23 ޑިސެންބަރު 2021 - 08:22 2
އާއިޝަތު މިހުނާ ނާސިހް
ތުލުސްދޫގެ މަންޒަރެއް--- ފޮޓޯ: އިންސްޓަގްރާމް/ރީފްއެޖްތުލުސްދޫ
23 ޑިސެންބަރު 2021 - 08:22 2
ސްކޫލްތަކުގެ ކިޔެވުން ނިމި ޗުއްޓީ މިއޮތީ ކުރިއަށެވެ. މިފަހަރުގެ ޗުއްޓީ މީގެ ކުރިން ލިބެމުން އައި ޑިސެމްބަރު ޗުއްޓީ ތަކަށްވުރެ ކުރުވާނެ އެވެ. ދުވަސް މަދަސް، ކުދިންނާއި އާއިލާ ގޮވައިގެން މި ލިބޭ ކުޑަ ދުވަސްކޮޅުގައި, މާހައުލު ބަދަލުކޮށްލައި މަޖާ ކޮށްލުމަކީ އާ އަހަރަށް ތާޒާވެލަން ކުރެވޭނެ އެންމެ ސަޅި އެއް ކަންތަކެވެ.
އެކަމަކު ދާނީ ކޮންތާކަށް ހެއްޔެވެ؟ ރާއްޖެއިން ބޭރަށް ނުދެވުނަސް، މިހާރު ރާއްޖޭގައި ވެސް އާއިލާއާ އެކު ޗުއްޓީ ހޭދަކުރެވޭނެ ގިނަ ގޮތް ގޮތާއި ތަންތަން އެބަ ހުއްޓެވެ. ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ދިރިއުޅުމުގެ ހިތްފަސޭހަކަން ބަލައިލުމަށް ގިނަ ބަޔަކު މިހާރު ބޭނުންވެ އެވެ.
ޗުއްޓީ ކުރުވީމައާ އެކު، މި އާޓިކަލް ގައި މި ހިމަނާލަނީ، މާލެއާއި ކައިރިން ފޫހި ފިލާވަރުގެ ޗުއްޓީ އެއް ހޭދަކޮށްފައި އާދެވޭނެ ރަށެކެވެ. ތުލުސްދޫ ކިހިނެއް ވާނެ ހެއްޔެވެ؟
ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ބައިގަޑިއެއްހާއިރުގެ ކުރު ދަތުރަކަށްފަހު ދެވޭ ކ ތުލުސްދޫ އަކީ މިވަގުތު މާލެ ކައިރިން ދެވެން އޮތް އެންމެ ހިތްގައިމު އެއް ރަށެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ މި ރަށަކީ ދޭސީންނާ ބިދޭސީންނަށް ވެސް ޗުއްޓީ ހޭދަކޮށްލަން ނިކަން ފުރިހަމަ މަންޒިލަކަށް ވާނެ އެވެ.
މާލެއިން ތުލުސްދޫއަށް ދަތުރުކުރުމަކީ ތި ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ. ތުލުސްދޫއާ މާލެ އާއި ދެމެދު ތަފާތުތިން ފަރާތަކުން އޮޕަރޭޓްކުރާ އަށް ލޯންޗް އޮންނައިރު ކޮންމެ ދުވަހަކުވެސް މަދުވެގެން ތިން ދަތުރު މިއިން ކޮންމެ ލޯންޗަކުންވެސް ދެކޮޅަށް ކުރެ އެވެ. ހެނދުނު އަށެއް ޖަހާއިރު އާންމުކޮށް ތުލުސްދޫއިން ދަތުރުތައް ފެށޭއިރު, މެންދުރާއި ހަވީރު އަދި ރޭގަނޑުވެސް ލޯންޗު ދަތުރުތައް ކުރެވެ އެވެ. އެހެންކަމުން ހަފްތާ ބަންދަކަށް ދަތުރު ރާވާނަމަ ބުރާސްފަތީގައި އޮފީސް ނިންމާލުމަށްފަހު އަންނަން ވެސް މާކަ އުނދަގުލެއް ނުވާނެ އެވެ.
