Advertisement

އޯޓިސްޓިކް ޕިއާނިސްޓް: 11 އަހަރުގެ އާލްގެ ހުނަރުން އަޖައިބު ވެދާނެ

11 ޑިސެންބަރު 2021 - 10:16 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

އަޔާން އާލް ބިން އަހުމަދު ނާސިރު: ބައިނަލްއަގުވާމީ އޯޓިސްޓިކް ޓެލެންޓް ގާލާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ މޯސްޓް ޓެލެންޓް ކިޑް ގެ އެވޯޑު ހޯދާފައިވޭ --- ވީޑިއޯ: އާއިމް ޒަމީރު / އަދަދު


އޯޓިސްޓިކް ޕިއާނިސްޓް: 11 އަހަރުގެ އާލްގެ ހުނަރުން އަޖައިބު ވެދާނެ

11 ޑިސެންބަރު 2021 - 10:16 0

ހުކުރު ދުވަހުގެ ކެއުމުން އަވަދިވެގެން މި އިންޓަވިއު އެއް ނެގުމަށް ހާއްސަކޮށްފައިވާ ގެއާ ކައިރިކޮށްލި އިރު ފަސް ވަރަކަށް މިނިޓު އަހަރެމެން ގަޑި ޖެހިއްޖެ އެވެ. އޭރު، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން މަގާ ވީ ފަޅިއަށް ހުރި ބެލްކަނީ އަށް ނިކުމެ ހުރި އަންހެނަކު އަހަރެމެންނަށް އަތުން ހަނާ އަޅަ އެވެ. އިމާރާތަށް ވަނުމަށް ހުރި ދޮރަށް އިޝާރާތް ކުރަމުން މައްޗަށް އަރަން ބުނުމުން ކެމެރާމަނާއި ވީޑިއޯގުރަފަރުގެ ފަހަތުން ފުރަތަމަ ފުލޯގެ ސިޑީގެ އެންމެ މައްޗަށް އެރުނު އިރު މަރުހަބާ ކިޔަން ނިކުމެ ހުރީ ބެލްކަނީގައި ހުރި އަންހެން މީހާ އެވެ. ޖެހިގެން ހުރީ އުފަލުން ފޮޅިފައި ހުރި ކުޑަ ފިރިހެން ކުއްޖެކެވެ. އެއީ އަހަރެމެންގެ މި ހާއްސަ އިންޓަވިއުގެ ކުޑަކުޑަ މެހުމާނެވެ. އެގާރަ އަހަރުގެ އަޔާން އާލް ބިން އަހުމަދު ނާސިރު (އާލް) އެވެ. ދެން އެހުރީ އާލްގެ މަންމަ، ޝިފާނާ އަލީ މުހައްމަދެވެ.

ބަރު ސާމާނުތަކާ އެކު އަހަރެމެން ހަމަ ވަނުމާއެކު ހުއްޓުމެއް ނެތި ވާހަކަ ދައްކަން ފެށި އާލް ވަގުތުން ބޭނުންވީ އޭނާގެ ހުނަރު ދައްކައިލާށެވެ. ހަލުވިކޮށް ދުވެފައި ގޮސް ސިޓިންރޫމްގެ އެއް ބަޔަށް ވާގޮތަށް ބަހައްޓާފައި ހުރި ޕިއާނޯ ހުޅުވައި ސީޓުގައި ހަމަޖެހިލުމަށްފަހު އިއްވައިދިނީ އޭނާ އެންމެ ގިނައިން ބަލާ ދިވެހި ޗެނަލުގެ ތީމް ރާގެވެ. އެއަށްފަހު އަމިއްލަ ޕްލޭ ލިސްޓަކަށް ފުލުފުލުގައި ރާގުތައް ކުޅެމުން އިއްވަމުން ދިޔައިރު އަހަރެމެންނަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ.

