Advertisement

"އަނިޔާވެރި ބައްޕަގެ އުޅުން ދަރިފުޅަށް ލިބިދާނެތީ ބިރުގަނޭ"

4 ޑިސެންބަރު 2021 - 08:58 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"އަނިޔާވެރި ބައްޕަގެ އުޅުން ދަރިފުޅަށް ލިބިދާނެތީ ބިރުގަނޭ"

4 ޑިސެންބަރު 2021 - 08:58 0

ދަރިންގެ ބައްޕަގެ ފަރާތުން ލިބުނު އަނިޔާއަށް ކެތް ނުވެގެންނާއި އޭނާގެ ކިބައިގައި ހުރި އަނިޔާވެރި، ރަހުމް ކުޑަ، ގޯސް ސިފަތަކުގެ ސަބަބުން ވަރިވާ މައިންގެ ހިތުގައި، ކުދިން، އެ ކުދިންގެ ބައްޕަގެ އުޅުމަށް ހިނގައިދާނެތީ އުފެދޭ ބިރަކީ ހަގީގަތެކެވެ. މިފަދަ މައިންނަށް ދަރިފުޅުގެ ކިބައިން ކިރިޔާ ރުޅިވެރިކަމެއް ފެންނަ ވަގުތު ހިތާ ހިތާ ސުވާލުކޮށްލެވެ އެވެ. އޭނާ އެ ދަނީ އޭނާގެ ބައްޕަގެ އުޅުމަށް ހެއްޔެވެ؟ އޭނާ އަށް އެ ނުލަފާ ސިފަތައްް ލިބިދާނެ ބާ އެވެ؟ އެކަން އެހެން ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ބާވަ އެވެ؟

މި ފަދަ މައިންގެ އެންމެ ބޮޑު އެންޒައިޓީ އަކީ ކުދިންގެ ބައްޕަ އެވެ. ތަކުރާރުކޮށް ހިތު ތެރޭގައި "ރީ-ޕްލޭ" ކުރާ މާޒީގެ ހިތްދަތި ހަނދާންތަކާއި، ރަހުމެއް ނެތް އެ ގުޅުމުން ލިބުނު ވިހަ ގަދަ އަނިޔާތަކުން ހިތު ތެރޭގައި ލީ ފާރުތައް ރޮލާ ހުއްޓައި އޭގައި ރިހޭ ގޮތަށް ދަރިންގެ ފަރާތުން ކަމެއް ވުމުން އަންނަ މިފަދަ ހިޔާލުތަކަކީ ދަރިންނާ މެދު މައިމީހާގެ ހިތުގައި ކުލުނާއި ލޯބި އޮތް މިންވަރު މަދުވެގެން ވާ ގޮތެއް ނޫނެވެ. އަދި އެއީ، ކުދިންގެ ބައްޕަގެ އުޅުމާ ހެދި، އެ ކުދިން ކުށްވެރި ކުރުމެއް ވެސް ނޫނެވެ. ގިނަ ފަހަރަށް މިފަދަ މައިންގެ އެ ޓްރޯމާ، ދަރިފުޅު ހެދިބޮޑުވަމުން އަންނަ އިރު މިޒާޖަށް އަންނަ އާދައިގެ 'ނެގެޓިވް' ބަދަލުތައް ފެނި 'އާވާ' ގޮތް ވެ އެވެ.

ކުއްޖާ ބޮޑުވަމުން އަންނަ އިރު ވަކި ދުވަސްކޮޅަކު މާ ބޮޑަށް ކަންކަމާ ރުޅި އިސްކޮށްފާނެ އެވެ. އަވަހަށް އަތް އިސްކޮށް، ކުރިމަތީގައި ރައްދުގައި ބަސް ބުނެ ހަދާފާނެ އެވެ. ވިކައި، ދަތް އަޅައި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެސް ދީ ހަދާފާނެ އެވެ. ކުދިންގެ މިޒާޖަށް އަންނަ މިފަދަ ބަދަލުތައް، ދުވަހަކު އެ ފަދަ އުޅުން ނުހުންނަ މީހުންގެ ދަރިންގެ ކިބައިން ވެސް ފެނެ އެވެ. މިޒާޖަށް އަންނަ މިފަދަ ނެގެޓިވް ބަދަލުތައް ކުދިންނަށް އަމިއްލަ އަށް މެނޭޖުކުރަން ނުވަތަ މައިންބަފައިންނަށް ރަނގަޅުކުރަން ވަގުތު ވެސް ނަގާފާނެ އެވެ.

