10 ޑިސެންބަރު 2021 - 08:15 0
10 ޑިސެންބަރު 2021 - 08:15 0
މިއުނިކް (ޑިސެމްބަރު 10) - ކޮވިޑް-19 ޖެހުމާ ގުޅިގެން ބަޔާން މިއުނިކްގެ ޖަރުމަނު މިޑްފީލްޑަރު ޖޯޝުއާ ކިމިކްގެ ފުއްޕާމޭ އަށް ގެއްލުންވެ އޭނާ އަށް މި އަހަރު ކުޅުމަށް އެނބުރި ނާދެވޭނެކަން ކަށަވަރުވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ ކިމިކް އަކީ މީގެ ކުރިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދި ކުޅުންތެރިއެކެވެ. މިދިޔަ މަހު އޭނާ ކޮވިޑަށް ޕޮޒިޓިވްވެގެން ވަނީ އެޑްމިޓްކޮށްގެން ވެސް ފަރުވާދީފަ އެވެ. ކޮވިޑް ބަލީގައި ކިމިކް ކަރަންޓީނަަށް ލާފައި ހުރި މުއްދަތުވަނީ ބުދަ ދުވަހުގެ ނިޔަލަށް ހަމަވެފަ އެވެ.
ކަރަންޓީނު މުއްދަތު ހަމަވުމަށް ފަހު އެނބުރި ޓީމު ކޭމްޕާ ގުޅެން ހުއްދަ ލިބުނު ނަމަވެސް ކިމިކަށް އަދި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެެރިވެެވެން ނެތެވެ.
ކިމިކް ބުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓްތަކުން ފާހަގަވި ކަމަކީ ކޮވިޑް ޖެހިގެން އޭނާގެ ފުއްޕާމޭ އަށް ލިބުނު ގެއްލުން އެއްކޮށް ރިކަވާނުވާ ކަމެވެ.
"ޓީމާ އެކު އެނބުރި ދަނޑަށް މެޗެއް ކުޅެލަން ދާހިތުން ކިރިޔާ މި ހުރެވެނީ. އެކަމަކު، އަހަރެން ބަލި މީހެއްގެ ގޮތުގައި ހުންނަން ޖެހޭ މުއްދަތު މި ވަނީ އިތުރުވެފައި. ގޭގެ ސޯފާގައި އޮވެ، މި އަހަރު ބާކީ ބައި މި އޮތް މެޗުތައް ބަލާލުމަށް ފަހު ޖެނުއަރީ މަހު ޓީމާ އެކު އެޓޭކްކުރަން ނުކުންނާނަން،" ކިމިކް ބުންޏެވެ.
ބަޔާން ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ކިމިކަަށް ކޮވިޑް ޖެހުނީ މިދިޔަ މަހު ޕޮޒިޓިވްވެފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވީ ފަހުންނެވެ.
ކިމިކް ބުނީ ކުރިން ކޮވިޑް ވެކްސިން ޖެހުމާ އޭނާގެ ވިސްނުން ކުޑަކޮށް ތަފާތު ކަމަށެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި އެކަން ބަދަލުވެ، އޭނާ ވެކްސިން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ކިމިކް ބުނެފައިވެ އެވެ،
ކިމިކް ނުލައި ބަޔާނުން ދެން ކުޅޭނެ ތިން މެޗަކީ މައިންޒް، ސްޓުޓްގާޓް އަދި ވުލްފްސްބާގް މެޗެވެ. ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކީ އެވެ.
Comment