Advertisement

ޕޭރެންޓިން ހެކް: 'ކަންތައް ބޮޑުކޮށް' ކުދިންގެ ޗުއްޓީ ޕްލޭން ކުރާނެ ގޮތް

24 ޑިސެންބަރު 2021 - 11:23 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ސްކޫލް ދެ ކުއްޖަކު: ސްކޫލު ބަންދަށް ރަށުން ބޭރަށް ނުދެވުނަސް ހިތްހަމަޖެހޭނެ ބައިވަރު ކަންކަން އެބަ ހުރި. -- ފޮޓޯ: ހިރިޔާ ސްކޫލް


ޕޭރެންޓިން ހެކް: 'ކަންތައް ބޮޑުކޮށް' ކުދިންގެ ޗުއްޓީ ޕްލޭން ކުރާނެ ގޮތް

24 ޑިސެންބަރު 2021 - 11:23 0

އަހަރުގެ ދެވަނަ ޓާމުގެ ރިޕޯޓު ފޮތް އިއްޔެ ލިބެއްޖެ އެވެ. ދެން ޕްލޭން ކުރަން ވީ ޗުއްޓީ އެވެ. އަތުގައި ލާރި ނެތިގެން މި ޕްލޭނެއް ކުރަން ބިރުގަނެފައި ހުރި ނަމަ، ދެން ޖެހޭނީ އެބުނާ "ޕޭރެންޓިން ހެކްސް" އެއް ގެ ބޭނުން ހިފާށެވެ. އާންމުކޮށް ގޭގައި ކުދިންނަށް ކޮށްދޭ ކުދި ކުދި ކަންކަން މި ޗުއްޓީގައި ބޮޑު "ކަންތައްގަނޑަކަށް" ހަދާލެވުނަސް ޗުއްޓީ ފުރިހަމަ ކޮށްލެވޭނެ އެވެ. ހާއްސަ ވެސް ކޮށްލެވޭނެ އެވެ.

އޭރުން ރަށުން ބޭރަށް ޓްރިޕު ނުދެވުނަސް، ކުދިންނަށް އެކުދިންގެ ޗުއްޓީ ވައެއް ނުވާނެ އެވެ. މި ހިމަނާލަނީ އަހަރެމެންގެ ސިކުނޑީގައި ހުރި ބައެއް ހިޔާލުތަކެވެ.

އާއިލާ އެކު 'ޑޭޓް' އެއް

މިއީ ހަމަ އަސްލު ވެސް 'ޑޭޓް' އެކެވެ. މި ޑޭޓެއްގެ މެހުމާނުންނަކީ ކުދިންނެވެ. ހޮސްޓު ކުރަނީ މަންމަ އާއި ބައްޕަ އެވެ. މި ޑޭޓް ކާމިޔާބު ކުރަން، ކުދިން، އެކުދިން ބޭނުންވާ ވަރަށް ރީތި ކޮށްގެން އަތުގައި ލާރި ހުރި ވަރަކުން އެކުދިން ބޭނުން ރެސްޓޯރަންޓަކަށް ގެންދެވިދާނެ އެވެ. ހުރިހާ ކަމެއް ކުދިންގެ އިހުތިޔާރާ އެއްގޮތަށް ގެންދަން ސަމާލުކަން ދިނުމަކީ މި ޑޭޓް ގެ އެންމެ ބޮޑު ބޭނުމެވެ.

ރެސްޓޯރަންޓްގެ ހިޔާލު މާ "ޓިޕިކަލް" ނަމަ، އަމިއްލަ އަށް ކުދިންނަށް ރީތި ޑިނާ ސެޓަޕް އެއް ހެދިދާނެ އެވެ. އައުޓް ޑޯގައި ވެސް ހެދިދާނެ އެވެ. ނުވަތަ ކުދިން އެހެން ގެއަކަށް ލާފައި އެކުދިންނަށް ގޭގެ ޑައިނިން އޭރިއާ ވެސް ޒީނަތްތެރި ކޮށްލެވިދާނެ އެވެ. މޭޒަށް ކުދިންގެ އެންމެ ކާހިތްވާ އެއްޗެހި ގެނެވިދާނެ އެވެ. އޭރުން ވެސް މި ޑޭޓެއްގެ ހާއްސަ ކަން ޑަބަލް ވީ އެވެ.