ހަމަ އެގޮތަށް، ރަހުމާއި އަގަލާއި ހަމްދަރުދީ ކުދިންގެ ހިތާއި ހަށިގަނޑުގައި ހަރުލެއްވުމަކީ ވެސް ވަގުތު ނަގައިފާނެ ކަމެކެވެ. އެހެން ނަމަވެސް، ކުދިންގެ ބައްޕަގެ ފަރާތުން އަނިޔާވެރިކަން ތަހައްމަލުކުރަން ޖެހުނު މަޔަކަށް ކުއްޖާގެ ކިބައިން ފެންނަ 'އުނދަގޫ' އުޅުންތަކާއި ސިފަތަކުން ހާސްކަމާއި ކަންބޮޑުވުން ދީފާނެ އެވެ. ހާއްސަކޮށް ފިރިހެން ދަރިންގެ މިފަދަ ސިފަތަކަށް ފާރަވެރިވެ، ޝައްކާއި ވަހުމާއި ބިރުން ސިކުނޑި ނުތަނަވަސްވުމުގެ ފުރުސަތު ބޮޑަށް އޮވެ އެވެ. ބިރާ އެކުވެގެން އަންނަ މިފަދަ ހިޔާލުތަކުގެ ސަބަބުން ބައެއް ފަހަރު މިފަދަ މައިން ކުދިންނަށް އަދަބު ދޭން ވެސް ފަށައެވެ.

"އެހެން ދިމާވަނީ އަސްލު ވަރަށް ބޮޑަށް ބިރުވެރިކަން ހިތުގައި ހުންނާތީ. އެެ ހާލަތު ތަޖުރިބާ ކުރާ މަންމައަކަށް ވަރަށް މުހިއްމު އޭނާގެ ސިކުނޑީގެ ހާލަތު އަމިއްލަ އަށް ވަޒަން ކުރެވި އެހީ ބޭނުންވާ ނަމަ އެހީ ހޯދަން،" މި ހާލަތު އިތުރަށް ތަފްސީލުކޮށްދެއްވަމުން ސައިކޮލޮޖިސްޓް، ނަދާ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަރިންނަށް މައިންބަފައިގެން މިޒާޖުގައި ހުންނަ ސިފަ ތައް ލިބުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް 'ޖީންސް' ގެ ނުފޫޒު އޮންނަނީ ކިހާ ވަރަކަށް، ކޮން ގޮތަކަށް ކަން އެއްވެސް މީހަކަށް ބުނެދޭން ނޭނގޭނެ ކަމަށާއި، 'ޖީންސް' ގެ ނުފޫޒުން ވިޔަސް، ދަރިންގެ މިޒާޖަށް އަންނަ ނުރަނގަޅު ބަދަލު ތަކަކީ އެކަށޭނަ ފަރުވާ އާއި ނަފްސާނީ މަގުދެއްކުމާ އެކު ރަނގަޅު ކުރެވިދާނެ ސިފަ ތަކެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ދަރިންގެ މިޒާޖަށް އަންނަ ގޯސް އާދަތައް ރަނގަޅުކުރަން މަސައްކަތް ކުރާއިރު ހުރިހާ ކުދިންނަށް އެއް ގޮަތަކަށް ކަންތައްތައް ކޮށްދިނުމުގެ ވިސްނުމަކީ ނަތީޖާ ރަނގަޅު ގޮތް ކަމަށް ނުވެދާނެ. ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ މިޒާޖާ ގުޅޭ ގޮތަށް އަޅައިލުމާއި ލޯތްބާއި އެހީ ދީގެން އެކުދިން ބަސް އަހާ، ލޯތްބާއި ހަމްދަރުދީ ގަބޫލުކުރާ ކުދިންނަށް ހެދުމުގެ ފުރުސަތު އޮވޭ.

އެހެންވީމަ، ދަރިފުޅުގެ ފަރާތުން ހިތަށް ނުތަނަވަސް ކަން ލިބޭ ކަމެއް ފެންނަ އިރަށް ހިތްވަރު އެލުވާލައިގެން ވާކަށް ނެތެވެ. ޝައްކު ކުރެވޭ އާދައެއް، ނުވަތަ ހިތަށް ނުތަނަވަސްކަން ދޭ ކަންތައްތަކެއް ދަރިފުޅުގެ މިޒާޖުން ފާހަގަވާ ނަމަ ހޯދަންވީ އެހީ ހޯދާނެ ގޮތެކެވެ. މައެއްގެ ހައިސިއްޔަތުން ހިއްވަރު ކޮށްފައި ދަރިފުޅުގެ ހައްގުގައި 'ދަނގަޑު ދަހަނާ' އަޅަން ޖެހުނަސް އެކަން ކުރުމުގެ އަޒުމް މައިންގެ ހުންނާނެ އެވެ.

އެމެރިކާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިން ގައި ޝާއިއު ކޮށްފައިވާ ދިރާސާ ޖާނަލްއެއް ގައި ބުނެފައިވާ ގޮތުން ދަރިންގެ މިޒާޖަށް މައިންބަފައިންގެ ވާރުތައިން 'ކްރިމިނަލް ޖީންސް' ލިބުމަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ނަމަވެސް، ކުދިންގެ ވިސްނުމާއި ފިކުރަށް މައިންބަފައިންގެ ފަރާތުން ވާރުތަވާ ކަންތައްތަކެއް ހުންނަ ކަމަށް އެ ޖާނަލް ގައި ބުނެފައިވެ އެވެ. މި ކަމަށް، 2015 ވަނަ އަހަރު 'އެމެރިކާގެ ޖާނަލް އޮފް މެޑިކަލް ޖެނެޓިކްސް ޕާޓް ބީ، ނިއުރޯސައިކޭޓްރިކް ޖެނެޓިކްސް' ގައި ޝާއިއު ކުރި އެހެން ޖާނަލް އަކުން ވެސް ހެކި ލިބެ އެވެ. ގާތްގަނޑަކަށް 780 ޓުވިން ޖޯޑު ހިމަނައިގެން ކުރި އެ ދިރާސާ ރިޕޯޓުގައި 'ޖެނެޓިކްސް' ނުވަތަ ވާރުތަ އިން ރަހުމް ކުޑަ ކުދިންނަށް ވުމުގެ ރިސްކު ބޮޑު ކުދިންގެ މިޒާޖު ވަކި ގޮތަކަށް ތަރައްގީވުމުގައި، އެކުދިން ހެދި ބޮޑުވާއިރު ކުދިން އުޅޭ މާހައުލާއި ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ގެންގުޅޭ އެޕްރޯޗް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަން ހާމަވާ ކަމަށް ބުނެފައިވެ އެވެ.

ބަނިޔާދަން ސިފަތަކާ ދަރިފުޅު ދުރުކަން ފާހަގަކުރެވޭ ނަމަ ކުރެވިދާނެ ކަންތައްތައް

ލޯތްބާއި އަޅާލުން

ކުދި ކުދި ކަންކަމުގައި މައިންބަފައިންގެ ފަރާތުން ލިބޭ ލޯބި؛ ލޯބިކޮށްލުމާއި އޮޅުކޮށްލުން ފަދަ ކަންކަމުން ޖަޒުބާތުތަކަށް ކުއްޖާ ތައާރަފްވެ އެވެ. އުނދަގޫ ވަގުތެއްގައި ދަރިފުޅު ގާތްކޮށްލައި މަސަލަސް ކޮށްލުމުން، އެހެން މީހަކު އެފަދަ ހާލަތެއް ތަހައްމަލުކުރާކަން އެނގުމުން ހަމަ އެގޮތަށް ކަންތައް ކުރަން ދަރިފުޅަށް ވެސް އެނގޭނެ އެވެ. ބޮޑުވަމުން، ސިކުނޑި ތަރައްގީވެ ފުރިހަމަ ވަމުން ދާ ވަރަކަށް މި ނަމޫނާ ދެއްކުމާ އެކު ދަރުފުޅުގެ އިހުސާސްތައް އަޑު އަހައި އޭނާ އަށް އަހައްމިއްޔަތުކަން ދިނުމުން ކުއްޖާ އަށް ހެޔޮ ބަދަލު އާދެ އެވެ.

ނަދާ ވިދާޅުވާ ގޮތުން، ކުރީގެ ބައިވެރިޔާގެ ކިބައިގައި ހުރި ސިފަތައް ދަރިފުޅުގެ ކިބައިން ހޯދުމުގެ ބަދަލުގައި ކުއްޖާގެ ކިބައިގައި ހުރި ރަނގަޅު، ރީތި ސިފަތަކާއި ހުނަރުތަކަށް ހިއްވަރު ދިނުމަކީ ވެސް ރަނގަޅު މީހަކަށް ވުމަށް ހިއްވަރު ލިބޭނެ ކަމަކެވެ.

ހަމްދަރުދީ ވާން ދަސްކޮށްދިނުން

އާންމުކޮށް އުޅޭ އުޅުމުގައި ހަމްދަރުދީ ވާން ކުދިންނަށް ދަސްކޮށްދެވިދާނެ އެވެ. މިއީ ކުދިންގެ ކިބައިގައި ނުސީދާކޮށް ހަރުލެއްވިދާނެ އާދަ އެކެވެ. ދަރިފުޅާއެކު ކުޅޭ ވަގުތު ތަކާއި އާންމުކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސްތަކުން ކުއްޖާ އަށް ހަމްދަރުދީވާން ދަސްކޮށްދެވިދާނެ އެވެ.