އާލް އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ކުއްޖެކެވެ. އުމުރުން އެންމެ ހަ އަހަރުގައި ބައިނަލްއަގުވާމީ އޯޓިސްޓިކް ޓެލެންޓް ގާލާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ މޯސްޓް ޓެލެންޓް ކިޑް ގެ އެވޯޑު ހޯދާފައިވާ ކުއްޖެކެވެ. އޭގެ ފަހުން ހާއްސަ ހުނަރާއި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ’ރިވެލި އެވޯޑް" އާއި "ރިވެލި ތަރި" އެވޯޑްވެސް ހާސިލް ކޮށްފަ އެވެ. ނަމަވެސް އާލްގެ ހުނަރުވެރިކަމުގެ ވާހަކަ ހަމައެކަނި މީގެ އެވޯޑަކުން ފާހަގަކޮށް ނިންމާލެވޭ ވަރަށް ވުރެ މާ ހާއްސަ އެވެ. އެއަށްވުރެ މާ ހިތްގައިމުވެސްމެ އެވެ.

އާޅް ޕިއާނޯ ކުޅެނީ-- ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު


އެންމެ ކުޑައިރުވެސް މިއުޒިކަށް އޮތް ލޯބި ފާހަގަވި

އާލްގެ ކިބައިގައި އޯޓިޒަމް ހުރިކަން ދެނެގަނެވުނުއިރު އޭނާގެ އުމުރުން އެންމެ 18 މަހެވެ. މީހުންނާ ކިރިޔާވެސް އަނގައިންބުނެ ވާހަކަ ދެކެވެން ފެށުނުއިރު އުމުރުން ތިން އަހަރު ވެއްޖެ އެވެ. ވާހަކަ ދައްކަން ފެށުމުގެ މާ ކުރިންވެސް އާލްގެ ކިބައިން މި ހުނަރު ފާހަގަވާން ފެށި އެވެ. އާލްގެ މަންމަ ޝިފާނާ ބުނިގޮތުގައި ކުޑައިރުއްސުރެވެެސް އާލް އަށް އަޑުއިއްވި އެކި"ނާސަރީ ރައިމްސް“ ނިކަން ފަސޭހައިން އޭނާ ނަގައިގަނެ އަމިއްލަ އަށް ކިޔާ އުޅެ އެވެ. އަދި ބޮޑުވަމުން އައިވަރަކަށް ބީޓް ބޮކްސް ކުރުމާ, ކުޅޭ ކުޅޭ ޕިއާނޯ އާއި ގިޓާ އަދި ޑްރަމް ކުޅުމަށްވެސް ޝައުގުވެރިވި އެވެ.

އެހިސާބުން ފެށިގެން އާލްގެ ކިބައިގައި ހުރި މި ޝައުގާއި ހުނަރު ކުރިއެރުވުމަށް އޭނާގެ މައިންބަފައިން މަސައްކަތް ފެށި އެވެ. މިގޮތުން ޓެލެންޓް ގާލާގައި ބައިވެރިވުމުގެ ފުރުސަތު އާލް އަށްލިބުނީ އޯޓިޒަމް އެސޯސިއޭޝަން މެދުވެރިކޮށެވެ.

އާލް --- ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު


ލޮކްޑައުން އާއި މާމަގެ ވަކިވުން އަދި ޕިއާނޯގެ ފެށުން

ކޮވިޑްގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެވި ތާށިވެފައި ތިބެން ޖެހުމަކީ އާލް ފަދައިން ހާއްސަ އެހީއަށް ބޭނުންވި އެތަށް ކުދިންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު ކަމެކެވެ. ފުރަބަންދުގެ ފުރަތަމަ ތިން މަސް އާދައިގެކޮށް ވޭތުކުރެވުނަސް, މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ ކޮވިޑު ޖެހި ކުއްލި ގޮތަކަށް ލޯބިވާ މާމަ މި ދުނިޔެއާ އަލްވަދާއު ކި ހިސާބުން އާލްގެ މުޅި ދިރިއުޅުންވެސް ބަދަލުވި ކަހަލަ އެވެ.

"މާމައާ ވަރަށް ގާތްކޮށް އަބަދުވެސް އާލް އުޅުނީ. ދެން އެއް ގެއެއްގެ ތެރޭގައި މިހެން އުޅެފައި ވަކިވެދިޔައިމަ އޭގެ އަސަރު ވަރަށް ބޮޑަށް ކުރި. ކިޔައިދިނަސް އެންމެ ރަނގަޅަކަށް އަސްލު އާލް އަކަށް ނޭނގުނު އެކަމެއް. އަދިއަދަށްވެސް ސްކޫލްއިން ހަމަ އަންނަގޮތަށް ބަދިގެ ތެރެއާ ތަންތަން ބަލާ ހޯދާނެ. އެއީ މާމަ އަބަދުވެސް ހުންނާނެ އޭނަ އަށް މީރު ކޮންމެވެސް އެއްޗެއް ބަހައްޓާފައި" އާލްގެ މަންމަ ފަރާތު މާމަ ވަކިވެދިއުމާއި އެކު ކުރި އަސަރު މަންމަ ޝިފާނާ ކިޔައިދިނެވެ.