އަސްލު ބީޗެއް، ނުވަތަ ޕާކެއްގައި ވެސް މިކަހަލަ ޑޭޓެއް ހަމަ ހަދާލެވޭނެ އެވެ. މީގެން ކުދިންނަށް ދެތިން ކަދެއް ދަސް ވާނެ އެވެ. މަންމަ އާއި ބައްޕަ އެކުދިން އުފާކޮށްލަން ވަރަށް ބޭނުންވާ ކަމެވެ. ދެމީހުންގެ އަތުގައި ކުދިންނަށް ވަގުތު އޮތް ކަމެވެ. އެކުދިންނަކީ ހާއްސަ ބައެއް ކަމެވެ.

ބޭނުންތެރި ހަދިޔާ 'ބޮޑުކޮށް'

ޓާމު ތެރޭގައި ކުދިން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ އާންމުކޮށް ކުޅޭ އެއްޗެއް ގަނެގެން ގެންނަ އުސޫލުން ގެނައުމުގެ ބަދަލުގައި ބޮޑު އިނާމެއްގެ ސިފަ ޖެހޭ ގޮތަށް ބޭނުންތެރި ހަދިޔާއެއް ވެސް ދެވިދާނެ އެވެ. އޭރުން ހަދިޔާ ހާއްސަ ވީ އެވެ.

ހަދިޔާ ޗޫޒް ކުރާ އިރު އެކި ކަހަލަ ޕަޒްލް ތަކާއި, އެކްޓިވިޓީ ފޮތްތަކާއި, ވާހަކަ ފޮތާއި އެކްސްޕެރިމަންޓް ހެދޭ ކިޓްތަކާއި, ބޯޑް ގޭމްސްއަކީ މި ޗުއްޓީގައި އެކުދިން މުޅީން ސްްކްރީންތަކަށް ހުސްކޮށްފައި ބޭތިއްބުމުގެ ބަދަލުގައި ކުރެވިދާނެ ކަމެކެވެ. ޕްރީ ސްކޫލްތަކުގެ ކުދިންނަމަ މި ލިސްޓުގައި އަދި އެކިކަހަލަ ބްލޮކްސްއާ ޕްލޭ ޑޯ ސެޓްތަކާއި, ސްލައިމް ހަދާ ސާމާނުވެސް ހިމެނިދާނެ އެވެ. މިއީ ކުދިންގެ ފައިން މޮޓޯ ސްކިލްސް ރަނގަޅުކޮށް ސެންސަރީ ހަރަކާތްތަކެއްގެ ގޮތުގައި ވެސް މި ޗުއްޓީގައި ބޭނުން ކުރެވިދާނެ އަދި އެކުދިން ފޫހި ފިލުވައިދޭނެ އެއްޗަކަށް ވާނެ އެވެ.

އާއިލާ އެކުގައި ފިލްމެއް ބަލާލުން

ކުރިން މި ބުނި "ޑޭޓް" ހެން މިކަން ވެސް ކުރާނީ ނިކަން ކަންތައް ބޮޑުކޮށް އެބުނާ "އޮސްކާ" ފެންވަރުގަ އެވެ. އައުޓް ޑޯ މޫވީ ނައިޓް ހެދޭ ފގޮތަށް ހުންނަ ގެތަކުގައި އައުޓްޑޯ އޭރިއާ ޒީނަތްތެރިކޮށްފައި ކުދިންނަށް އޮށޯވެ ތިބެވޭ ގޮތަށް ތަން ހަދާފައި ހުދު ފޮތިގަނޑަކުން ސްކްރީނެއް ދަމާފައި ޕްރޮޖެކްޓަރަކުން "ފެމިލީ" މޫވީ އެއް އަޅުވައިލެވިދާނެ އެވެ. ޓެރެސް ހުންނަ ގެތަކުގައި މިކަން ކޮށްލަން ފަސޭހަ ވާނެ އެވެ. ކުޑަ ހަރަދަކުން ޗުއްޓީގައި ކުދިންނަށް ހާއްސަ ކަމެއް އޭރަށް ކޮށްލެވުނީ އެވެ.