ދަތުރުގެ އަގުތަކަށް ބަލާއިރު އެއްކޮޅަށް ބޮލަކަށް އެވްރެޖްކޮށް ނަގާ އުޅެނީ 150 ރުފިޔާ އެވެ. ނަމަވެސް ބައެއްފަހަރު އަގުތައް 130 ގައި ހުރެ އެވެ.
ތުލުސްދޫގައި ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އިންސްޓަގްރާމް/ ހައްވި އަލީ
ގާތްގަނޑަކަށް 3500 މީހުންގެ އާބާދީއެއް އޮންނަ ތުލުސްދޫއަކީ ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތައް ގިނަ ރަށެކެވެ. ތުލުސްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަށުގައި މިވަގުތުވެސް އޮޕަރޭޓްކުރާ 35 ގެސްޓްހައުސް އެބަހުއްޓެވެ. ގިނަ ގެސްޓަހައުސްތައް ހުންނަނީ ރަށުގައި އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާ ތަންކޮޅެއް ދުރުން ރަށުގެ އިރުމަތީ ފަރާތުގަ އެވެ. އަދި ހުރިހާ ގެސްޓްހައުސް އަކާ ދިމާލަށް ވެސް ހިތްގައިމު ދޮންވެލިގަނޑެއް އޮވެ އެވެ.
އަގުތަކަށް ބަލާއިރު ތުލުސްދޫގެ ރޭޓްތައް އާންމުކޮށް އުޅެނީ 750 ރުފިޔާ އެވެ. އެކި ގެސްޓްހައުސް ތަކުގައި މި ރޭޓް މަތިވުން އެކަށީގެންވެ އެވެ.
ގިނަ ގެސްޓްހައުސްތަކުގައި ކެއުމުގެ އިންތިޒާމުވެސް އޮންނާނީ ހަމަޖެހިފަ އެވެ. ނަމަވެސް ގެސްޓްހައުސްއިން ބޭރުން ކާން ބޭނުންނަމަ ރަށުގައި ހުރި ރަނގަޅު ފެންވަރުގެ ފަސް ރެސްޓޯރެންޓުން އެކަންވެސް ހަމަޖެހުނީ އެވެ.
ތޮއްޖެހިފައިވާ މާލޭގެ ކާރުބާރުން ސަލާމަތްވެ ރާއްޖޭގެ ރަށަކަށް ބޯ ހަމަޖައްސާލަން ދާ ކަމަށް ވާ ނަމަ އެންމެ މުހިންމު ވާނީ ހަމަގައިމު ވެސް ރީތި މޫދެއް އޮތް ތަނެކެވެ. ރަށް ވަށާ ދެކޮޅަށް ހިނގާލާއިރު ކުދިންނާ އެކު އެރިލަން ކަމުދާނެ މޫދެއް ނުފެނިގެން ފަހަރެއްގައި ހާސްވެދާނެ އެވެ. އެހެންކަމުން މޫދަށް އެރިލަން ބޭނުންވާނަމަ އެންމެ ފުރަތަމަވެސް ދާންވީ ރަށުގެ ހިއްކި ސަރައްހަދުގައި މިހާރު ހެދިފައި އޮތް ރީތި ބީޗަށެވެ. އެބުނާ 'ހުދު ދޮންވެލިގަނޑާއި ބިއްލޫރި ކޮޅެއްހާ ސާފު މޫދު' އޭރުން އެ އޮތީ ކުރިމައްޗަސް ފެންނާށެވެ.
މިތަނުގެ އެންމެ ހިތްގައިމު އެއް ކަަމަކީ ބީޗް ގައި ހިޔާވެވޭނެ ހެން ހަޓް ޖަހާފައި ހުރުމާ, ޕިކްނިކަށް އައިސްލާ މީހުން ނަމާދުކޮށްލުމަށް ކުޑަ މިސްކިތަކާއި ވަޅެއްވެސް ކައިރީގައި ހުރުމެވެ.