މި ހިތްދަތިކަމުން އަރައިގަނެ އާލްގެ ދިރިއުޅުން ހަމައަކަށް އެޅުވުމަށްޓަކައި އެހީތެރިކަމަކަށް އަތްފުނާއަޅަމުންދިޔަ އާލްގެ މަންމައަށް ޕިއާނޯ ކްލާހުގެ ހިޔާލު ދިނީ ކެއާ ސޮސައިޓީގައި މަސައްކަތްކުރާ އާލްގެ ކުރީގެ މުދައްރިސެކެވެ.

މި ކްލާހަކީ އާލް ފަދައިން ހާއްސަ އެހީއަށް ބޭނުންވެފައި ތިބި ކުދިންނަށް މިއުޒިކްގެ އެހީގައި ތެރަޕީ ދިނުމަށްޓަކައި ޓައިމް އެކަޑަމީ އޮފް ޕާފޯމިން އާޓްސް އިން ފެށި ހާއްސަ ޕްރޮގްރާމެކެވެ.

އަމިއްލަ ރާގުތައް ހެދުމުގެ އިތުރަށް ގިނަ ދުވަސްތަކެއްވަންދެން ސްކޫލްތަކުގައިވެސް މިއުޒިކް ކިޔަވައިދެއްވާ ބޭންޑްތައް ތަމްރީނު ކުރުމުގައި ހަރަކާތްތެރިވި ޝާޒް ސައީދު ބުނިގޮތުގައި ކްލާހަށް އައި ފުރަތަމަ ދުވަހުވެސް އާލްގެ ކިބައިގައި ހުރި ހުނަރުގެ ތަފާތުަކަން ފާހަގަވި އެވެ.

” އާލް އެއީ އެންމެ ފުރަތަމަ ކްލާހަށް ޖޮއިން ކުރި ތިންކުދިންގެ ތެރެއިން އެއް ކުއްޖަކު.. ފުރަތަމަ ދުވަހުވެސް ކްލާހަށް ވަދެ އައީ ކީބޯޑް ކައިރިއަށް. އައިސް އެލްޖީ ވޮށިން މެޝިން ޓާން އޮން ދެން އެލްޖީ ވޮޝިން މެޝިން ޓާން އޮފް ކިޔާފައި ރާގެއް މި ކުޅެލަނީ. އަޅުގަނޑު ހަމަ ހައިރާންވި އެއީ އާލް ބައްޕަ ބުނި ހަމަ މުޅިން އަލަށޭ ކީބޯޑެއް މިގޮތަށް މި ފެނުނީވެސް ކުޅުނީވެސް“ އާލްއާ ބައްދަލުވި ފުރަތަމަ ދުވަހުގެ ހަނދާންތައް ޝާޒް ހިއްސާކުރި އެވެ.

އާލްގެ ހުނަރާއި ގާބިލްކަން ހަމަ ތަފާތު

ޝާޒް އިތުރަށް ބުނިގޮތުގައި އާލް އަށް ލިބިފައިވާ މި ހުނަރަކީ އާންމު ކުދިންގެ ތެރެއިންވެސް ކޮންމެ ހާހަކުން އެއް ކުއްޖެއްގެ ކިބައިގައި ހުންނަ "ރިލޭޓިވް ސައުންޑް ޕިޗް" ގެ ގާބިލް ކަމެވެ. އޯޓިޒަމް ހުންނަ ގިނަ ކުދިންނަކީ އިންޓެލިޖެންޓް ކުދިންނަށްވާއިރު މިއީ އާލްއަށް ލިބިފައިވާ ހާއްސަ ހުނަރެއް ކަމަށް ޝާޒް ގަބޫލުކުރެ އެވެ. ނޯޓްސް އާއި ކޯޑްސް ދަސްކުރުމުގެ ބަދަލުގައި އާލްއަށް ރާގެއް އިވުމުން ހަމަ ސީދާ އެ ރާގެއް އޭނާ ޕިއާނޯ އިން ކުޅެލަ އެވެ.

