Advertisement

ޕިކްނިކް އައިލެންޑާއި މާފުށި ބްރިޖަކުން ގުޅާލަނީ

29 ޑިސެންބަރު 2021 - 10:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޕިކްނިކް އައިލެންޑާއި މާފުށި ބްރިޖަކުން ގުޅާލުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 35.41 މިލިއަން ރުފިޔާ އަށް--- ފޯޓޮ: އެމްޓީސީސީ


ޕިކްނިކް އައިލެންޑާއި މާފުށި ބްރިޖަކުން ގުޅާލަނީ

29 ޑިސެންބަރު 2021 - 10:18 0

ކ. މާފުށީގެ ފަޅުގައި ހިއްކި ޕިކްނިކް އައިލެންޑާއި މާފުށި ބްރިޖަކުން ގުޅާލުމަށް ނިންމައި، އެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

މާފުށީގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ރަށުގައި ބޮޑުމިނުގައި ދެ ހެކްޓަރު ހުރެ އެވެ.

އިއްޔެ އެމްޓީސީސީއާ ހަވާލުކުރީ ފުޅާ މިނުގައި 20 މީޓަރު އަދި 137.64 ދިގު ބްރިޖެއް ގާއިމް ކުރުމަށެވެ.

މަޝްރޫއުގައި ކޮންކްރީޓާއި، ޕޭވިން އާއި، ޑްރެއިނޭޖް އާއި، ދަގަނޑުގެ މަސައްކަތްތައް ކުރުމާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 35.41 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝަނާ ފާރޫގެވެ.

އެ ކުންފުނިން ޕިކްނިކް އައިލެންޑް ތަރައްގީ ކުރާ އިތުރު ރަށްތަކަކީ ކ. ކުޑަގިރި އާއި ކ. ގުރައިދޫ ފަޅުގައި ބިން ހިއްކައިގެން ތަރައްގީ ކުރާ ރަށެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތިން ޕިކްނިކް އައިލެންޑުގައި އާއިލީ ކޮޓަރިތަކާއި ފާހާނާ އާއި ޗޭންޖިން ރޫމާއި ނާސިމް ރޫމާއި ލޮކާ ރޫމާއި އިވެންޓްސް ސްޕޭސް އަދި ނަމާދުކުރާ ކޮޓަރި ހުންނާނެ އެވެ.

އޭގެ އިތުރުން، ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދެއްގެ އިތުރުން ބާބަކިއު ސަރަހައްދު ވެސް ތަރައްގީ ކުރާނެ އެވެ. އަދި ރަށްރަށް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު އެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް 2013 ގައި ބަންދުކުރި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފަ އެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.