އަދި އެންމެ ހާއްސައީ, މޫދާއި ހަމަ ދާދި ކައިރީގައި ހެދިފައި އޮންނަ ފެންގަނޑެކެވެ. ރަށުގެ ރައްޔިތުން ހާއްސަ ސަމާލުކަމެއް ދީގެން މި ފެންގަނޑު ބަލަހައްޓާއިރު ނިކަން އޮޅު އަސްދޫނިތަކަކާ, މާކަނާއެއް މިތަނުގައި އިނދެއެވެ.
" އަމިއްލަ އަށް އުފެދިފައި އޮތް ފެންގަނޑެއް އެއީ. އެކަމަކު އެތަނަށް އިތުރު ބަދަލެއް އައިސްދާނެތީ ރައްޔިތުން އެތަން ދެމެހެއްޓޭތޯ އަބަދުވެސް މަސައްކަތްކުރޭ. ފަހުން ރަށުގެ ކުދިންތަކެއް އެތަނަށް މަސްލާފައި މިހާރު ވަރަށް ބައިވަރު މަސް އޮވޭ. އެކިކަހަލަ މޫސުމީ ދޫނިތައްވެސް ވަރަށް ގިނައިން އަންނާނެ" އަސްލަމް ވިދާޅުވި އެވެ.
ތުލުސްދޫގެ މަންޒަރެއް-- ފޮޓޯ:އިންސްޓަގްރާމް
މިވަރަކުން އަދި ތުލުސްދޫގެ "ސަޅި" ކަމެއް ނިންމައެއް ނުލެވޭނެ އެވެ. ގިނަބަޔަކަށް ތުލުސްދޫގެ އެންމެ މަޝްހޫރު އެއް ތަނަކަށްވާނީ އެރަށާއި އިންވެގެން ކަހަލަ ގޮތަކަށް އޮންނަ ކުޑަ ފަސްގަނޑެއް ކަމުގައިވާ "ފުރާގަނޑެވެ". މީގެ ކުރިން ވަރަށް އާދައިގެ ގޮތަކަށް ހުންނަ ކުޑަ ބްރިޖަކުން ފުރާގަނޑަށް ދެވުނު ނަަމަވެސް މިހާރު އެ ބްރިޖެއް ނެތެވެ. އެހެންވީމަ މިހާރު ދާން ޖެހޭނީ ފައި މަގުގަ އެވެ.
ފުރާގަނޑަށް ދާން ބޭނުންނަމަ މޫދަށް އެރިގެން އެ ފަސްގަނޑާ ހިސާބަށް ދެވޭނެ އެވެ. އެ ދެމެދުގެ ހުންނާނެ ކަމަށް ބެލެވެނީ އެންމެ ތިން ހަތަރު ފޫޓުގެ ފުން މިނެވެ.
ހަަމަ އެއާ އެކު، ރަށްޓެހިންނާ އާއިލާ އެކުގައި ސްނޯކަލް ކޮށް ޑައިވްކޮށްލަން ބޭނުންވާނަމަ އެ ކަންކަން ވެސް ނިކަން ފަސޭހައިން ތުލުސްދޫއިން ހަމަޖެހޭނެ އެވެ. އަދި ތަފާތު އެކްސްކާޝަން ޓްރިޕްތައް ވެސް ގެެސްޓްހައުސްތަކުން އިންތިޒާމުކޮށް ރާވާދެ އެވެ.
ތުލުސްދޫއަކީ ވޯޓާ ސްޕޯޓްގައި ކާމިޔާބު މަޝްހޫރު ރަށަކަށްވާއިރު ރަށަށް ދަތުރުކުރާ ގިނަ ޒުވާނުންނަށް މިއީ ތަޖުރިބާކޮށްލަން ރަނގަޅު ރަށަކަށް ވާނެ އެވެ.
Comment