Advertisement

ނަފުސާނީ ބަލިތަކަށް ފަރުވާދޭ މީހުން އިތުރުކުރެވޭނީ މުސާރަ ރަނގަޅުކޮށްގެން: ހަލީމް

17 ޖަނަވަރީ 2024 - 10:52 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް، ގޮންޖެހުންތަކާއެކު ވެސް މިހާރު ހުރި ކެޕޭސިޓީއިން ދެވެން އޮތް އެންމެ ރަނގަޅަށް ހިދުމަތް ދެމުން އަންނަކަމަށް ވިދާޅުވި -- ފޮޓޯ: މިރާން / އަދަދު


ނަފުސާނީ ބަލިތަކަށް ފަރުވާދޭ މީހުން އިތުރުކުރެވޭނީ މުސާރަ ރަނގަޅުކޮށްގެން: ހަލީމް

17 ޖަނަވަރީ 2024 - 10:52 0

ނަފްސާނީ ފަރުވާގެ ދާއިރާގައި މަސައްކަތް ކުރާ މީހުން މަދުވުމުގެ އެއް ސަބަބަކީ މުސާރައިގެ އޮނިގަނޑު ތަފާތުވުން ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަލީީމް ވިދާޅުވީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުން ހިދުމަތް ދިނުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެކަން އެހެން އޮތް އިރު އޭނާ ވިދާޅުވި ގޮތުގައި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް އެބަ ހުއްޓެވެ.

ހަލީމް ވިދާޅުވި ގޮތުގައި ނަފްސާނީ ފަރުވާގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މުސާރައިގެ އޮނިގަނޑު ކަމުނުދިޔުމެވެ. އެ ދާއިރާގައި މަސައްކަތް ކުރާ މީހުން މަދުވުމުގެ އެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަފްސާނީ ފަރުވާ ދޭ ޑޮކްޓަރުންގެ އިތުރުން އެކި ތެރަޕީ ދޭ މީހުންވެސް ރާއްޖޭގައި މަދުކަމަށާއި އެކަމުގެ ސަބަބަކީ މުސާރައިގެ އޮނިގަނޑުގައި މައްސަލަތަކެއް ހުރުން ކަމަށް ވެސް އޭނާ ވިދާޅި އެވެ.

"ޕްރޮފެޝަނަލީ ކިޔަވައިގެން ތިބި އަދި ޓްރެއިން ވެފަ ތިބި މީހުން މަދު، ދާއިރާއަށް ޝައުގުވެރިވާ މީހުން ވެސް މަދު، އޭގެ އެއް ސަބަބު ކަމަށް ބެލެވޭ ނަފްސާނީ ފަރުވާ ފޯރުކޮށްދޭ ދާއިރާގެ މީހުންނަށް ކަނޑައެޅިފައިވާ ޕޭ ސްޓްރަކްޗަރ ތަފާތުވުން، އެކަމުގަ އެބަހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް އައިސްފައި، އެކަންކަން ޕޭ ކޮމިޝަން އަދި މިނިސްޓްރީއާ ވެސް ހިއްސާކޮށްފައި ވާނެ، އުންމީދު ކުރަނީ އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް،" ހަލީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުސާރައިގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވިއްޖެނަމަ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް އިތުރުވާނެ އެވެ.

ނަފްސާނީ ފަރުވާ ހޯދާ މީހުންނަކީ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ދިގު މުއްދަތަކަށް ތެރަޕީ ސެޝަންތައް ނަގަންޖެހޭ ބަޔަކަށް ވާތީ ހިދުމަތް ދޭން ތަމްރީން ވެފައި ތިބި މީހުންގެ އަދަދުވުމުން ދަތިތައް ކުރިމަތިވެ އެވެ. ފަރުވާ ހޯދަން އަންނަ މީހާ ވަކި އަދަދަކަށް ދުވަސް ހަމަ ކުރުމަށް ފަހު އަލުން ސެޝަންތައް ނަގަން ޖެހޭ އިރު، އެކަމުގެ ސަބަބުން އަލަށް ފަރުވާ ހޯދަން އަންނަ މީހުން ވެއިޓިން ލިސްޓު ނުވަތަ ކިޔުގައި ތިބެންޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ތެރަޕީ ސެޝަންތަކަކީ ރެގިޔުލާ އިންޓަވަލްގައި، ވަކި އަދަދެއްގެ ސެޝަންތައް ހަމަވަންދެން ދޭން ޖެހޭ އެއްޗެއް، މިއަދު ތެރަޕީ ދީފައި ދެ ދުވަސް ފަހުން ދޭން ޖެހޭނަމަ ހަމަ ދެ ދުވަސް ފަހުން ތެރަޕީ ދޭން ޖެހޭނީ، ހަފްތާއެއް ނޫނީ މަހެއް ވަންދެން މަޑެއް ނުކުރެވޭނެ، އެގޮތަށް އެކަން ވާނަމަ ތެރަޕީ ދިނުމުގެ ބޭނުމެއް ވެސް ނެތް،" ހަލީމް ވިދާޅުވި އެވެ.

ސައިކޮލޮޖީ ނުވަތަ ނަފްސާނީ ފަރުވާގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށްފަހު، ގިނަ ބަޔަކު އެ ދާއިރާގެ ބަދަލުގައި އެހެން ދާއިރާތަކުގައި މަސައްކަތްކުރުމަށް އިހްތިޔާރުކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ގޮންޖެހުމެކެވެ.

"ކޮންމެ ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރި ކަމުގައި ވިޔަސް އެ ދާއިރާއަކަށް ޝައުގުވެރިކަން ހުންނަން ޖެހޭ، ވަރަށް ކޮމިޓްވެގެން ތިބި މީހުން ވެސް އެބަ ތިބި، އެކަމަކު އަޅުގަނޑަށް އެނގޭ ބައެއް މީހުންވެސް އެބަ ތިބި ސައިކޮލޮޖީ ކިޔަވާފަ މުޅިން އެހެން ދާއިރާއެއްގައި މަސައްކަތް ކުރާ މީހުން އެބަ ތިބި،" ސީއީއޯ ވިދާޅުވި އެވެ.

ނަފްސާނީ ފަރުވާގެ ދާއިރާގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވައި މިއީ ވަރަށް ބޮޑަށް ޑިމާންޑް އޮތް ދާއިރާއެއްކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި، އާ މީހުން ތަމްރީން ކުރެވިއްޖެނަމަ ފަރުވާ ދިނުމަށް ހުރި ދަތިތަކަށް ވެސް، ދާއިމީ ހައްލެއް އަންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާއެކު ވެސް މިހާރު ހުރި ކެޕޭސިޓީއިން ދެވެން އޮތް އެންމެ ރަނގަޅަށް ހިދުމަތް ދެމުން އަންނަކަމަށެވެ.

ސަރުކާރު ހޮސްޕިޓަލެއްގައި ނަފްސާނީ ފަރުވާ ދިނުމަށް ސެންޓަރެއް އެންމެ ފުރަތަމަ ގާއިމް ކުރީ 2019 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މިފަދަ ސެންޓަރެއް ހުޅުވައި އެތަނުން ވެސް ނަފްސާނީ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ.