Advertisement

ރައީސް ނަޝީދުގެ ގަލަމުން: ރާއްޖޭގައި އިންޑިއާގެ ދައުރު، އިންޑިއާ ކަނޑުގައި ރާއްޖޭގެ ދައުރު

ދިވެހި ރާއްޖެ އާއި އިންޑިއާގެ ދިދަ: ނަޝީދު ދެކެ ވަޑައިގަންނަވާ ގޮތުގައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ މަގުސަދަކީ ދެ ގައުމުގެ ގުޅުން ކިލަނބުކުރުން.


ރައީސް ނަޝީދުގެ ގަލަމުން: ރާއްޖޭގައި އިންޑިއާގެ ދައުރު، އިންޑިއާ ކަނޑުގައި ރާއްޖޭގެ ދައުރު

ދިވެހި ސަރުކާރާއި އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވާދަވެރިން އެ ބުނަނީ "އިންޑިއާ އައުޓް" ކަމަށެވެ. ދިވެހިންގެ ހިތްތަކަށް ގެންނާން އުނދަގޫ ތަސައްވަރެކެވެ. މި ޖަޒީރާތަކުގައި ދިވެހިން މި ވަނީ ފުރިހަމަ ސަގާފަތަކާއި އެހާމެ ފައްކާ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކޮށްފަ އެވެ. ހަޟާރަތެއް ފައްކާ ކޮށްފަ އެވެ. މި ދިވެހި ޖަޒީރާ ހަޟާރަތުގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދިވެހިން ނުދެކި މިތިބީ މި އިންޑިއާ ކަނޑުގައި ދިވެހިންގެ ދައުރު ބޮޑު ކަމަށް ދިވެހިންނަށް ނުހަނު ގަބޫލް ކުރެވޭކަމުންނެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުގައި އެއްހާސް މޭލަށް އުތުރުން ދެކުނަށް، ހަ ސަތޭކަ އަށް ވުރެ ގިނަ މޭލަށް އިރުން ހުޅަނގަށް އުފެދި އޮތް މާސިންގާ ބޮޑު ކަނޑުގެ ގައުމެކެވެ. މި ރާއްޖޭގެ ދިހަވަރަކަށް ހާސް އޮޑީގައި ފަންސާސް ހާހެއްހާ މީހުން އަބަދު ވެސް ތިބެނީ މިކަނޑު ދަތުރުގަ އެވެ. ދިވެހިންނަށް އޮތް ރިޒުގެއް އޮތީ މި ކަނޑުންނެވެ. އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ދިވެހިންގެ އެންމެ ބޮޑު މަސްލަހަތެވެ.

އިންޑިއާ ކަނޑުގަ ސަލާމަތް ދަތުރެއް ކުރެވޭ ގިނަ މަގު ހުރީ ދިވެހިރާއްޖެ ހުރަސްކޮށެވެ. ވިޔަފާރިއަށްޓަކައި އެ މަގުތައް ސަކާ ކުރުމަކީ ހާއްސަ ގޮތެއްގައި ދުނިޔޭގެ ވެރިކަމަށް ތައްޔާރުވަމުން އަންނަ ކޮންމެ ގައުމެއްމެ ކުރަމުން އައިސްފައިވާ ކަންކަމެވެ. މި ކަންކަމަކީ ދިވެހިން އަބަދުވެސް ދަންނަ ކަންކަމެވެ. ފިނި ހަނގުރާމަ ނިމި، ދުނިޔޭގެ ގައުމުތައް މިވަނީ އަލުން ބައިބަހާފަ އެވެ. އެއްކޮޅުގައި ޗައިނާ އެވެ. އަނެއް ފަރާތުގައި އެމެރިކާ އާއި އަރަބި ކިތަންމެ ގައުމަކާއި، އިންޑިއާ އާއި ޔޫރަޕްގެ ގައުމުތަކެވެ. ދިވެހިންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެކެވެ. ދިވެހިރާއްޖެ އަށާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމެވެ. ދިވެހިންގެ އާންމު ހާލަތު ރަގަޅުވުމަށް ދިވެހިން ނުހަނު އެދެ އެވެ. ތަނަވަސްކަން ބޭނުމެވެ. ހާސްކަމުގައި އުޅުމަކަށް ނުއެދެ އެވެ.

