Advertisement

ދިގު ވާހަކަ: ތޫފާން

2 ޑިސެންބަރު 2021 - 17:02 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ތޫފާން

2 ޑިސެންބަރު 2021 - 17:02 1

(ފަސް ވަނަ ބަޔާ ގުޅޭ)

"ރިޔާޝާ." އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

ކޮޓަރީގައި ތިބި ދެމީހުންނަށް ސިހުން ލިބުނެވެ. އަހަންނަށް ރުޅި ކޮންޓްރޯލު ނުކުރެވުނެވެ. އެ މީހުންނާ ދިމާއަށް ދުއްވާގަނެވުނެވެ. ރިޔާޝާއާއެކު އޮތް މީހާގެ ހަރަކާތްތައް އަވަސްވިއެވެ. އަހަންނަށް ގޮސް ހިފުނީ އޭނާގެ ކަރުގައެވެ.

"ބަލައިބަލަ. ކަލޭ މިތަނަށް ވެއްދީ ކާކު؟ އޭން، ބުނެބަލަ." އަހަންނަށް ދަތްކުނޑިވިކާލެވުނެވެ.

އެއީ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެވެ. ބަލާ ބެލުމަށް ރީތި މީހެކެވެ. އަހަންނަށް ވުރެ އަހަރެއް ވަރު ދޮށިވާނެހެން ވެސް ހީވިއެވެ. އޭނާ ތެޅިގަތެވެ. އަމިއްލަ ދިފާއުގައި އަތް ހޫރައިލިއެވެ. އަހަރެން ވިއްސައިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ޖީންސު މަހައިލަމުން ބޮލުން ޓީޝާޓު ވައްޓައިލިއެވެ.

"ޖަނަވާރު. ކަލޭއަށް މި ނޫން ގެޔެއް ނުފެނުނީތަ؟" އަހަރެން އަނެއްކާ ވެސް އޭނާއާ ދިމާއަށް ފުންމައިގަތީމެވެ.

"ރިޔާ މި ކާކުތަ؟" އޭނާ އަނެއްކާ ވެސް އަހަރެން ފޮޅުވާލިއެވެ.

"ޔަނާލް." ރިޔާޝާ ހަޅޭއްލަވާ ގަތެވެ.

"އަރީފެއް ނޫން މިތަނުން ނުކުންނަންވީ. މިތަނުން ނުކުންނަންވީ ކަލޭ،" ރިޔާޝާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. "އަރީފު އައީ އަހަރެން ބުނެގެން. އަހަރެން ބޭނުން ވެގެން. އެނގިއްޖެތަ؟ ވިސްނިއްޖެތަ؟"

ރިޔާޝާގެ އަޑު ޖެހިފައި އަހަންނަށް ހިމޭންވެވުނެވެ. އޭނާ އެ ހުރިގޮތަށް ގޮސް އަރީފުގެ ގައިގައި ބައްދާލިއެވެ. އަރީފުގެ މޫނު ކައިރިކޮށްލިއެވެ.

"ވަރަށް ޖޭ ވެއްޖެ ދޯ. ބަލަން ކެރެންޏާ މަޑުކޮށްލާ. އެހެން ނޫނީ ބައިވެރިވެލަން އާދޭ. ނޫނީ މިތަނުން ދާން އުޅޭ. މީސްމީހުންގެ ހުއްދަ ނުހޯދާ ގޭގެއަށް ވަންނަންޏާ ރީތި ގޮތަކަށް ބޭޒާރު ކޮށްލަފާނަން." ރިޔާޝާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

"ޗީ. އަހަރެން ތިހާ ދަށު ދަރަޖައަށް އަދި ނުވެއްޓެން. އަހަންނަށް ކުރިއަކުން ނޭނގެ ތީ ހަވަރު ތުންފުއްސެއްކަމެއް. ބޮޑު ސައިބޯންޏެއް ކަމެއް. އެނގުނު ނަމަ ވައި ވެސް ނޭޅުނީމުސް." ފާޑަކަށް ފަކުރުގަންނަ ގޮތްވާން ފެށިއެވެ.

