Advertisement

ކަނޑު ދިރާސާ ކުރާ ޗައިނާގެ ޒަމާނީ ބޯޓު އަނެއްކާ ވެސް ރާއްޖޭގައި

25 އޭޕްރީލް 2024 - 09:39 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޗައިނާ ބޯޓު ތިލަފުށީގައި ބަނދަރުކޮށްފަ: ދިރާސާ ކުރާ ޗައިނާގެ އެންމެ ޒަމާނީ އުޅަނދު ރާއްޖެ އައި ނަމަވެސް އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނޭ --- ފޮޓޯ: އަދަދު


ކަނޑު ދިރާސާ ކުރާ ޗައިނާގެ ޒަމާނީ ބޯޓު އަނެއްކާ ވެސް ރާއްޖޭގައި

25 އޭޕްރީލް 2024 - 09:39 2

ކަނޑުގެ ދިރާސާތައް ކުރާ ޗައިނާގެ ޒަމާނީ ބޯޓު ޝިއެން ޔެން ހޮން-3 އަނެއްކާ ވެސް ދިވެހިރާއްޖެއަށް ވަދެފި އެވެ.

އެ ބޯޓު މިއަދު އޮތީ ސިނާއީ ރަށް ތިލަފުށީގައި ބަނދަރުކޮށްފަ އެވެ. އެ ބޯޓު އަނެއްކާ ވެސް ދިވެހިރާއްޖެއަށް އައި ސަބަބެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އެ ބޯޓު އައި އިރު، ރާއްޖެއަށް ވަނުމުގެ ހުއްދަ ދީފައި އޮތް ކަމަށް ސަރުކާރުން ބުންޏެވެ.

އެ ބޯޓު އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އައީ ފެބްރުއަރީ 22، ގަ އެވެ. އެކަމަކު އެއިރު ވެސް ރާއްޖެ ސަރަހައްދަށް ވަނީ އީއީޒެޑް ކައިރީގައި ގާތްގަނޑަކަށް މަހެއް އޮތުމަށްފަހެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ރާއްޖެއިން ދިޔުމަށްފަހު އަނެއްކާ ވެސް ހަރަކާތްތެރިވާން ފެށީ އީއީޒެޑު ކައިރީގަ އެވެ.

މިފަހަރު އަނެއްކާ ރާއްޖެ އައިސްފައި މި ވަނީ ކުރިން ގޮސް އީއީޒެޑުގައި ހަރަކާތްތެރިވުމަށްފަހެވެ. އެހެންކަމުން ޖެނުއަރީ މަހުން ފެށިގެން ޝިއެން ޔެން ހޮން-3 މި ހަރަކާތްތެރިވަނީ ރާއްޖެ އަދި ރާއްޖޭގެ ސަރަހައްދުގަ އެވެ.

ފެބްރުއަރީގައި ޗައިނާ ބޯޓު ރާއްޖެއަށް އައީ ފަޅުވެރިން ބަދަލު ކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި. އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23، ގައި ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އަދި ރާއްޖޭގެ ސަރަހައްދުގައި ޗައިނާގެ ދިރާސާ ބޯޓު ހަރަކާތްތެރިވި ނަމަވެސް އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވެފަ އެވެ.

"އެއްވެސް ރިސާޗެއް ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކުރުމުގެ ހުއްދައެއް ދެވިފައެއް ނޯންނާނެ. މާލެއަށް ބަނދަރުކޮށްފައި ކާބޯތަކެތި ގަނެގެން ކްރޫ ޗޭންޖެއް [ކުރީ]. މަތިންދާބޯޓުން އައި ބަޔަކު އެ ބޯޓަށް އަރާފައި އެ ބޯޓުގައި ތިބި މީހުން މަތިންދާބޯޓުގެ ޒަރީއާއިން ފުރައިގެން ދިޔައީ. އެއީ ދެވުނު ހުއްދައަކީ،" މާޗް 25، ގައި ގައްސާން ވިދާޅުވި އެވެ.

ޝިއެން ޔެން ހޮން-3 މެނޭޖް ކުރާ ޗައިނާގެ އޯޝަނަގްރަފީ އިންސްޓިޓިއުޓުން ބުނާ ގޮތުގައި އެއީ ކަނޑުގެ ދިރާސާ ކުރުމަށް އެ ގައުމުން ހެދި އެންމެ ޒަމާނީ އެއް އުޅަނދެވެ. ޗައިނާއިން ބުނަނީ އެއީ ކޮމްޕްރެހެންސިވް ރިސާޗް އުޅަނދެއް ކަމަށެވެ. މާނައަކީ އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެ އުޅަނދުން ކުރެވޭނެ ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ބޯޓުގެ އެންޑިއުރަންސަކީ 15،000 ނޯޓިކަލް މޭލެވެ. މާނައަކީ އިތުރު އެހީއަކާއި ނުލައި، ބޯޓުގެ މަގުސަދާއި މަސައްކަތް ކުރަމުން ހުއްޓުމެއް ނެތި 15،000 ނޯޓިކަލް މޭލަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެ ބޯޓަކީ ޑީޕީ-1 ޑައިނެމިކް ޕޮޒިޝަނިންއާއެކު ތައާރަފު ކުރި ބޯޓެކެވެ. މާނައަކީ އޮޔާއި ވައި ގަދަވި ނަމަވެސް ބޯޓު މަޑުކޮށްގެން އޮންނަ ތަނެއްގައި ނުގުޑި އޮތުމުގެ ގާބިލްކަން ލިބިފައިވުމެވެ. އޭގެ އިތުރުން ބޯޓުގައި ހުންނަ ތްރަސްޓާސް ބޭނުންކޮށްގެން އޮތް ތަނުގައި އޮވެ، 360 ޑިގްރީއަށް ބޯޓު އަނބުރާލުމުގެ ގާބިލްކަން ވެސް ލިބިފައިވެ އެވެ.

ބޯޓުގެ ދިރާސާއަށް ބޭނުން ކުރާ ސާމާނު މޫދަށް ބާލައި ހަދަނީ އިލެކްޓްރިކް ވިންޗުތަކަކުންނެވެ. އޭގެ ސަބަބުން މަސައްކަތް ކުރަން އިންތިހާ ފަސޭހަ ކަމަށްވެ އެވެ. ބޯޓުގައި ގެންގުޅެނީ ޗައިނާއިން އުފައްދާފައިވާ ރިސާޗު އިކުއިޕްމަންޓުތަކާއި ބޭރުން އިމްޕޯޓުކޮށްފައިވާ ބައެއް އިކުއިޕްމަންޓުތަކެވެ.