Advertisement

ރޭގަނޑު ފެންނަ ހުވަފެންތައް އެންޒައިޓީގެ އަލާމާތަކަށް ވެދާނެ

20 ޑިސެންބަރު 2021 - 07:44 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ރޭގަނޑު ފެންނަ ހުވަފެންތައް އެންޒައިޓީގެ އަލާމާތަކަށް ވެދާނެ

20 ޑިސެންބަރު 2021 - 07:44 0

ރޭގަނޑު މި ފެންނަ ހުވަފެންތަކަކީ ހާދަ ޒާތެއްގެ ކަމެކެވެ. ބައިވެރިޔާއާ މާ ބޮޑަށް މައްސަލަ ޖެހޭ ދުވަސްކޮޅެއް ނަމަ ހުވަފެނުގައި އޭނާ ބޭވަފާތެރިވެ އެކަން ފަޅާއަރާ ތަން ފެނިދާނެ އެވެ. މަސައްކަތަށް ފަރުވާ ކުޑަކުރެވޭ ދުވަސްކޮޅެއް ނަމަ، ބޮސް އަހަންނާ ބައްދަލުކޮށް ނަސޭހަތްދޭން އުޅޭ ހުވަފެނެެއް ވެސް ފެނިދާނެ އެވެ. ނުވަތަ ބުޅާ ދެކެ ގަންނަ ބިރަކުން އެކަނި އަނދިރި މަގަކުން ހިގާލަން ނުކެރޭއިރު ހުވަފެނުގައި ވެސް އަބަދު ބުޅާ ފެންނަ ދުވަސްކޮޅެއް އައިސްދާނެ އެވެ. މިވަނީ ކީއްބާ އެވެ. ނުތަނަވަސްކަމުގައި ދުވާލު މި ހޭދަކުރާ ވަގުތުތަކުން މިންޖު ނުވެވިގެން އުޅޭ އިރު، ބިރުވެރި ހުވަފެން ތަކުން ރޭގަނޑުގެ ނިދި ވެސް މަހުރޫމު ކޮށްލަނީ އެވެ.

އެކަމަކު ސިކުނޑީގައި އަބަދުމެ އެނބުރޭ ނުތަނަވަސް ހިޔާލުތަކާއި ކަންބޮޑުވުންތައް ރޭގަނޑުގެ ހުވަފެނުގައި އައިސް ޝިކާރަ މި ކުރަނީ ކީއްވެބާ އެވެ؟ ހަމަ އަސްލުވެސް ކަމެއް ގޯސްވެގެން އުޅޭ ކަމުގެ ސިގުނަލް ދެނީބާ އެވެ؟ ނުވަތަ މިއީ ހުސް އަހަރެންގެ ހިތުގައި ހުރި ވަހުމުތަކެއްބާ އެވެ؟

އެންޒައިޓީ އާއި ބިރުވެރި ހުވަފެން

ހުވަފެނުގައި ތި ފެންނަނީ ހުސް ބޭކާރު ކަންކަމެއް ނޫނެވެ. ނަފްސާނީ ސިއްހަތުގެ ތަޖުރިބާކާރުން ބުނާގޮތުން، ހުވެފެންތަކުގައި ފެންނަ ގިނަ ކަންކަމަކީ އަހަރެމެންގެ އެންޒައިޓީއާ ގުޅިފައިވާ ކަންކަމެވެ.

”ކަންބޮޑުވެ ނުތަނަވަސް ކުރުވާ ހިޔާލުތައް ނިދީގައި އަހަރެމެންނާ ހިސާބަށް މި އަންނަނީ ގޯސް ހުވަފެން ނޫނީ ސްޓްރެސް ހުވަފެނުގެ ގޮތުގައި“ ސަައިކޭޓްރީއާ ސައިކޮލޮޖީ އަދި ސްލީޕް މެޑިސިން އިން ސްޕެޝަލައިޒް ވެފައިވާ ޑރ, އެލެކްސް ޑިމިޓްރިއު ވިދާޅުވި އެވެ.

އެންޒައިޓީ އަކީ ދިމާވާ ކަންކަމުގައި މާބޮޑަށް ހާސްވެ، ދެރަވެފައި ހުރުމާއި، ބިރުގަނެ އަދި ފިކުރުބޮޑުވެފައި ހުރުމާއި ކަމަކާ ކުރިމަތިލާން އުނދަގޫވުން ފަދަ އެތައް އިހުސާސްތަކެއް މީހާއަށް ކުރިމަތިކުރުވާ ކަމެކެވެ. މި އިހުސާސްތައް ހަޔާތުގައި ދިމާވާ ތަފާތު ކަންކަމުގައި ކޮންމެ މީހަކަށް ވެސް ކޮންމެވެސް ވަރަކަށް ދިމާވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިގޮތުން ކަންބޮޑުވެ ސްޓްރެސް ވެގެން އުޅޭ ދުވަސްކޮޅެއް ނަމަ ކުރިމަތިލާފައިވާ ޓެސްޓަކުން ފާސްނުވުމާއި, ދަތުރެއް ކުރަންޖެހިފައި އޮތް ނަމަ ފުރާ ގަޑިއަށް ނުދެވުމާއި މިފަދަ ކަންކަން ހުވަފެނުގައި ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ހިޔާލުތަކުގެ ސަބަބުން ނިދިންވެސް އަވަސް އަވަހަށް ހޭލެވި ނިދި ހަރުނުލާ ގޮތް ދިމާވެ އެވެ.