"އާން. ތީ މާސަހަލު މީހެއްތަ؟ ތީ ވަކި ކުޑަ ސައިބޯންޏެއްތަ؟ ފުރަތަމަ ތިމާއަށް އުޅެވުނުގޮތް ހަނދާންކޮށްބަލަ. މީހުންނާ ދިމާއަށް ގުދޯ ގުދޯ ގޮވޭނީ ފުރަތަމަ ތިމާގެ ގުދު ތެދުކޮށްގެންދޯ. އެހެން ނޫނަސް ކަލޭ އަހަންނާ އެކު އުޅުނީ ހަމައެކަނި އެންމެ ކަމެއްގަ. އެންމެ ބޭނުމެއްގަ. އެހެންނުވާނީ ކަލޭއަކީ ފައްކާ ވިގަންޏެއް ވިއްޔަ. ބޮލަށް ވިގަނި ވަދެފަ ހުންނައިރު އަނެއްކާއަށް ވާނެ ގޮތެއް ނުވިސްނާ ޖައްބާރެއްވިއްޔަ." ރިޔާޝާ ރުޅިވެރިކަމާއެކު އަހަންނާ މުޚާތަބުކުރަމުން ދިޔައެވެ.

"އަހަރެން އުފާކުރަން ކަލޭގެ މުސީބާތުން މިންޖުވާން އަހަރެންގެ އަމިއްލަ ދެފައިން ހިނގައިފަ، މި ތަނަށް ވަދެވި މި ހުރިހާ ކަމެއް އަހަރެންގެ މި ދެ ލޮލަށް ފެނުނީމަ. ދުޢާކުރާނަށް ކަލޭއަށް ހެޔޮ ވިސްނުން ދެއްވާތޯ." އަހަންނާށް ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށުނެވެ.

"އަހަރެން ދުޢާ ކުރާނަން ކަލޭއަށް މޮޅު ގޮތެއް ނުވޭތޯ. ރަނގަޅު ގޮތެއް ނުވޭތޯ. ކަލޭ މީހަކާ އިނަސް އެ މީހެއް ފުށުން ކަލޭއަށް އަރާމެއް އުފަލެއް ނުލިބޭތޯ،" ރިޔާޝާގެ ވިހަ ޖުމުލަތައް އަމާޒުކުރީ ސީދާ އަހަންނާ ދިމާއަށެވެ. "އޭރުންތާ ކަލޭއަށް އަހަރެންގެ ފުށުން ލިބުނު އުފާތަކުގެ އަލާ ނުކެނޑި އަބަދުމެ ހުންނާނީ."

"ރިޔާ. ޕްލީސް." އަހަންނަށް ކުރިއަށް ޖެހިލެވުނެވެ.

ރިޔާޝާއަށް ވިސްނައިދޭން ހިތް އެދުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވީނަމެސް އަދިވެސް އަހަރެން ރިޔާޝާ ބޭނުންވެއެވެ. އަހަންނަށް ވެސް ކުރެވުނީ އެއްކަމެކެވެ. އޭނާ ވެސް އެ ކުރަނީ އެއް ކަމެކެވެ. ރުޅި އައުމުގެ ހައްގެއް އަހަންނަކަށް ވެސް ރިޔާޝާއަކަށް ވެސް އަރީފަކަށް ވެސް ނެތެވެ. ހަގީގަތުގައި ރުޅި އަންނަންވީ ވެސް އަރީފެވެ. އަހަންނަށް ރުޅި އައިސްގެން އޭނާގެ ގަޔަށް ބޮލަށް އެރިއްޖެއެވެ. އޭނާއަށް އަނިޔާ ކުރެވިއްޖެއެވެ. ނުލަފާ މީހަކު ނަމަ އަހަރެން އަވަދިކޮށްލާނެ ފުރުސަތު އަހަންނަށް ތަނަވަސް ކޮށްދެވިއްޖެއެވެ.