ގޭތެރޭގައި މޫވީ ނައިޓް ހަދާ ނަމަ، އާއިލާ ތެރޭގައި ޖާގައިގެ ގޮތުން އެންމެ ބޮޑު ގޭގެ ސިޓިން ރޫމް ހިފިދާނެ އެވެ. އެތަން ވެސް ޑެކަރޭޓް ކޮށް، ކުދިން ގަޔާވާ ކަހަލަ ކާ އެއްޗިއްސާ އެކު އާއިލީ ކުދިން އެއްކޮށް މޫވީ ނައިޓް ބޮޑުކޮށްލާނީ އެވެ.

މުޅި އާއިލާ އެކުގައި މޫވީ ބަލާލުމުގެ ޗާންސަކީ ކުދިންނަށް ކޮންމެ ކޮންމެ ދުވަހަކު ލިބޭނެ ތަޖުރިބާ އެއް ނޫނެވެ - މޫވީ ނައިޓްގައި ބަލާނެ ރީތި ފެމިލީ ފިލްމު ލިސްޓެއް އަދި ދޭނަމެވެ.

ހޮލިޑޭ ޕްރޮގްރާމް އެއްގައި ބައިވެރިކުރުން

ޗުއްޓީ އަކީ ކިޔެވުމުން ބޭރުން ކުދިންނަށް ތަފާތު ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށްދޭން ލިބޭ ދުވަސްތަކެކެވެ. އެހެންވީމަ މި ޗުއްޓީގައި ކުދިންނަށްޓަކައި ކުރެވިދާނެ ތަފާތު އެއް ކަމަކީ ޗުއްޓީއަށް ހާއްސަ އެކި ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ކްލާސްތަކުގައި ކުދިން ބައިވެރި ކުރުމެވެ. އަތުން ހަރަދުތަކެއް ދިޔަޔަސް މިއީ ކުދިންގެ މުސްތަގުބަލަށް ޓަކައި ކުރެވޭނެ ސަޅި އިންވެސްޓްމަންޓަކަށް ވެސް ވާނެ އެވެ. މަހެއްހާ ދުވަސް ވަންދެން ގޭގައި ޓީވީ ދޮށުގައި ނުވަތަ ޔޫޓިއުބް ތެރޭގައި ތިބުމުުގެ ބަދަލުގައި ހުރި ހުނަރެެެއް ތަރައްގީކުރުމަށް ނުވަތަ އާ ކަމެއް ތަޖުރިބާ ކޮށްލުން ވެގެންދާނީ ކުދިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. ނުވިތާކަށް އެފަދަ ކްލާސްތަކުން އެހެން ކުދިންނާ ބައްދަލުވެ, އާ ރަހުމަތްތެރިން ވެސް ލިބިދާނެ އެވެ.

މިހުރީ ހުސް ހިޔާލެވެ. ކޮންމެ ކަމެއް ކުރިއަސް, ކިތަންމެ އާދައިގެ ކުޑަ ކަމަކުންވެސް ދަރިފުޅުގެ މޫނަށް ލޯބި ހިނިތުންވުމެއް ގެނެސްދެވިދާނެ އެވެ. މިއަދުގެ އަޒުމަކަށް ވާންވީ ކުދިން ކޮންމެ ނަތީޖާއެއް ހިފައިގެން އަަޔަސް, އުންމީދު އާކޮށްދީ ހިތްވަރުދީ އެކުގައި ތިބިކަން އެކުދިންނަށް އަންގައިދިނުމެވެ. އެއަށްވުރެ ވަކިބޮޑު އުފަލެއް އެކުދިންނަކަށް ނުލިބޭނެ އެވެ.