އެއާއެކު ތެރަޕީ ކްލާހުގެ ބަދަލުގައި އާލް ފެށީ "ޖޯން ތޮމްޕްސަންގެ ޕިއާނޯ ބިގިނާސް" ކޯހެވެ. އަދި މަސައްކަތް ކުރަމުން ދަނީ މި އަންނަ އަހަރު ލަންޑަން ޓްރިނިޓީ ކޮލެޖް ކްލެސިކަލް ޕިއާނޯ ކްލާހުގައި ބައިވެރިވެ އިމްތިހާނު ފުރިހަމަ ކުރުމަށެވެ.

އަޅުގަނޑު އެންމެ އަޖައިބުވި އެއް ދުވަހަކީ މިޝަން އިމްޕޮސިބަލް ކުޅެލި ދުވަސް. އާލް ބައިންދާފައި އޭތި ޖަހާފައި ފެން ތައްޓެއް ހިފައިން އައިއިރު އެ ރާގު މި ކުޅެނީ. ގާތްގަނޑަކަށް ދޮޅު މިނިޓެއްހާއިރު ވާނީ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭ ފެށި ޕިއާނޯ ކްލާހަށް އާލް ދަނީ ހަފްތާގެ ދެ ދުވަހު އެވެ. ފެށިތާ ހަތަރުވަނަ ކްލާހުގައި އާލް އަމިއްލައަށް ޕިއާނޯ ކުޅެން ފެށިއިރު މިއަހަރުގެ ކުރީކޮޅު ބާރަ ވަރަކަށް ރާގު ކުޅެން އެކަނި ދަސްކުރި އެވެ.

އާލްފަދަ ކުއްޖަކަށް ކިޔަވައިދިނުމަކީ ހުދު ޓީޗަރުންނަށްވެސް ޗެލެންޖެކެވެ. ޕިއާނޯ ނޯޓްސް ދަސްކުރުމަށްޓަކައި އާލްގެ އިނގިލީގައާއި ކީބޯޑްގައި ވަކިވަކި ކުލަތައް ޖައްސައިގެން ބޭރުގެ ޓީޗިން އެއިޑްސްތަކާއި އުކުޅުތައް ނަކަލު ކުރަމުން ކިޔަވައިދޭއިރު އޭނާގެ ސަމާލުކަން ނުގެއްލި އަދި ޝައުގުވެރިކަން ކްލާސް ނިމެންދެން ބެހެއްޓުމަކީ ކިިހާ ވަރެއްގެ މަސައްކަތެއްކަން ދެގަޑިއެއްހާއިރުގެ މި އިންޓަވިއު ނިމުނު އިރު އަހަރެމެންނަށްވެސް އިހުސާސް ކުރެވުނެވެ.

އަމިއްލަ އަށް ބޭނުންވާ ލަވަތައް ހޯދައިގެން އެ ލަވައަކާ އެއްވަރަށް އާލް ޕިއާނޯ އިން ރާގު ކުޅެ ހަމަ އެހާމެ ރީތިކޮށް އެ ލަވަ ކިޔަމުންދިޔައިރު މިއީ ތަފާތު ކުއްޖެއްކަން ހީވެސް ނުވެ އެވެ. އާލްގެ އިނގިރޭސި ބަސްމޮށުންތެރިކަންވެސް އެހާމެ ފުރިހަމަ އެވެ. އަދި ކޮންމެ ލަވައެއްވެސް ހުށަހަޅާދެނީ އެ ލަވައެއްގެ އިހުސާސްތަކާއި ސްޓައިލަށް ފެތޭނެ ހެންނެވެ.

އާލްގެ މި ހުނަރާއި ފަންނަކީ ފެންނަ ކޮންމެ މީހަކުވެސް ’ކޮސް‘ ކޮށްލާނޭ ކަމެކެވެ. މި ކްލާސްތަކާއި އެކު އާލްގެ އުޅުމަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެއާއެކު ޓައިމްސްގެ ފަރާތުން ޝާޒް ދިން އެންމެ އުފާވެރި ހަބަރަކީ އާލްގެ ހުނަރު ދައްކާލުމަށް އެއް ގަޑިއިރުގެ ކޮންސެޓެއް އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމެވެ.

