Advertisement

އަސާސީ މުސާރަ އިތުރުނުކޮށް މިނިމަމް ވޭޖް ދޭން އެލަވަންސެއް

29 ޑިސެންބަރު 2021 - 15:51 0

އަމަން ހަލީމް

އަމަން ހަލީމް

މިނިމަމް ވޭޖް އެލަވަންސާ ގުޅޭގޮތުން ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެނީ: މި އެލަވަންސް ސަރުކާރުގެ 11،828 މުވައްޒަފަކަށް ލިބޭނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަސާސީ މުސާރަ އިތުރުނުކޮށް މިނިމަމް ވޭޖް ދޭން އެލަވަންސެއް

29 ޑިސެންބަރު 2021 - 15:51 0

އަންނަ އަހަރުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ އެންމެ ކުޑަމިނުން ލިބޭ އުޖޫރަ (މިނިމަމް ވޭޖު) ސަރުކާރުގެ މުވައްޒަފުންނަށް ދޭނީ އަސާސީ މުސާރައަށް އެއްވެސް އުނިއިތުރުކަމެއް ނުގެނެސް، ފިކްސްޑް އެލަވަންސެއް ގޮތަށް ކަމަށް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހުސްވި ނޮވެމްބަރު މަހު އިއުލާނުކުރި މިނިމަމް ވޭޖު ސިޔާސަތުގެ ދަށުން، ޕަބްލިކް ސެކްޓާގެ ކޮންމެ މުވައްޒަފަކަށް ޖެނުއަރީން ފެށިގެން މަދުވެގެން 7،000ރ. ލިބެން ޖެހެ އެވެ. މި އުޖޫރައިގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރަ އާއި ފިކްސްޑް އެލަވަންސްތައް އެކަންޏެވެ.

ސަރުކާރުން ނިންމީ އަސާސީ މުސާރަ އިތުރުކުރުމުގެ ބަދަލުގައި، ފިކްސްޑް އެލަވަންސެއް ގޮތަށް މި އުޖޫރަ ހަމަޖައްސައިދޭށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން 11،828 މުވައްޒަފަކަށް މިނިމަމް ވޭޖު އެލަވަންސް ލިބޭނެ އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސާސީ މުސާރަ ބޮޑުނުކޮށް އެލަވަންސެއް ގޮތަށް ދޭން ނިންމި ސަބަބާ ގުޅިގެން ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ފައިޒަލް ވިދާޅުވީ، އެކަން ނުކުރީ އަސާސީ މުސާރަ ބޮޑުކުރުމަކީ ބުރަ، ދިގުލައިގެންދާނެ މަސައްކަތެއް ވީމާ ކަމަށެވެ. އަދި، މިއީ ވަގުތީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.

"މިވަގުތަށް އަޅުގަނޑުމެން އެކަހަލަ ބަދަލެއް ގެންނަންޏާ، އަދި ވަރަށް ބޮޑެތި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ. އެއާ ގުޅިގެން ހަގީގަތުގައި މިވަގުތަށް ގެންނަ ބަދަލެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ފައިޒަލް ވިދާޅުވި ގޮތުގައި މިހާރު ނޭޝަނަލް ޕޭ ކޮމިޝަނުން ކުރަމުންދާ މުސާރަތައް އެއްހަމަ ކުރުމުގެ (ނޭޝަނަލް ޕޭ ހާމަނައިޒޭޝަންގެ) މަސައްކަތާ އެކީ އެކަންކަން ކުރެވިގެން ދާނެ ކަމަށެވެ.

މިނިމަމް ވޭޖް އެލަވަންސް ލިބޭ ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސަޕޯޓް ސާވިސަސް އަދި ޖެނެރަލް ސާވިސަސްގައި މަސައްކަތްކުރާ އަށް ރޭންކެއްގެ މުވައްޒަފުންނެވެ. މި މުވައްޒަފުންނަށް އެލަވަންސް ލިބޭ މިންވަރު ކަނޑައެޅީ މިހާރު ލިބޭ މުސާރައަށް ބަލާފައި، އެއްވެސް އުނި އިތުރުކަމެއް ނައިސް މިނިމަމް ވޭޖް ލިބޭ ގޮތަށެވެ.

މި ސިޔާސަތާ އެއްގޮތަށް މުސާރަތައް ޖަމާވާން ފެށުމުން ސިވިލް ސާވިސްގެ އެންމެ ދަށް ރޭންކު ކަމުގައިވާ ސަޕޯޓް ސާވިސް 1 (އެސްއެސް 1) ރޭންކު މުވައްޒަފުންނަށް 7،000ރ. އަދި ޖެނެރަލް ސާވިސް 1 (ޖީއެސް 1) މުވައްޒަފުންނަށް 7،015ރ. މުސާރައަށް ލިބޭނެ އެވެ.

މި ބަދަލުތަކާ އެއްގޮތަށް އަންނަ ޖެނުއަރީ މަހުގެ މުސާރައާއެކީ އެލަވަންސް ޖަމާކުރަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެކަމަކު ހުރިހާ މުވައްޒަފުންގެ މައުލޫމާތުތައް މެނުއަލީ ބަލަން ޖެހޭތީ އެ މަސައްކަތް ދިގުލައިގެން ގޮސްދާނެ ކަމަށް އެ ކޮމިޝަނުގެ ޖެނެރަލް ސެކެޓްރީ އަބްދުﷲ ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޖެނުއަރީ 15 ގެ ކުރިން ހުރިހާ މުވައްޒަފުންނަށް މުސާރައަށް އައި ބަދަލުތައް އަންގައިދޭނެ،" އޭނާ ވިދާޅުވި އެވެ.