދުމަތްދޭ ވަގުތެއް ވެސް ކަނޑައެޅޭނެ އެވެ.

އިންފޮމޭޝަން ޑެސްކުން ޓޫރިސްޓުންނަށް ދޭން ޖެހޭ މައުލޫމާތުގެ ތެރޭގައި ރަށުގައި ހުރި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ލޯންޑްރީއާއި ޑައިިވިން، ވޯޓަ ސްޕޯޓްސް އަދި ސައިޓް ސީން ފަދަ ހިދުމަތްތައް ލިބެން ހުންނަ ތަންތަނުގެ މައުލޫމާތު ހިމެނެ އެވެ. ކައުންސިލާއި ފުލުހުންގެ ހިދުމަތް ފަދަ އިދާރީ ހިދުމަތްތަކުގެ މައުލޫމާތު ވެސް އެ ޑެސްކުން ޓޫރިސްޓުންނަށް ދޭން ގަވައިދު ލާޒިމްކުރެ އެވެ.

ހޯމް ސްޓޭ ޓޫރިޒަމްގައި މި ގަވައިދުގެ އިތުރުން ގެސްޓްހައުސް ހިންގުމުގެ ގަވައިދާއި ޓޫރިޒަމް ގާނޫނާއި ރާއްޖޭގެ އެހެން ގާނޫނުތަކަށް ޖުމްލަގޮތެއްގައި އަމަލުކުރަން ޖެހޭނެ އެވެ. ޓެކްސް ދެއްކުން ފަދަ ކަންތައްތައް އެކަމާ ބެހޭ ގާނޫމުތަކާ އެއްގޮތަށް ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ޓޫރިޒަމް ދާއިރާގެ އެހެން ވިޔަފާރިތަކާ ހިލާފަށް ހޯމް ސްޓޭގައި ބޭރުގެ ފަރާތްތައް ސީދާ ގޮތެއްގައި ބައިވެރިއެއް ނުކުރޭނެ އެވެ. އެކަމަކު ބޭރުގެ ބްރޭންޑެއް، ފްރެންޗައިޒެއްގެ ގޮތުގައި ގެނައުމަށް އެ ގަވައިދު ހުރަހެއް ނާޅަ އެވެ.

މި ފެށޭ 2022 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭއިރު، އެ ރަން ޔޫބިލްގެ ފެށުމާއެކު ޖެނުއަރީ 1 ވަނަ ދުވަހު ރާއްޖޭގައި ރަސްމީކޮށް ހޯމް ސްޓޭ ވިޔަފާރި ތައާރަފުކުރާނެ އެވެ. އެ ވިޔާފާރި ތައާރަފުކުރާ ފުރަތަމަ ރަށަކީ ރިހާކުރު ތައްޔާރުކުރުމުގައި މަޝްހޫރު މ. ދިއްގަރެވެ.