Advertisement

ތަރައްގީގެ މަޝްރޫތަކުން ވެއްޓަށް ލިބިދާނެ ގެއްލުމަށް ރައްކާތެރިވާންޖެހޭ: ރައީސް

19 ޑިސެންބަރު 2021 - 22:03 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެމްޓީސީސީ އަހަރީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ތަރައްގީގެ މަޝްރޫތަކުން ވެއްޓަށް ލިބިދާނެ ގެއްލުމަށް ރައްކާތެރިވާންޖެހޭ: ރައީސް

19 ޑިސެންބަރު 2021 - 22:03 0

ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫތަކުން ލިބެނީ ދެމެހެއްޓެނިވި ފައިދާ ތަކެއްތޯ ޔަގީންކޮށް، ތަރައްގީއަށްޓަކައި ކިތަންމެ ކުޑަ ކަމެއް ކުރިޔަސް ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 41 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ތިބުމަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ވެސް, މަޝްރޫތައް ތަންފީޒުކުރާ ފަރާތްތައް ވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

ދުނިޔޭގެ މޫސުން މިހާރު ބަދަލުވަމުންދާ ގޮތަށް ބަލާއިރު، ތަރައްގީއަށްޓަކައި ކިތަންމެ ކުޑަ ކަމެއް ކުރިޔަސް، ތިމާވެއްޓަށް ލިބިދާނެ ގެއްލުމެއް އޮތްތޯ ބަލައި، އެކަމަކުން ސަލާމަތްވުމަކީ ކުރަންޖެހޭ ކަމެއް. ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، މަޝްރޫއުތައް ފަރުމާކުރައްވާ ބޭފުޅުންނާއި، މަޝްރޫއުތައް ތަންފީޒު ކުރައްވާ ބޭފުޅުން ވެސް މިކަންކަމަށް ވިސްނުން ގެންގުޅުއްވަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ ކޮންމެ ވާހަކައަކާއެކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން މިހާރު ނެތް ކަމަށެވެ. އަދި ތަރައްގީގެ ގޮތުގައި ހިންގާ މަޝްރޫތަކުން މި ގެނެވެނީ ދެމެހެއްޓެނިވި ފައިދާތަކެއްތޯ ވެސް ޔަގީންކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"ރަށުގައި ހަދާ ބަނދަރުން އެރަށަކަށް ދެމެހެއްޓެނިވި ތަރައްގީއެއް ލިބޭތޯ، އެއީ އަޅުގަނޑުމެން މިއަދު ކުރަންވީ ސުވާލަކީ. ރަށުގައި ހަދާ ބަނދަރުގެ ސަބަބުން ރަށް ގިރުން އިތުރަށް ގޯސްވަންޏާ، އެއީ ދެމެހެއްޓެނިވި ތަރައްގީތޯ ސުވާލުކުރަންޖެހޭ. ރަށްރަށަށް ގެނެވޭ އުމްރާނީ ތަރައްގީން އެ ރަށްރަށަށް ދެމެހެއްޓެނިވި ތަރައްގީ އާއި ފައިދާ ލިބޭތޯ އަޅުގަނޑުމެން ޔަގީންކުރަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ކުންފުނިތަކުން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެމްޓީސީސީ އަކީ ވެސް އެފަދަ އެއް ކުންފުނިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.