ނިދީގައި ހުވަފެން ފެންނަނީ ކީއްވެގެން ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެހެންނަމަވެސް ބައެއް ނަފްސާނީ އިލްމުވެރިން ގަބޫލުކުރާ ގޮތުގައި މިފަދަ ހުވަފެންތައް ފެނުމަކީ ހެޔޮ ފާލެކެވެ. ސަބަބަކީ މިފަދަ ހުވަފެންތައް މި އިޝާރާތްކުރަނީ ވަކި ކަމެއް ގޯސްވެދާނެކަން ނުވަތަ ވެއްޖެނަމަ ކުރަންވީ ކީއް ކަމެވެ. ނުވަތަ އެކަމަކާ ކުރިމަތިލާންވީ ގޮތެވެ.

އެންޒައިޓީގެ ސަބަބުން ދިމާވާ ހުވަފެންތަކުން ދުރުހެލިވާނީ ކިހިނެއް؟

މިއީ މުޅިއަކުން ދުރުވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހޭލާ ހުންނަ ވަގުުތުތަކުގައި ތިމާގެ އެންޒައިޓީ ކޮންޓްރޯލް ކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މިގޮތުން އެންމެ މުހިންމީ މީހާގެ ސިކުނޑި ހަމަޖެހި ތާޒާ ވެލާނެ ވަގުތުކޮޅެއް ހުސްކުރުމެވެ.

”އެކި މީހުންގެ މެސެޖުތަކާއި, މަަސައްކަތާއި އެކި މީޑިއާތަކުން މިފެންނަ އެއްޗެހިން ސިކުނޑި މި ހުންނަނީ މުޅި ދުވާލު ފުނިޖެހިފައި. އިތުރަށް ކަންކަމާމެދު ވިސްނާ ހަމަޖެހިލުމަކަށް ފުރުސަތެއް ނޯވޭ. ދެން އެ ހުރިހާ ހިޔާލުތަކާއި މި ކުރިމަތިލާންޖެހެނީ ރޭގަނޑު މިހާ ނިދަން އޮށޯވެ ހަމަޖެހިލުމުން“ ޑރ.ޑިމިޓްރޫ ވިދާޅުވި އެވެ.

އެހެންކަމުން ދުވާލު ކޮންމެވެސް ވަގުތެއް ހޯދާލައިގެން ހިނގާލަން ދިއުން, ނުވަތަ ރަހުމަތްތެރިންނާ ބައްދަލުވެ ވާހަކަ ދައްކާލުން, މެޑިޓޭޓް ކުރުން ނުވަތަ ޖާނަލް ކުރުމަކީވެސް އެންޒައިޓީއާ ނެގެޓިވް ހިޔާލުތަކުން ދުރުވުމަށް ކުރެވިދާނެ ކަމެކެވެ.

އެއާއެކު ނިދުމުގެ ކުރިން ފޯނާ ދުރުވެ, ކަންބޮޑުވާ ކަންކަމާއި ކުރިމަތިލާނެ ގޮތްތަކެއް ވިސްނާ ހޯދުމަކީ ކޮންމެހެން ވެސް ކުރުން މުހިންމު ކަމެކެވެ. ހާއްސަކޮށް އިންސޯމްނިއާ އާއި ސްޓްރެސް ޑްރީމްސް ފަދަ ކަންކަން ކުރިމަތިވާނަމަ ކޮންމެ ދުވަހަކުވެސް ނިދަން އޮށޯތުމުގެ ކުރިން 20-30 މިނިޓު ފިކުރު ބޮޑުވާ ކަންކަަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ ލިބޭނެ ވަރަށް ބޮޑު ލުއެކެވެ.

ބައެއް ހުވަފެންތަކަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ކަމަކަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް ރޭގަނޑުގެ ނިދި ހަރާބުކޮށްލާ އޭގެ ސަަބަބުން އުނދަގޫތަކެއް އާންމު ދިރިއުޅުމަށް ފޯރާނަމަ ދެން މި ޖެހެނީ ލުއެއް ހޯދަން މަސައްކަތް ފަށައިގަންނާށެވެ.