Advertisement

ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭން ގައުމީ ހެލްޕްލައިނެއް ގާއިމުކޮށްފި

21 ފެބުރުވަރީ 2024 - 16:09 0

ނިމާ ހަސަން

ނިމާ ހަސަން

ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ގައުމީ ހެލްޕްލައިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ


ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭން ގައުމީ ހެލްޕްލައިނެއް ގާއިމުކޮށްފި

21 ފެބުރުވަރީ 2024 - 16:09 0

ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭން ގައުމީ ހެލްޕްލައިންއެއް މިއަދު އިފްތިތާހްކޮށްފި އެވެ.

ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ހޯދަން ގުޅަން މިއަދު އިފްތިތާހު ކުރި ހެލްޕްލައިނަކީ 1677 އެވެ. އެއީ 24 ގަޑިއިރު, ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިދުމަތް ދޭ ގޮތަށް އިފްތިތާހު ކުރި ހެލްޕްލައިނެކެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްޕްލައިން އިފްތިތާހު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

ނަފްސާނީ ފުރަތަމަ އެހީދޭ މި ހެލްޕްލައިނުން އެފަދަ މައްސަލަ ހައްލު ކުރުމުގައި އެހީތެރިވުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ގުޅުންހުރި ހިދުމަތްތަކަށް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ހަދައިދެވޭނެ އެވެ.

މި ހެލްޕްލައިން މެދުވެރިކޮށް ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަދި ނަފްސާނީ ގޮތުން އުނދަގޫ ހާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ސައިކޯ-ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީ, ވާހަކަތައް ހިއްސާކުރެވޭނެފަދަ މާހައުލެއް ގާއިމުކުރުމަކީ ވެސް މި ހެލްޕްލައިނުގެ މަގުސަދެކެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ14 ގައި ހިމެނޭ ވައުދުފުޅެކެވެ.