ގޮތް ހުސްވެފައިވާ މީހަކު ފަދައިން އަހަރެން މިސްރާބު ޖެހީ ބޭރަށެވެ. ހަތަރު އުދަރެސް ފެނު ޖެހިފައިވާކަމުގެ އިހުސާސް ކުރެވެން ފެށުނީ އެ ވަގުތުއެވެ. އަހަރެން ބޭރަށް ނުކުތް އިރަށް މުޅިތަން އަލިވިއެވެ. ވިދައިލި ވިދުވަރުގެ ސަބަބުން އަހަންނަށް ވެސް ސިހުން ލިބުނެވެ. އިރުކޮޅެއް ނުވަނީސް ބާރުބާރަށް ގުގުރާން ފެށިއެވެ. އެއާއެކު ބޮޑު ތިކި ވާރޭ އޮހިގަތެވެ. ވައި ބާރުވަމުން ދިޔައެވެ. ހީވަނީ ގަސްތައް ވެސް މުލުން ލުހެލައި އުކައިލާނެ ހެންނެވެ. އެހައި ވެސް ބާރަށް ވައި ޖެހެމުން ދިޔައެވެ. އަހަރެން ބޭނުންވީ އެ ތޫފާނުގެ ތެރޭގައި ތެމިގެން ކުރިއަށްދާށެވެ. ހިތަށް ލިބިފައިވާ ވޭނަށް ފަރުވާއަކަށް އެކަން ވެދާނެ ކަމަށް ބަލައިފައެވެ.

ކުއްލިއަކަށް ގުގުރައިލުމާއެކު ސިހޭގޮތް ވިއެވެ. ގުގުރީގެ ބާރު އަޑުން ކަންފަތް ބައްވާ ގޮއްވިއެވެ. ވިދުވަރުގެ އަލީ ސަބަބުން މުޅި މާހައުލު އެކުގައި ދިއްލުނެވެ. ހުދުވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

ލޯ ހުޅުވާލެވުނީ ކޮންމެ ވެސް ބަޔެއްގެ ވާހަކައިގެ އަޑު އިވިފައެވެ. އޭރު ވެސް އަޑުތައް ހުންނަނީ އެއްވެފައެވެ. ބަރު ވެފައެވެ. އެއްވެސް އަޑެއް ސާފެއް ނުވެއެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލަން މަސައްކަތް ކުރީމެވެ. ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. ލޮލުން އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރެވޭހެން ހީވާން ފެށިއެވެ. އެހެންވެ އަތް ހިއްލައިލަން އުޅުނީމެވެ.

ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފިއެވެ.

"އިހަށް މަޑުކޮށްލާ." އެ އަޑު އަހަންނަށް އިވުނީ ވަރަށް ބަރުކޮށްނެވެ.

ހީވަނީ ހޮޅިއެއްގެ ތެރެއިން ބަރުއަޑެއް އަންނަހެންނެވެ. އަޑު ހުންނަނީ އެކަހަލަ ގޮތެއް ވެފައެވެ. މާހައުލުގެ އަޑުތައް ވެސް ހުންނަނީ އެއްވެފައެވެ. ބަށްވެފައެވެ. ވަކިވަކި އަޑުތައް ސާފުވާގޮތެއް ނުވިއެވެ. އެހެން އޮއްވާ ތޫނު އެއްޗެއް ހަރައިލިކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

އެތައް އިރެއް ފަހުން ހޭލުވުނެވެ. ނަމަވެސް ލޮލެއް ނުހުޅުވުނެވެ. މިފަހަރު އަޑުތައް ސާފުކޮށް އިވެއެވެ. އަހަރެން އަތް ހަރަކާތްކޮށްލީމެވެ. ކޮންމެ ވެސް މީހަކު އަހަރެންގެ އަތުގައި ހިފިއެވެ.

"ފެން ފޮދެއް." ކަރު ހިއްކާވަރުން ބުނެލެވުނެވެ.