އާލްގެ އާއިލާ-- ފޮޓޯ: ޝާބިން އިލްހާމް ރަޝީދު / އަދަދު


އުންމީދަކީ އާލް އަށް އެކަނި އުޅެވޭ ވަރު ކޮށްދިނުން

ތާޖުއްދީން ސްކޫލްގައި ތައުލީމު ހާސިލްކުރަމުންދާ އާލްއާ މެދު އޭނާގެ މައިންބަފައިން ކުރާ އުންމީދު ބޮޑެވެ. އެ ދެމީހުންގެވެސް އެންމެ ބޮޑު އުންމީދަކީ އާލްއަކީ އެހެން މީހަކަށް ބަރޯސާ ނުވެ އެކަނި ކަންކަން ކޮށްލެވޭ ވަރުގެ ގާބިލް މީހަކަށް ހެދުމެވެ. ތައުލީމަކީ މުހިންމު ކަމެއް ނަމަވެސް އެއަށްވުރެ މުހިންމީ ދިރިއުޅުމުގެ ހުނަރުތައް އާލްގެ ކިބައިގައި އަށަގަނުވާ ދިރިއުޅެން ދަސްކުރުންކަމަށް އާލް ގެ ބައްޕަ އަހްމަދު ނާސިރު ބުންޏެވެ.

އާލް އަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއްކަން އެނގުނު ހިސާބުންވެސް މި ދެމަފިރިންގެ އަމާޒަކީ އެއީ އެވެ.. އާލް އަށް ބޭނުންވާ ތެރަޕީގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ލަންކާގައިވެސް ދެ އަހަރެއްވަރު ދިރިއުޅުނު އިރު މާލޭގެ މާހައުލުން އުނދަގޫވި ތަފާތު ތަޖުރިބާތަކެއް ކުަރަންޖެހުނެވެ.

"އެއް ސްކޫލުން މޫނު މައްޗަށް ބުނެލި ތިކަހަލަ ކުއްޖެއް ނުވެއްދޭނެ އޭ.. އޭރުން އެހެން ކުދިންނަކަށްވެސް ނުކިޔެވޭނެ އޭ. ދެން ވެއްދި ސްކޫލުން ބުނި ވަރަށް ރަނގަޅަށް ބަލާނަމޭ. އެކަމަކު ބަލާދާއިރު މި އިންނަނީ ބާކީވެ އެކަނިވެފައި. މަގުމަތިން ދާއިރުވެސް އުނދަގޫވާވަރަށް މީހުން ވަރަށް ބަލާނެ. އަނެއްކާ ތެރަޕީތައް ލިބުމުގައި ވެސް އެތަށް މަސްތަކެއް މި ތިބެންޖެހެނީ އިންތިޒާރުގައި," ޝިފާނާ ބުންޏެވެ.

އެ އުނދަގޫތަކާއެކު ވެސް، މިއަދު އާލް ބަލައިގަންނަ އަދި އާލްއަށް އެހީތެރިވެދޭ ކުދިންތަަކަކާއި އެކު ކިިޔެވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމުގައި ޝިފާނާ ގަބޫލުކުރެ އެވެ. ސްކޫލްގެ އިތުރަށް ހަފްތާގެ ހަތަރު ދުވަހު އާލް ކެއާ ސޮސައިޓީގެ ކްލާސްތަކަށްވެސް ދެ އެވެ. އާލްގެ ބައްޕަ އަކީ އެއާޕޯޓުގެ ފަޔާމަަނަކަށްވުމުން ކުދިން އެކި ކްލާސްތަކަށް ގެންގޮސް ގެނެސް ހަދަނީ ޝިފާނާ އެވެ.

އޭނާ ބުނާގޮތުން އާލް އާއި ހަގު ދަރިފުޅުގެ ކަންކަން ކުރެވެނީ ލެބް ޓެކްނޮލޮޖިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާ ޝީ އިން ދޭ އެހީތެރިކަމާ އެކުގައި އެވެ. އަދި އާއިލާއާ ގާތް ރަހުމަތްތެރިންގެ ފަރާތުން ވެސް ލިބޭ އެހީތެރިމަށް މި ކުޑަކުޑަ އާއިލާ އޮތީ ޝުކުރުން ފުރިފަ އެވެ.