Advertisement

ބޭލްގެ އެޖެންޓާއި ރެއާލްގެ ސަޕޯޓަރުންގެ ގްރޫޕްގެ "ކޯޅުމެއް"

27 ނޮވެންބަރު 2021 - 08:22 0


ބޭލްގެ އެޖެންޓާއި ރެއާލްގެ ސަޕޯޓަރުންގެ ގްރޫޕްގެ "ކޯޅުމެއް"

27 ނޮވެންބަރު 2021 - 08:22 0

މެޑްރިޑް (ނޮވެމްބަރު 27) - ގަރެތު ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ އެސޯސިއޭޝަން (ގްރޫޕް) ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ރެއާލްގެ ޓްރެއިނިން ސެންޓަރަށް ބޭލް ދިއުމުން އޭނާއާ ވަރަށް ބޭއަދަބީ ގޮތަކަށް ރެއާލްގެ ސަޕޯޓަރުން ދިމާކުރާ ކަމަށް ބުނެ، ބޭލްގެ އޭޖެންޓް ވަނީ ދާދި ފަހުން ރެއާލް ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އަބަދުވެސް ފެންނަނީ ބޭލް އަށް ރެއާލް ސަޕޯޓަރުން އިހުތިރާމް ކުޑަކޮށް ކަންތައް ކުރާ ކަމަށް ބާނެޓް ބުނެފައިވެ އެވެ.

ބާނެޓްގެ އެ ވާހަކަތަކާ ބެހޭގޮތުން ރެއާލްގެ ރަސްމީ ސަޕޯޓަރުންގެ ގްރޫޕުން އާންމުކުރި ބަޔާނުގައިވާ ގޮތުން ބޭލްގެ އޭޖެންޓް ބާނެޓަކީ ތަކުރާރުކޮށް ރެއާލް ސަޕޯޓަރުންނާ ބެހޭގޮތުން މީޑިއާގައި ގޯސްކޮށް ވާހަކަ ދައްކާ މީހެއް ކަމަށާއި އެކަން އެ ގޮތަށް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ރެއާލް ސަޕޯޓަރުންގެ ގްރޫޕްގެ ބަޔާނުގައިވާ ގޮތުން ބޭލް އަށް ރެއާލްގައި ކާމިޔާބު ކެރިއަރެއް ފުރިހަަމަ ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ ބާނެޓް މީޑިއާގައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ. މީގެ ކުރިން ވެފައިވާ ކަންތައްތަކަށް ބަލާއިރު، ރެއާލްގެ ކޯޗަކަށް ކުރިން ހުރި ޒިނެދިން ޒިދާނާއި ބޭލްގެ ދެމެދު މައްސަލަ ގޯސްވެފައިހުރީ ބާނެޓްގެ ސަބަބުން ކަމަށް ރެއާލް ސަޕޯޓަރުންގެ ގްރޫޕުން ބުނެފައިވެ އެވެ.

ބޭލް އެންމެ ފުރަތަމަ ރެއާލަށް އައިސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރިއިރު، އެކަން ކުރެވުނީ ސަޕޯޓަރުންނާ ގުޅިގެންކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު، ފަހަކަށް އައިސް ބޭލް އަށް ރެއާލްގައި ދެމެހެއްޓެނިވި ގޮތެއްގައި ސަޕޯޓަރުންގެ ލޯބި ލިބޭ ވަރުގެ ފޯމެއްގައި ނުކުޅެވެ އެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ. އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް މިދިޔަ ސީޒަނުގައި ޓޮޓެންހަމަށް ކުޅެ މުހިއްމު ގޯލުތަކެއް ޖެހި އެވެ.

ޓޮޓެންހަމްގެ ލޯން ފުރިހަމަކޮށް، އަލުން މި ސީޒަނުގައި ރެއާލަށް ބަދަލުވެ، ބޭލް ވަނީ މި ސީޒަނުގައި ރެއާލްގެ ފުރަތަމަ މެޗުތަކުގައި ކުޅެފަ އެވެ. އެކަމަކު، ފަހުން އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލި މިހާރު ހުރީ ފޯމު ދަށްވެފަ އެވެ.

އެހެންވެ، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ، ބޭލްގެ ފިޓްނަސް މައްސަލަ އަށް ބަލައި އޭނާ އަށް ފުރުސަތު ނުދެ އެވެ. ޓްރެއިނިން ތެރެއިން ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބޭލް ކުޅުމާ ދުރަށް ދިޔައީ އޮގަސްޓް މަހުގެ ފަހުކޮޅުގަ އެވެ. އެކަމަކު، ބޭލް ވަނީ އޭގެ ފަހުން މެޗެއް ނުކުޅުނު ކަމުގައި ވިޔަސް ދާދި ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ވޭލްސް ގައުމީ ޓީމުގައި ހިމެނިފަ އެވެ.

ބާނެޓް ބުނީ ކްލަބްގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކަކީ ބޭލްގެ ރަނގަޅު ފޯމު ކުރިއަށް ނުދެވޭ ސަބަބު ކަމަށެވެ.

މީގެ ކުރިން ވެސް ބޭލް އާއި ރެއާލް ސަޕޯޓަރުންގެ ދެމެދު ވަނީ ކަންތައްތަކެއް ހިނގައިފަ އެވެ. އޭގެ ތެރެއިން އެއް ކަަމަކީ ވޭލްސް އަށް ކުޅުނު މެޗެއްގެ ތެރޭގައި ބޭލް ގެންގުޅުނު ބެނާއެއްގައި ޖަހާފައިވާ ލިޔުމެއްގެ ސަބަބުން ދިމާވި ކަންތައްތަކެވެ.

ޔޫރޯ ކޮލިފައިންގެ މެޗެއްގައި 2019 ވަނަ އަހަރު ބޭލް ހިފައިގެން ހުރި އެ ދިދައިގައި ޖަހާފައިވަނީ "ވޭލްސް. ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑާ" މިހެންނެވެ. ބޭލް އަކީ ހުސް ވަގުތުތަކުގައި ގޮލްފް ކުޅެން ފޯރި ހުންނަ ކުޅުންތެރިއެކެވެ.