މިސާލަކަށް ދެތިން އަހަރުގެ ކުދިންނަށް މަންމަ ނުވަތަ ބައްޕަ ދެރަ ވުމުން އެކަން ފާހަގަކުރަން އެނގެ އެވެ. ބައެއް ފަހަރަށް ބުނެވެސް ހަދާފާނެ އެވެ. ނުވަތަ ބަލިވުމުން މަންމަ ނުވަތަ ބައްޕަ ބަލިވެއްޖެ ކަން ފާހަގަކުރަން އެނގެ އެވެ. ދަރިފުޅުގެ ފަރާތުން ފެންނަ މިފަދަ ކަންތައްތަކުން ދަރިފުޅުގެ ހިތުގައި ހަމްދަރުދީ އާއި ރަހުމް ހުރި ނެތްކަން ދެނެގަނެވޭނެ އެވެ.

ލޯތްބާއި ހިފެހެއްޓުންތަކާ އެކު ދޭ ތަރުބިއްޔަތު

ދަރިން ބޮޑެތި ކުރާއިރު، ނުވަތަ ތަރުބިއްޔަތުކުރާ އިރު 'ޕޮޒިޓިވް' އެޕްރޯޗެއް ގެންގުޅުމަކީ މުހިއްމު ކަމެކެވެ. މިފަދަ އެޕްރޯޗެއް ގެންގުޅުމަކީ، ކުއްޖާގެ ހުންނަ ނުރަނގަޅު، ނުވަތަ ބެލެނިވެރިޔާ ގަޔާ ނުވާ ސިފަތަކަށް ރައްދު ދިނުމުގެ ބަދަލުގައި ކުއްޖާގެ ފަރާތުން ބެލެނިވެރިޔާ ބޭނުންވާ ސިފަ 'ނެރެން' ހިތްވަރު ލިބޭ ގޮތަށް ކުރާ ތަރުބިއްޔަތެވެ. އެކަމަކު، މި ގޮތަށް ތަރުބިއްޔަތުކުރާ އިރު، އިންތިހާ އަށް ކެތްތެރިވުމާއެކު ލޯބި ދިނުމަކީ ފުރަތަމަ ޝަރުތެވެ.

ރަހުމްކުޑަ ނުވަތަ ކުށްކުރާ ބައިވެރިއެއްގެ ފަރާތުން އެފަދަ ސިފަ ވާރުތަ ވުމުގެ ރިސްކު އޮތް ކުއްޖެއް ކަމަށް ވާނަމަ، އަމުދުން މިފަދަ ކުދިންގެ މިޒާޖުގައި ހުންނަ ނުރަނގަޅު ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާ އިރު ހަރުކަށިކަން ދެއްކުމަކީ ނަތީޖާ އިތުރަށް ގޯސް ވުމުގެ ފުރުސަތު ބޮޑު ގޮތެކެވެ.

ހަމްދަރުދީ ވާން ނުދަންނަ މިޒާޖު ނުވަތަ 'ސައިކޯޕަތީ' އަށް ޕްރޮފެޝަނަލް އެހީ ހޯދައިގެން ރަނގަޅު ރާސްތާ ދެއްކޭނެ އެވެ. ދަރިފުޅާ ދެމެދު އޮންނަ ގުޅުން އަމިއްލަ އަށް މި ފަދަ ރާށްތާއަކަށް ގެންދަން ފަށައިގަންނަން އުނދަގޫވާ ނަމަ ޕްރޮފެޝަނަލް އެހީ ހޯދުމަކީ މުހިއްމު ކަމެކެވެ.

ދަރުފުޅުގެ މިޒާޖުން އަނިޔާވެރި ބައިވެރިޔާގެ މިޒާޖު ސިފަވާން ފަށައިފިނަމަ މިއީ ހުސް ކުރެވޭނެ ކަންތައްތަކެވެ. މިނޫނަސް ކުރެވޭޏެ ބައިވަރު އެހެން ކަންތައްތައް ވެސް ހުންނާނެ އެވެ. ހަނދާނުގައި ބަހައްޓަންވީ، ދަރުފުޅަށް ވާރުތަ ކުރަނީ ހަމައެކަނި އެކެއްގެ އުޅުމާއި މިޒާޖު ނޫން ކަމެވެ.

ނޯޓް: މި އާޓިކަލްގެ ބޮޑު ބައި މައެއްގެ ނަޒަރުން ގެނެސްދީފައި އޮތަސް، ހަމަ މި ހާލަތު ބައްޕަ އަކު ވެސް ތަޖުރިބާ ކޮށްފާނެ އެވެ. އަނިޔާވެރިކަން ދެ ޖިންސް ގެ މީހުން ވެސް ތަޖުރިބާ ކުރެ އެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ ކަންތައްތަކާއި ގޮންޖެހުންތަކުގައި ވަކި ޖިންސެއް ތަފާތު ނުވެ އެވެ.