Advertisement

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް، ޒިންމާދާރުވުމަށް ގޮވާލައިފި

19 ޑިސެންބަރު 2021 - 17:59 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް މިދިޔަ ހުކުރުދުވަހު ބޭއްވި އެއްވުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް، ޒިންމާދާރުވުމަށް ގޮވާލައިފި

19 ޑިސެންބަރު 2021 - 17:59 1

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ހަރަކާތްތައް ޒިންމާދާރުވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއާ ގުޅުވައިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަދު ބަޔަކު އޮޅުވާލައިގެން ފަތުރަމުންދާ އަސާސެއް ނެތް މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން ކަންބޮޑުވާ ކަމަށެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ މަސްރަހުގައި ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށް ފޮރިން މިނިސްޓްރީން އެ ބަޔާނުގައި ފާހަގަކުރި އެވެ.

މި ސަރުކާރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަންފަދަ މުހިންމު ހައްގުތަކަށް ވަކާލާތުކޮށް އެފަދަ ހައްގުތަކަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއް ކަމަށް ފުރިހަމައަށް ގަބޫލުކޮށް ތާއިދުކުރާ ސަރުކާރެއް ކަމުގައިވީހިނދު އެފަދަ ހައްގުތައް ބޭނުންކުރުމުގައި ޒިންމާދާރު އަދި ޑިމޮކްރެޓިކް ގޮތްތައް އިހްތިޔާރުކުރުމަށް ސަރުކާރުން ބަޔާނުގައި ގޮވާލި އެވެ.

ރާއްޖެއާ ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުންތަކާ ގުޅޭ ގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވަށްޓެރި ގާތް އެކުވެރި ގައުމުތަކާ ދެމެދުގައި އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރުކުރުވާ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.

އޭގެ އިތުރުން ވެސް އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ސަލާމަތާއި އަމާންކަމަށް ވެސް އަސަރުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ. ބަޔާނުގައި ސަރުކާރުން ވަނީ ރާއްޖެއާއި ބައިނަލްއަގްވާމީ މަސްރަހުގައި ދުވަސްވީ ބަދަހި ގުޅުން އޮންނަ އެކި ގައުމުތަކާ ދެމެދުގައި އޮންނަ އިހްތިރާމާއި ގާތް ގުޅުންތައް ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ދާހިލީ ގާނޫނުތަކާއި އެއްގޮތަށް މި ސަރުކާރުން ނަގަހައްޓާނޭ ކަމަށް ބުނެފަ އެވެ.

އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނޭ ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ފައިދާވެ، އެ ފައިދާތައް ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ނެރުނު އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބަޔާނުގައި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ވެސް ޒިންމާދާރުކަމާއެކު ހަަރަކާތްތެރިވުމަށް ގޮވާލައި، ރާއްޖެއާ ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ މަސްރަހާއި ދެމެދުގައި އޮންނަ ގާތް ގުޅުންތަކަށް ބުރޫއަރާހެން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައި އިލްތިމާސްކޮށްފަ އެވެ.