އިންޑިއާ ވެސް އަދި ޗައިނާ ވެސް ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެ އެވެ. ރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އެންމެ ގިނަ ހިލޭ އެހީ އާއި ލޯނު ފޯރުކޮށްދޭ ބަޔަކަށް ރާއްޖޭގެ ހުރިހާ ފުރުސަތު ދޫކޮށްލުމެއް ނޫނެވެ. ސަރުކާރަށް ލިބޭ ނަގުދު ފައިސާ އިން ރައްޔަތެއްގެ އާންމު ހާލަތު ތަނަވަސްވުމަށް އަސަރުކުރާ މިންވަރު އެބަ އިނގެ އެވެ. މެދުމިނެވެ. އަމިއްލަ މީސްމީހުންގެ ވިޔަފާރި ކުރިއަރާ ދިއުމުން ރައްޔިތުންނަށް ލިބޭ މަންފާ މާބޮޑެވެ. ތަނަވަސްކަން ފަހިވަނީ ވިޔަފާރި ކުރިއެރުމުންނެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ މިންވަރު ވަރަށް ބޮޑެވެ. މި ފަހުން އިންޑިއާގެ ތަނަވަސްކަން އެތައް ގުނައަކުން އުފުލި ދިއުމާ ވެސް ގުޅިގެން، މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ. މުދަލާއި ހިދުމަތުގެ އެހެން ވިޔަފާރިތައް ވެސް ބައިވަރެވެ. އިންޑިއާ ވިޔަފާރި ތަކުގެ ފޮރިން އިންވެސްމަންޓުތަކުން ރާއްޖޭގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކާއި އަދި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ނުހަނު ބޮޑެވެ. ވިޔަފާރި އަށް ބަލާނަމަ، ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކީ އިންޑިއާއާ ގާތް ގުޅުމެއް ބޭއްވުމެވެ.

ޒަމާނީ ދިވެހި މީހާ މިނިވަންކަން ބޭނުންވެ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އެއްވެ އުޅުމާއި އިންތިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމެވެ. ދިވެހިންގެ ހައްގުތައް ރައްކާތެރިވުމަށް ދިވެހިން ނުހަނު ބޮޑަށް އެދެ އެވެ. ޑިމޮކްރަސީގެ އުސޫލުތަކެވެ. ގާނޫނުގެ ވެރިކަމެވެ. އިންޑިއާ އަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޑިމޮކްރަސީ އެވެ. ދެ ގައުމުގެ ވެރިކަމުގެ ސިފަތައް އެއްގޮތެވެ. ޑިމޮކްރަސީ އަށް ބަލާނަމަ ދިވެހިން ގާތް ގުޅުމެއް އުފައްދާނީ އީންޑިއާ އާއެކު އެވެ.

ކަނީ އެކައްޗެކެވެ. ބަލަނީ އެއް ފިލުމެކެވެ. އަޑުއަހަނީ އެއް ލަވަތަކެވެ. ކިޔަނީ އެއްފޮތެވެ. އުޅެނީ އެއްގޮތަކަށެވެ. ތިބެނީ އެއްގޮތަކަށެވެ. އިންޑިއާ އޮތީ ޖެހިގެނެވެ. ދިވެހިންނަށް ރަނގަޅު ގޮތް ދިވެހީންނަށް ނުމެއް އޮޅޭނެ އެވެ. އިންޑިއާ ފުރަތަމަ ހާރިޖީ ސިޔާސަތު އެއީ ދިވެހިންނަށް ރަނގަޅު ގޮތްކަމުގައި ދިވެހިން ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖެ ހިފުމަށް މަސައްކަތް ކުރި ބޭރުގެ ގައުމެއް ފެންނާކަށް ނެތެވެ. ރާއްޖެ އަށް ވެރިވެގަތުމަށް އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ވިޔަފާރިކަމު އެދޭ މީސްމީހުނާއި، ފޭރޭ މީހުނާއި ޓެރަރިސްޓް ޖަމާއަތްތަކެވެ. ގައުމަތަކެއް ނޫނެވެ. ޗޯލާ ވެރިކަމުން ވިޔަސް، އައްބާސީ ހަލީފަތުން ވިޔަސް، ތުރުކީ ދައުލަތުން ވިޔަސް، ޕޯޗްގީޒުން ވިޔަސް، ހޮޅީންނަށް ވިޔަސް، އިނގިރޭސިންނަށް ވިޔަސް އެއްވެސް ގައުމަކުން ރާއްޖެ ހިފާފައެއް ނެތެވެ. މިއަދު ވެސް ދިވެހިރާއްޖެ އަށް އޮތް ބިރުވެރިކަމެއް އޮތީ ޓެރަރިސްޓު ޖަމާއަތްތަކުން ނުވަތަ ޑްރަގު ވިޔަފާރީގެ ބަޔަކު ރާއްޖެއަށް ހަމަލާ ދީފާނެކަމުގެ ބިރުވެރިކަމެވެ. އިންޑިއާ ރާއްޖެ ހިފައިދާނެ ކަމުގެ ބިރުވެރިކަމެއް އެއްގޮތަކަށްވެސް އޮތް ކަމަށް ބުނާނެ އެއްވެސް މާހިރެއް، މުފައްކިރެއް ނުހުންނާނެ އެވެ.