"ހިނގާ ފެން ފޮދެއް ބޯލަން." އިވުނީ އަންހެނެއްގެ އަޑެވެ.

އަހަރެންގެ ތުންފަތުގައި ފެންތަށި ޖެއްސުމުން ފެން ފޮދެއް ބޮއެލީމެވެ. ދެތިން ކޯވަރު ބޮއެލީމެވެ.

"އަހަންނަށް ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ.

"ޔަނާލް. ޔަނާލަށް އެއްވެސް ކަމެއް ނުވޭ. އެކަމަކު." އެ މީހާ ކިޔައިދިނެވެ.

"އެކަމަކު ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ. "ތީ ކާކު؟ އަހަރެން މިއޮތީ ކޮންތާކު؟"

"އަހަރެން މީ ޔަލްވީ، ޔަނާލް ތި އޮތީ ހޮސްޕިޓަލުގައި." ކުރިން ވާހަކަދެއްކި މީހާ ބުނެލިއެވެ.

"ކޮން ޔަލްވީއެއް؟ އެ ކާކު؟" އަހަރެން އަހައިލީމެވެ.

"އަހަންނަކީ ނަރުހެއް. މި ހޮސްޕިޓަލުގައި އުޅޭ ނަރުހެއް. ޔަނާލް މިތަނަށް ގެނައީ މަގުމަތީގައި އޮއްވާ. ހޮނު އެޅުމުގެ ސަބަބުން ކައިރީ ގެއަކަށް ގެއްލުން ވެގެން އެ ގޭގެ މީހުން ސަލާމަތްކުރާން އުޅުނު ބަޔަކަށް ޔަނާލް ފެނިގެން ގެނައި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ."

"އަހަންނަކީ ކާކު؟" އަހަންނަށް އަހަންނަކީ ކާކުކަން ވެސް އޮޅޭގޮތްވިއެވެ.

"ޔަނާލް. ތިޔައީ ޔަނާލް،" އަހަންނަށް އިވުނީ އަންހެނެއްގެ އޯގާތެރިއަޑެވެ. "އަހަރެން މީ ޔަލްވީ. ޔަނާލް ތި އޮތީ ހޮސްޕިޓަލުގައި.:

"ކޮން ޔަނާލެއް؟ އެ ކާކު؟ ކޮން ޔަލްވީއެއް؟" އަހަންނަށް އަހައިލެވުނެވެ.

"ޕޭޝަންޓުގެ ނަމަކީ ޔަނާލް. މުޙައްމަދު ޔަނާލް." ޔަލްވީ ދެވަނަ ފަހަރަށް ކިޔައިދިނެވެ. "އަހަންނަކީ ނަރުހެއް. ޔަނާލް މިތަނަށް ގެނައީ މަގު މަތީ އޮއްވާ."

"ކީއްވެ ޔަނާލް ކިޔަންވީ؟ އަހަންނަކީ ޔަނާލްތަ؟ އަހަންނަށް ކިހިނެއްވީތަ؟" އަހަންނަށް ވެގެން އުޅޭގޮތް އޮޅޭގޮތްވިއެވެ. "ކީއްވެތަ އަހަރެންގެ ބޮލާއި މޫނު އެއްސީ. ކީއްވެ އަހަންނަށް އެއްވެސް ތަނެއް ނުފެންނަނީ."

ވެގެން އުޅޭގޮތް ސާފުނުވާތީ އަހަންނަށް ސުވާލަކަށްފަހު ސުވާލެއް ކުރެވެމުން ދިޔައެވެ. ކުއްލިއަކަށް އަހަންނަށް މިވީ ކީއް ހެއްޔެވެ؟ އަހަންނަށް އެއްވެސް އެއްވެސް ކަމެއް ހަނދާނެއް ނުވެއެވެ. ކުރިން ވެފައި ހުރިކަމެއް ނޭނގެއެވެ. ކުޑަމިނުން އަހަންނަކީ ކާކުކަން ވެސް އަހަންނަކަށް ނޭނގެއެވެ.

(ނުނިމޭ)