ރާއްޖެއަށް އޮތް ނުރައްކަލުން ސަލާމަތްވުމަށް ދިވެހިން މިހާރު އަހަރެއްގެ މައްޗައް ހަތަރު ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރެ އެވެ. އެހެން ނަމަވެސް ހުރިހާ ނުރައްކަލުން ސަލާމަތްވެއްޖެ ކަމަށް ބުނެވޭކަށް ނެތެވެ. ޓެރަރިސްޓު ޖަމާއައްތަކުން ހާހެއްހާ މީހުނާއިއެކު ރާއްޖެ ހިފުމަށް މަސައްކަތް ނުކުރާނެ ކަމަށް ބަލައިގެންނުވާނެ އެވެ. އަދި އެފަދަ ބައެއް އަތުގައި ފިސާރި ބަރު ހަތިޔާރު ނުހުންނާނެ ކަމަށް ވެސް ދެކެވިގެން ނުވާނެއެވެ. މާލޭގައި ހުރި ހަތިޔާރަށް ވުރެން ގިނަ ހަތިޔާރާއިއެކު މާލެ ހިފުމަށް ބައެއްގެ ހިތަށް ވަދެދާނެ އެވެ. ރާއްޖެ އާއި އިންޑިއާ އާ ދެމެދުގައި ފުރިހަމަ ދިފާއީ ގާތްގުޅުން ތަކެއް ނެތްނަމަ، ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ ހިފުމުގެ ތަސައްވަރު މާތަނަވަސްކޮށް ކުރަމުން ގެންދާނެ އެވެ.

ދިވެހި ރާއްޖޭގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދެކެނީނަމަ، އިންޑިއާ ކަނޑުގައި އޮތުމަށް ދިވެހިން އެދޭ ދިވެހިންގެ ބޮޑު ދައުރު ކިތަންމެ ތަނަކުން ހަނިވާނެ އެވެ. "އިންޑިއާ އައުޓް" ޝިޔާރަށް ދިވެހިން ނުހެއްލޭނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ ވާދަވެރިންގެ އަމާޒަކީ ފިތުނަވެރިކަން އުފެއްދުމެވެ. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި އޮންނަ ގުޅުން ކިލަނބުކުރުމެވެ. މަގުސަދަކީ ވެރިކަމެވެ. ދިވެހި ވެރިންނަކީ ވެރިކަމުގެ އެދުމަށްޓަކައި ކޮންމެ ފަދަ ނުބައި ނުލަފާ ކަމެއްވެސް ކުރާ ބައެއް ކަމީ ދިވެހި ތާރީހު ދައްކާފައިވާ އެންމެ ބޮޑު ހަގީގަތެވެ.

އެޑިޓަރުގެ ނޯޓު


މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ލިޔުއްވުމެެކެވެ. މި ލިޔުމުގައި ވަނީ ލިޔުންތެރިޔާގެ ހިޔާލެވެ. މި ލިޔުން 'އަދަދު' ގައި ޝާއިއުކޮށްފައި މިވަނީ ލިޔުމުގެ އޮނިގަނޑާއި ހިޔާލަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ލިޔުންތެރިޔާ ލިޔުއްވާފައިވާ ގޮތަށެވެ.